01 މާޗް 2021 - 08:49

އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވާދަކުރައްވާނީ އާ ސިޔާސީ ޕާޓީއެއްގެ ނަމުގައި ކަމަށް އަޑު އަރާފައި ވިޔަސް އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ފްލޮރިޑާގައި ބޭއްވި ކޮންޒަވޭޓިވް ކޮންފަރެންސްގައި ޓްރަމްޕް ވިދާޅުވީ 2024 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ވާދަކުރައްވަފާނެ ކަމަށާއި އެކަމަކު ސިޔާސީ އާ ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އާ ޕާޓީއެއް އުފައްދައިގެން އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ވޯޓު ދެ ބައިވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
މިއީ ޓްރަމްޕް ބަލިކުރައްވައި އެމެރިކާގެ ރައީސްކަން ހޯއްދެވި ޖޯ ބައިޑެން މަގާމުގެ ހުވާކުރެއްވި ފަހުން ޓްރަމްޕް ދެއްވި ފުރަތަމަ ތަގުރީރެވެ. ބައިޑެން އަށް ފާޑު ވިދާޅުވި މި ތަގުރީރުގައި އޭނާ ވަނީ މިހާރު އޮތީ "އެމެރިކާ ފަސްޓް" ސިޔާސަތު "އެމެރިކާ ލާސްޓް" އަށް ބަދަލުވެފައި ކަމަށެވެ.
ވެރިކަމުގައި ހުންނަވައިގެން ހިންގެވި ނޭއްގާނީ ކަންކަމާ ހުރެ ދެ ވަނަ ފަހަރަށް އިމްޕީޗްމަންޓާ ކުރިމަތިވެވަޑައިގެން ދެ ވަނަ ފަހަރު ވެސް އެކަމުން ސަލާމަތްވެވަޑައިގެން ފަހުން ކޮންޒަވެޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސްގައި ދެއްވި ތަގުރީރުން ރިޕަބްލިކަން ޕާޓީ ތެރޭ ޓްރަމްޕްގެ ނުފޫޒު އަދިވސް އޮތް މިންވަރު ހާމަވެ އެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށްދާ މި ކޮންފަރެންސްގައި އޮތީ ޓްރަމްޕަށް ތާއީދުކުރުމުގެ ރޫހެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިންތިޚާބުގައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބީ ގަބޫލު ނުކުރައްވައި ވޯޓު އޮޅުވާލީ ކަމަށް ޓްރަމްޕް ދައްކަވާ ވާހަކަ އޭނާގެ ސަޕޯޓަރުން އަދިވެސް ގަބޫލުކުރެ އެވެ. އިންތިޚާބަށް ފަހު ޓްރަމްޕް ދެއްވި ހިތްވަރުފެ ސަބަބުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ތެރެއަށް އާންމުން ވަދެ ހަމަނުޖެހުން ހިންގައި ބަޔަކު މަރުވި ނަމަވެސް ރިޕަބްލިކަން ޕާޓީ ތެރޭގައި އަދިވެސް ޓްރަމްޕްގެ މަގުބޫލުކަން ބޮޑެވެ.