01 މާޗް 2021 - 23:19

އޮކްސްފޯޑް-އެސްޓްރާޒެނެކާ އަދި ފައިޒާ-ބައޮންޓެކްގެ ވެކްސިނުގެ އެންމެ ޑޯޒަކުން ވެސް ކޮވިޑް-19 ގައި ބަލީގެ ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ހާލަތު 80 ޕަސެންޓް ދަށްކޮށްދޭ ކަމަށް އިންގްލެންޑުގައި އެއްކުރި މައުލޫމާތުން ހާމަވެއްޖެ އެވެ.
ޕަބްލިކް ހެލްތު އިންގްލެންޑުގެ މި ޑޭޓާގައި ބަލާފައި ވަނީ އުމުރުން 80 އަހަރުން މަތީގެ މީހުންނަށް ވެކްސިނުން ލިބޭ ހިޔާމަތް ދެނެގަތުމަށެވެ. މީގެ އިތުރުން ސްކޮޓްލެންޑުގައި އެއްކުރި މައުލޫމާތުން ވެސް ވެކްސިންގެ ނަތީޖާ ހަމަ މިހާ ކާމިޔާބުކޮށް ވަނީ ފެނިފަ އެވެ.
އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވީ މިއީ ވަރަށް މުހިންމު ނަތީޖާތަކެއް ކަމަށެވެ.
ހެންކޮކް ވިދާޅުވީ އިނގިރޭސި ވިލާތުގައި މިހާތަނަށް 20 މިލިއަން މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި ވާއިރު ހޮސްޕިޓަލްގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. މިއީ ވެކްސިންގެ ސަބަބުންކަން މިހާރު އެނގޭ ކަމަށް ހެންކޮކް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވަކިން ހާއްސަކޮށް، އުމުރުން 80 އަހަރުން މަތީގެ މީހުން އެޑްމިޓްކުރަން ޖެހުނު މިންވަރު ދަށްވި ކަމަށެވެ. މިދިޔަ ދެތިން ހަފުތާއަށް ބަލާއިރު މުޅި އިނގިރޭސި ވިލާތުގައި ވެސް މި އުމުރުގެ މީހުން ކޮވިޑް ބަލީގައި އެޑްމިޓްކުރަން ޖެހުނު އަދަދު ވަނީ 10 އިން ދަށްވެފަ އެވެ.
ޕަބްލިކް ހެލްތު އިންގްލެންޑުގެ ވެކްސިން ޕްރޮގްރާމްގައި އިސްކޮށް މަސައްކަތްކުރައްވާ ޑޮކްޓަރު މޭރީ ރަމްސޭ ވިދާޅުވީ ބަލި ފެތުރުން ވެކްސިންގެ ސަބަބުން ދަށްކޮށްދޭކަމާއި އެކަމުގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްވާ ކަމުގެ ހެކި އިތުރަށް އަންނަނީ ލިބެމުން ކަމަށެވެ.
"މިކަމާ ބެހޭ އިތުރު ޑޭޓާ އަދި އަންނަން ހުރީ. މިހާތަނަށް ލިބިފައިވާ ނަތީޖާއިން، ވެކްސިންގެ ސަބަބުން ހެޔޮ ބަދަލެއް އަންނަ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.
ޕަބްލިކް ހެލްތު އިންގްލެންޑުގެ ޑޭޓާ އިން ދައްކާ ގޮތުގައި އޮކްސްފޯޑް ވެކްސިނަށް ވުރެ މަސް ދުވަސް ކުރިން އިނގިރޭސި ވިލާތުގައި ދޭން ފެށި ފައިޒާ ވެކްސިނުން، ކޮވިޑްގައި މަރުވުމުގެ ފުރުސަތު 83 ޕަސެންޓް ދަށްކޮށްދެ އެވެ. އަދި އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ ތިން ހަފުތާ ފަހުން އެ މީހުންގެ ކިބައިން ބަލީގެ އަލާމާތެއް ފެނުމުގެ ފުރުސަތު 60 ޕަސެންޓް ދަށްވެ އެވެ. --ބީބީސީ