02 މާޗް 2021 - 11:50

ޒިއުރިކް (މާޗް 2) - ހަތް ހަފުތާ އަށް ފަހު ކޮވިޑް ކޭސްތައް މުޅި ދުނިޔޭގައި ވެސް އިތުރުވާން ފަށާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
"އަޅުގަނޑުމެން އެންމެން ވެސް ހަރުކަށި އިންޒާރެއްގެ މަތިން ހަނދާން ކުރަން ޖެހޭ. އެއީ ކުޑަކޮށް ވެސް ދުލެއް ދީފި ނަމަ މި ވައިރަސް އަނެއްކާވެސް ފެތުރިގަންނަން ފަށާނެކަން،" ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް ފްރޫފުގެ މާރިއާ ވަން ކާކޯވް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ކޭސްތައް އިތުރުވުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އެކަމަކު އެއީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ. އަދި ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް ގައުމަކުން ދުލެއް ނުދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ޓެޑްރޯސް ވިދާޅުވީ އެހެން ފިޔަވަޅުތައް ދޫކޮށްލުމަށް ފަހު ހަމައެކަނި ވެކްސިން ޕްރޮގްރާމަށް ބަރޯސާވުން އަދި މާއަވަސް ކަމަށެވެ.
"ގައުމުތަކުން ވެކްސިނަށް އެކަނި ބަރޯސާވާން ފަށައިފި ނަމަ އެ ހަދަނީ ގޯހެއް. އަސާސީ ސިއްހީ ފިޔަވަޅުތަކަކީ ބައްޔާ ދެކޮޅަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު،" ޓެޑްރޯސް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީސް ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ މީގެ 10 ހަފުތާ ކުރިން ވެކްސިން ދޭން ފެށުމުގެ ކުރިއަށް ވުރެ، ވައިރަހާ ދެކޮޅަށް ކުރެވޭ މަސައްކަތް މިހާރު ރަނގަޅު ކަމަށެވެ. އެކަމަކު ވައިރަސް ކޮންޓްރޯލްވާ ކަމަށް ބުނުން މާއަވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔެ އިން މިހާތަނަށް ވަނީ 115,003,270 މީހުންނަށް ކޮވިޑް ޖެހި 2,550,489 މީހުން މަރުވެފަ އެވެ.