ވީއައިއޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދޭން ފަށައިފި
ވީއައިއޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ފަށައިފި އެވެ.

މި ކެމްޕޭނުގެ ދަށުން ވެކްސިން ދިނުމަށް އެއާޕޯޓުގެ ރެކްރިއޭޝަނަލް ސެންޓަރުގައި ވަނީ ޚާއްސަ ތަނެއް ހަދައިފަ އެވެ. މި ސެންޓަރަށް އެޗްޕީއޭގެ އެޕްރޫވަލް ލިބިފައިވާއިރު މި ސެންޓަރުގައި އެމްއޭސީއެލްގެ ވޮލަންޓިއަރުންގެ އިތުރުން ޕެރަމެޑިކް މީހުން ހިދުމަތް ދޭނެ އެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި މި ކެމްޕޭނުގެ ދަށުން އެއާޕޯޓުގެ ފާސް އޮތް ކޮނެމް މީހަކަށް ވެސް ވެކްސިން ޖެހޭނެ އެވެ. ވެކްސިން ޖަހައި ދޭނީ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

ވެކްސިން ޖެހުމަށް ކިޔޫގައި ތިބެން ޖެހޭ ވަގުތު މަދު ކުރުމަށް އެމްއޭސީއެލުން ވަނީ "ކިޔުބީ" މެދުވެރިކޮށް ޓޯކެން ނަންބަރު ނެގޭ ގޮތް ހަދައިފަ އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް ވިދާޅުވީ މި ކެމްޕޭނުގެ މަގުސަދަކީ ވީއައިއޭގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ވެކްސިން ޖަހައިގެން ތިބި ބައެއްކަން ކަށަވަރު ކުރުން ކަމަށެވެ. އަދި ވީއައިއޭ ވެގެންދާނީ ހުރިހާ މުވައްޒަފުންނަށް ވެކްސިން ދޭ ދުނިޔޭގެ ފުރަތަމަ އެއާޕޯޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށުމުން އެމްއޭސީއެލުން ވަނީ ވީއައިއޭގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން، ހިިދުމަތް ހޯދަން އަންނަ މީހުން ގައިދުރުކަން ބެހެއްޓުމަށާއި އެއާޕޯޓުގައި މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ. މީގެ ސަބަބުން ވީއައިއޭ ވެގެންދިޔައީ އޭސީއައިގެ ހެލްތު އެކްރެޑިޓޭޝަން ސެޓްފިކެޓް ލިބުނު އޭޝިއާގެ ދެވަނަ އެއާޕޯޓަށެވެ.