ރާއްޖެ އިޝްތިހާރު ކުރަން ބޭރުގެ ސެލެބްރެޓީން މުހިންމު: މައުސޫމް
ރާއްޖެ އިޝްތިހާރު ކުރަން ބޭރުގެ ސެލެބްރެޓީން މުހިންމު: މައުސޫމް

ބޭރ ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރަން ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން ގެނައުން މުހިންމު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މޮޓޯ ޖީޕީ ވޯލްޑް ޗެމްޕިއަންޝިޕް ތިން ފަހަރަށް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ޖޯޖް ލޮރެންޒޯ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ލޮރެންޒޯ ރާއްޖެ އައުމާ ގުޅިގެން މައުސޫމް ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުން މުހިންމު ކަމަށެވެ. މިއީ މިހާރު ޓޫރިޒަމް ޕޮލިސީގައި ވެސް ހިމަނާފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ސެލެބްރިޓީން ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ސަބަބުން ގިނަ ބަޔަކު ރާއްޖެ އަންނަން ބޭނުންވާނެ ކަމަށެވެ. މީގެ ސަބަބުން އެ ސެލެބްރެޓީއަކު ނިސްބަތްވާ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވާ ދިވެހި ޒުވާނުންނަށް ވެސް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއިން ކޮންމެ ކަމަކުން އަންގައިދޭން ބޭނުން ވަނީ ރާއްޖޭގެ ޓޫރިޒަމަކީ އެންމެންނާ ގުޅިފައިވާ އެއްޗެއްކަން. އެންމެ ބޮޑަށް އަޅުގަނޑު ހިތްހަމަ ޖެހިގެން ދަނީ މިފަދަ ސެލެބްރެޓީން އައުމުން އެ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވާ ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބިގެންދާކަން،" މައުސޫމް ވިދާޅުވި އެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ ސެލެބްރެޓީންނަށް ކަމުދާ މަންޒިލެކެވެ. މީގެ ތެރޭގައި ކޮންމެ އަހަރަކު ރާއްޖެއަށް އަންނަ މީހުންވެސް ހިމެނެ އެވެ. މިފަދަ ސެލްބްރެޓީންގެ ތެރޭގައި ބޮލީވުޑުގެ ގިނަ ތަރިން ހިމެނެ އެވެ.

މައުސޫމް ވިދާޅުވިގޮތުގައި، ޗުއްޓީ ހޭދަ ކުރަން އަންނަ ސެލެބްރެޓީން ލައްވައި ރާއްޖެ އިޝްތިހާރު ކުރަން މިހާރުވެސް ދައުވަތު ފޮނުވަ އެވެ. ނަމަވެސް ގިނަ ސެލެބްރެޓީން ޕްރައިވެސީ ބޭނުންވާތީ އެ ޕްރައިވެސީ ދެނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ސެލެބްރެޓީން ޗުއްޓީ އަށް އަންނަ އިރު ބޭނުންވާނެ ޕްރައިވެސީ. އެ ޕްރައިވެސީ ފުރިހަމައަށް ލިބޭނެ. ނަމަވެސް ބައެއް މީހުން ބޭނުންވޭ އައިކަން އަންގާލަން. އެ ފުރުސަތު އަޅުގަނޑުމެން ތަނަވަސް ކޮށްދޭނަން،" މައުސޫމް ވިދާޅުވި އެވެ.