01 މާޗް 2021 - 04:30

ހުޅުމާލޭ އިރުމަތީ ފަރާތު ގެސްޓް ހައުސްތަކާ އިންވެގެން ހުރި ގުދަނެއްގައި ރޭ މެންދަމު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ނެތެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ވައިޓް ބީޗް ހޮލިޑޭ ނަމަކަށް ކިޔާ ކެފޭއަކާ އިންވެގެން ހުރި ގުދަނެއްގައި ކަމަށާއި ހާދިސާގެ ރިޕޯޓް ލިބުނީ މެންދަމުން އަލިވެ 2:43 ގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިއީ އެކި ބާވަތުގެ ތަކެތި ރައްކާކޮށްފައި ހުރި ތަނެކެވެ. ޓިނުން ހަދާފައިވާ މި ގުދަން ތެރޭގައި އޭސީ އާއި އެ މަރާމާތުކުރުމަށް ބޭނުންކުރާ ސާމާނު ހުއްޓެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
އަލިފާނުގެ ހާދިސާ އަށް ގަޑިއެއްހާއިރުވި އިރު ވެސް އަލިފާން އެއްކޮށް ނިއްވައެއް ނުލެވެ.
ރޯވި ގުދަން ހުންނަނީ ބީޗް ފްރަންޓްގައި ހިންގާ ބައެއް ކެފޭތަކާ ވެސް އިންވެގެންނެވެ. އެހެންވެ އަލިފާނުގެ ހާދިސާގައި އެ ތަންތަނަށް ވެސް ގެއްލުން ވެފައި ވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އަދި ތަފްސީލެއް ނޭނގެ އެވެ.