ވަޒީރު ވަކިކުރަނީ! ރައީސް ހިމޭނުން؟
ވަޒީރު ވަކިކުރަނީ! ރައީސް ހިމޭނުން؟

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި، މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ވޯޓަކަށް ދާން ދެން އޮތީ ކުޑަ ވަގުތުކޮޅެކެވެ. ނަމަވެސް އެކަމުގައި ރައީސްގެ އެއްވެސް ބަހެއް މިހާތަނަށް ވިދާޅުވެފައެއް ނުވެ އެވެ.

މަލީހު މަގާމުން ވަކިކޮށްދިނުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީން އޭރު ނިންމީ އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިޔުމަށެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އިރު ރައީސް އަދި ގޮތެއް ނުނިންމަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

އެ މައްސަލާގައި "މިހާރު"ން އަލުން ސުވާލު ދެންނެވުމުން ވެސް ތަރުޖަމާނު ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ މެންބަރުން މަލީހު މަގާމުން ވަކިކުރަން ބޭނުންވާ ކަމަށް ބުނެ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ރައީސަށް ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީއާ ގުޅިގެން ރައީސްގެ ވިސްނުންފުޅަކީ ކޮބައިކަމެއް މަބްރޫކް ވިދާޅެއް ނުވެ އެވެ. އަދި މަލީހަށް ރައީސް އިތުބާރު ކުރައްވާތޯ ނުވަތަ ނޫންތޯ ވެސް ވިދާޅެއް ނުވެ އެވެ.

"ޕީޖީން ފޮނުވި ސިޓީ އަޅުގަނޑުމެންނަށް ލިބިފައިވޭ. އެއީ މި ވަގުތު އޮތް ކޮމެންޓަކީ،" މަބްރޫކް ވިދާޅުވި އެވެ.

މަލީހުގެ މައްސަލަ ފެންމަތިވުމުގެ ކުރިން އެތައް ހަފްލާއަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ކެބިނެޓުގެ ހުރިހާ ވަޒީރުންނަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށް ރައީސް ވިދާޅުވެ އެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވުމާ އެކު ވެސް ރައީސް އޭނާ ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވާފައި ވެ އެވެ.

އެމްޑީޕީގެ ޕީޖީން ވަނީ މަލީހާ ދެކޮޅަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފަ އެވެ.

މަލީހަކީ، އޭރުގެ ބާރުގަދަ ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އެކުލަވާލި ވަރުގަދަ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސް އަބަދުވެސް ވިދާޅުވަނީ ކޯލިޝަން ދަމަހައްޓަން މަސައްކަތްކުރައްވާނެ ކަމަށެވެ.

މަލީހާ ގުޅޭ ގޮތުން މައިގަނޑު ގޮތެއްގައި ހުށަހަޅަފައި ވަނީ ޓެކްނޮލޮޖީ މިނިސްޓްރީގައި ހަދަން ޖެހޭ ގަވައިދުތަކެއް ނުހަދާ އޮތް މައްސަލަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން އެކި ޕްލެޓްފޯމްތަކާއި އަދި މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގައި އޭނާ ވަނީ ޖަވާބުދާރީވެވަޑައިގެންފަ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ރައީސް ބަސްފުޅެއް ވިދާޅުނުވި ނަމަވެސް މަލީހު ވިދާޅުވާ ގޮތުން މިކަން ކުރަން އުޅެނީ މަޖިލީހުގެ ވަކި ފެކްޝަނެކެވެ. އެއީ ކޮން ފެކްޝަނެއް ކަމަށް ވިދާޅެއްނުވެ އެވެ. މައްސަލައަށް ޖަވާބުދާރިވެވަޑައިގަންނަވަމުން މަލީހު ވިދާޅުވީ އޭނާގެ މައްސަލަ ފެންމަތިވެގެން އުޅެނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ދެމެދު އޮތް މައްސަލައަކާ ހެދި ކަމަށެވެ.