މި އަހަރު ވެސް ކޮވިޑް ނައްތާނުލެވޭނެ: ޑަބްލިއުއެޗްއޯ
މި އަހަރު ވެސް ކޮވިޑް ނައްތާނުލެވޭނެ: ޑަބްލިއުއެޗްއޯ

ޖެނީވާ (މާޗް 2) - މި އަހަރު ވެސް ދުނިޔެ އިން ކޮވިޑް-19 ނައްތާނުލެވޭނެ ކަމަށާއި އެ ބައްޔާ އެކު އަދިވެސް ދުވަސްތަކަކު އުޅެން ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ އިމަޖެންސީސް ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ބަލި ނައްތާނުލެވުނު ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މަދު ކުރެވިދާނެ ކަމަށެވެ. އަދި ހަތް ހަފުތާ އަށް ފަހު ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވީ ނަމަވެސް ކޮރޯނާވައިރަސް މި އަހަރު ތެރޭ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް ރަޔަން އުއްމީދު ކުރައްވަ އެވެ.

"މި އަހަރު ނިމޭއިރު މި ވައިރަސް ނައްތާލެވޭނެ ކަމަށް ބުނުމަކީ ހަގީގަތާ ވަރަށް ދުރު ކަމެއް. އެކަމަކު މި ރޯގާ ބަލިމަޑުކަމާ ގުޅިފައިވާ ހިތާމަވެރިކަންކަން މަދު ކުރެވިދާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޔަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯ އިން މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެކަކު ގައިން އަނެކަކު ގަޔަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށާއި އާ ވޭރިއަންޓްތައް އުފަންވުން މަދު ކުރުމަށް ކަމަށެވެ. ހެލްތުކެއާ އަދި ފްރަންޓްލައިން ސްޓާފުންނާއި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް ވެކްސިން ޖެހުމަކީ ވެސް ބަލީގައި ނުރައްކާތެރި ހާލަތަކުން ސަލާމަތްކޮށްދޭނެ ކަމެއް ކަމަށް ރަޔަން ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގަބްރެޔުސެސް ބޭނުން ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އުޅޭ ހެލްތުކެއާ ވޯކަރުން މި އަހަރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެކްސިން ޖެހުމެވެ. މިހާރު ބާކީ އޮތީ 40 ވަރަކަށް ދުވަހެވެ. ކޮވެކްސް ޕްރޮގްރާމުގެ ތެރޭން ފުރަތަމަ ވެކްސިން ގާނާ އާއި އައިވަރީ ކޯސްޓުގައި ޖަހަން ފަށާފައިވަތީ ޓެޑްރޯސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

"ފަގީރު ގައުމުތަކުގެ ހެލްތުކެއާ ވޯކަރުންނަށް ވެކްސިން ޖަހަން ފެށުމަކީ ހިތްވަރު ލިބޭ ކަމެއް. އެކަމަކު މުއްސަނދި ގައުމުތަކުގައި ވެކްސިން ޖަހަން ފެށިތާ ތިން މަސް ފަހުން ފަގީރު ގައުމުތަކުގައި ވެކްސިން ޖަހަން ފެށުމަކީ ހިތާމަކުރާ ކަމެއް،" ޓެޑްރޯސް ވިދާޅުވި އެވެ.