01 މާޗް 2021 - 11:47

ގއ. ވިލިނގިލީ ފަޅުތެރޭގައި ލޯންޗަކާއި ދޯންޏެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތައް ލިބުނު މީހަކު އިތުރު ފަރުވާއަށް ރޭ މާލެ ގެނެސްފި އެވެ.
އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ދޯންޏާއި ލޯންޗެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކު ޒަހަމްވި ކަމަށެވެ. އެ ތަނުން މޫނަށް އެކި ޒަހަމްތައް ލިބި، ސީރިއަސް ހާލަތުގައި އޮތް މީހާ ވަނީ ރޭ މާލެ ފޮނުވާލައިފަ އެވެ. އެއީ ލޯންޗު ކައްޕިއާ ޖެހިގެން އިން މީހާއެވެ.
ދެ އުޅަނދު ޖެހުނު ވަގުތު، މަސް ދޯނިން މޫދަށް ވެއްޓި އަތްބިންދައިގެން ދިޔަ މީހަކު ގދ. ތިނަދުއަށް ފޮނުވާލާފައިވެ އެވެ. ދެން ތިބި މީހުންނަށް ވިލިނގިލީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ފޮނުވާލައިފަ އެވެ.
ވިލިނގިލީ ކައުންސިލް މެމްބަރަކު ވިދާޅުވީ އެކްސިޑެންޓް ހިނގީ، ރަށުގެ އާ ހާބަރުގެ އުތުރު ނެރުން ނުކުތް ލޯންޗަކާއި، ބާ ނެރުން ނުކުތް ދޯންޏެއް ޖެހިގެން ކަމަށެވެ. އެ ހާދިސާގައި ލޯންޗަށް މާ ބޮޑު ގެއްލުމެއް ނުލިބުނަސް ދޯނި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވިދާޅުވި އެވެ.
މަހަށް ނުކުތް ދޯނީގައި 25 ވަރަކަށް މީހުން އަދި ލޯންޗުގައި ތިބީ ދެ މީހުންނެވެ.