01 މާޗް 2021 - 10:40

އެމެރިކާގައި ކޮވިޑްގެ ނުރައްކާ ފެށިގެން ދިޔަ ދުވަސްވަރު އެތައް މިލިއަން ބައެއްގެ ލޯބި ހޯއްދެވި އަދި ކޮންމެ ދުވަހަކު ކޮވިޑާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވި ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޫ ކުއޯމާއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ތިލަކޮށްފި އެވެ.
އޭނާގެ އޮފީހުގައި މަސައްކަތްކުރި ދެ އަންހެނަކު ވަކިވަކިން ހާމަކުރި ޖިންސީ ފުރައްސަރައިގެ ވާހަކަތަކާ ގުޅިގެން ގޮތްދޫނުކުރައްވާ ދިފާއުކުރެއްވިޔަސް، އެންމެ ފަހުން ބާރުގަދަ ގަވަރުނަރު ވަނީ، ޖިންސީ ފުރައްސާރައިގެ މަގުސަދެއް ނެތި އޭނާ ދެއްކެވި ބައެއް ވާހަކަތައް އެހެން ބަޔަކަށް ގޯސްކޮށް ނެގޭ ނަމަ، އެ ބައެއްގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ތިން ވަނަ ދައުރަކަށް ގޮވަރުނަރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަދި ސިޔާސީ ގޮތުން ނިއު ޔޯކްގައި އެހާމެ ބާރުގަދަ އާއިލާއެއްގެ އިސް މެމްބަރެއް ކަމަށްވާ ކުއޯމާ ވަނީ ސިޔާސީ ގޮތުން ވެސް ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ. އުމުރުން ދުވަސްވީ މީހުން ގެންގުޅޭ ގެތަކުން ކޮވިޑްގައި މަރުވި މީހުންގެ އަސްލު އަދަދު ހާމަނުކުރެއްވުމުގެ ތުހުމަތަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުންނެވެ.
ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުން ވެސް މަގާމު އިސްތިއުފާ ދެއްވަން ކުއޯމާއަށް ވަނީ ގޮވާލައިފަ އެވެ. އަދި އޭނާގެ މައްސަލަ ތަހުގީގުކުރަން ވެސް އެއް ބަޔަކު ބާރު އެބަ އަޅަ އެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އޭނާގެ ބޮލަށް ދެ ވަނަ ފަހަރަށް ކަނޑާލީ، އުމުރުން 25 އަހަރުގެ ޗާލޮޓޭ ބެނެޓެވެ. ނިއު ޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޒުވާން އަންހެންމީހާ ބުނީ އޭނާގެ ގައިގައި ކުއޯމާ އަތް ޖައްސަވާފައި ނުވާ ކަމަށެވެ. ނަމަވެސް ޖިންސީ ވާހަކަތަކާއި އުމުރުން ދުވަސްވީ މީހުންނާ އެކު ރޭކުރަަން ބޭނުންތޯ ފަދަ، ޖިންސީ ފުރައްސާރައަށް ވާ ކަހަލަ އެތައް ވާހަކައެއް ދެއްކެވި ކަމަށް، ބެނެޓް ބުނެ އެވެ.
"އަހަންނަށް ޔަގީން ގަވަރުނަރު އުޅުއްވީ އޭނާއާ އެކު އަހަރެން ރޭކުރުވަންކަން،" މިދިއަ ނޮވެމްބަރު މަހާ ޖެހެންދެން، ސިއްހީ ކަންކަމުގައި ކުއޯމާއަށް ލަފާދިނުމުގެ ޒިންމާ އުފުލި ބެނެޓް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ލޯބިވުމުގައި އުމުރުގެ ތަފާތެއް އޮންނަން ޖެހޭނެތޯ ވެސް، ކުއޯމާ އެއްސެވި އެވެ.
އޭނާގެ ކުރިން ގަވަރުނަރާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު އެޅުވީ ލިންޑްސޭ ބޯލަން އެވެ. އޭނާ ބުނި ގޮތުގައި ރުހުން ނެތި އެއް ފަހަރު އޭނާގެ ގައިގައި ކުއޯމާ އަތްލެއްވި އެވެ
އުމުރުން 63 އަހަރުގެ ކުއޯމާ ނިއު ޔޯކްގެ ގަވަރުނަރަކަށް ހުންނަވާތާ މިހާރު 10 އަަހަރު ވެއްޖެ އެވެ. އޭނާއަކީ އަންހެނުންނަށް ހިންގާ ޖިންސީ ގޯނާތަކާ ދެކޮޅަށް އަޑުހަރުކޮށް ވާހަކަ ދައްކަވަމުން ގެންދަވާ ބޭފުޅެއް ވެސް މެ އެވެ.
އާ ތުހުމަތުތަކާ އެކު ކުއޯމާ ވަނީ މިނިވަންކަމާ އެކު އޭނާގެ މައްސަލަ ތަހުގީގުކުރަން ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވީ އެއްވެސް ގޮތަކުން ބެނެޓާ ބެހެން އޭނާ މަސައްކަތްކުރައްވާފައި ނުވާނެ ކަމަށެވެ.
"ގޯސް ކަމެއްގެ ގޮތުގައި ބެލިދާނެ އެއްވެސް ކަމެއް ކުރުމަކީ އަހަރެންގެ ނިޔަތެއް ނޫނެވެ،" ނެރުއްވި ބަޔާނެއްގައި ކުއޯމާ ވިދާޅުވި އެވެ.