މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވި ރޭޓް ތިން ޕަސެންޓަށް އަރައިފި
މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވި ރޭޓް ތިން ޕަސެންޓަށް އަރައިފި

މިދިޔަ މަހު ކޮވިޑް-19 އަށް ޓެސްޓްކުރި ސާމްޕަލްގެ އަދަދާއި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާއިރު ޕޮޒިޓިވިޓީ ރޭޓް ތިން ޕަސެންޓަށް އަރާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު ބަލީގެ ޕޮޒިޓިވިޓީ ރޭޓު ހުރީ ދެ ޕަސެންޓުގަ އެވެ. އޭގެ ކުރިން ޑިސެމްބަރު މަހު އެ އަދަދު ހުރީ އެއް ޕަސެންޓުގަ އެވެ.

ކޮންމެ ދުވަހަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކުގައިވާ، ކޮންމެ 24 ގަޑިއިރެއްގެ ތެރޭ ޓެސްޓްކުރި ސާމްޕަލަށް ބަލާއިރު މިދިޔަ މަހު 113،836 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށް ދައްކަ އެވެ. އޭގެ ތެރެއިން 3،737 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ޕޮޒިޓިވިޓީ ރޭޓަކީ 3.2 ޕަސެންޓެވެ.

ނަމަވެސް މި ސާމްޕަލްތަކުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރުމުގެ ކުރިން ޓެސްޓްކުރާ ޓޫރިސްޓުން ވެސް ހިމެނޭތީ އާންމުންގެ ތެރެއިން ސާމްޕަލް ނެގި އަދަދު ވަކިންނެއް ނޭނގެ އެވެ. އެ މައުލޫމާތު އެޗްޕީއޭ އިން ވަކިން ހާމައެއް ނުކުރެ އެވެ.

މި އަހަރު ފެށުނީންސުރެ ރާއްޖޭގައި އަންނަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންނެވެ. އެއާ އެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

ބަލީގެ ހާލަތު ގޯސްވެފައި ވާއިރު މިދިޔަ މަހު ބަލީގައި 10 މީހުން މަރުވި އެވެ. ޖެނުއަރީ މަހު ހަތަރު މީހަކު މަރުވި އިރު މިދިޔަ ޑިސެންބަރުގައި މަރުވެފައި ވަނީ އެންމެ މީހެކެވެ.

ބަލިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. މިހާރު ވަނީ ރޭގަނޑު ވެހިކަލް ދުއްވުން މަނާކޮށް ރޭގަނޑު 8:00 ގެ ފަހުން ރެސްޓޯރަންޓްތަކުން ހަމަ އެކަނި ޓޭޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދޭންޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ރޭގަނޑު 11:00 ގެ ފަހުން ބޭރުގައި އުޅުން ވެސް މަނަލެވެ.

ކޮވިޑުން ރައްކާތެރިވާން މިދިޔަ މަހު ފެށި ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާރު ވަނީ 111،415 މީހުންނަށް ވެކްސިން ޖަހައިފަ އެވެ. ސިއްހީ މަސައްކަތްތެރިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތަކަށް ފަރުވާކުރާތީ ސިއްހީ މައްސަލަ ހުންނަ މީހުންނަށް ވެކްސިން ދިނުމުގައި އިސްކަން ދިނެވެ. މިހާރު 20 އަހަރުން މަތީގެ އެންމެންނަށާއި ބިދޭސީންނަށް ވެސް ވަނީ ވެކްސިންގެ ފުރުސަތު ހުޅުވާލައިފަ އެވެ.