ގިނަ ބަޔަކަށް ވެކްސިން ޖެހިޔަސް، އުފާ ފާޅު ކުރާކަށް އަދި ނުވޭ: ޓެގް
ގިނަ ބަޔަކަށް ވެކްސިން ޖެހިޔަސް، އުފާ ފާޅު ކުރާކަށް އަދި ނުވޭ: ޓެގް

ކޮވިޑް-19 ގެ ވެކްސިން ގިނަ ބަޔަކަށް ޖެހިޔަސް، އެއީ އުފާ ފާޅުކުރަން ޖެހޭ ކަމެއް ނޫން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމްގެ ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ލައްކައަކަށް ވުރެ ގިނަ މީހުންނަށް ރާއްޖޭގައި ޖެހުމުން ވެކްސިން ޖެހުމުގައި އެހެން ގައުމުތަކަށް ވުރެ ކުރީގައި ރާއްޖެ އޮތަސް، އެއީ އުފާ ފާޅުކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދިވެސް ރައްކާތެެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކޮށް، ސަމާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެކްސިންގެ ތަފާސްހިސާބުުތައް ދުނިޔޭގެ އެހެން ގައުމުތަކާ އެބަ އަޅާ ކިޔޭ. އަޅުގަނޑަށް ހީވަނީ އަދި އަޅުގަނޑުމެން މާ އަވަސް ކަން ނޭނގެ ވެކްސިންގެ މި ނަމްބަރުތައް ބަލާފައި އުފާ ފާޅުކުރަން. އަދި އެބަޖެހޭ ކޭސްތައް މަދު ވަންދެން އަދި ވެކްސިންގެ އަމާޒު ހާސިލް ވަންދެން އެޗްޕީއޭގެ ފިޔަވަޅުތަކަށް ހުރުމަތްތެރިކޮށް ހިތަން." ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުނަސް، ކޮވިޑް-19 ނުރައްކާ ކުޑަވެގެން ދިޔައީ ނޫން ކަމަށާއި ވެކްސިންގެ ރައްކާތެރިކަން ލިބޭނީ ދެވަނަ ޑޯޒަށް ފަހު ދެ ހަފުތާގެ މުއްދަތު ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުރަތަމަ ޑޯޒަށް ފަހު އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި ބައެއް މީހުން އުޅެމުންދާ ކަމަށާއ އޭރުން ވެސް ވެކްސިންގެ ރައްކާތެރިކަން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެކްސިން ފުރިހަމަ ވަނީ ދެވަނަ ޑޯޒް ޖަހާފައި ދެ ހަފުތާ ވަރު ވީމަ. ދެ ހަފުތާ ފަހުން ފުރިހަމަ ފައިދާއެއް ފެންނާނީ. ފުރަތަމަ ޑޯޒް ޖަހާފައި ޕާޓީތަކަށް ގޮސް، މީހުން އެއްވެ އުޅެން ފަށައިފިއްޔާ ނޫނީ މާސްކް ނާޅާ އުޅެން ފަށައިފިއްޔާ އެ ބަލި އަނގައަށް ނުވަތަ ނޭފަތަށް އެބަ ވަދޭ. ނޫނީ ލޮލަށް އެބަ ވަދޭ. ވަދެފައި ވެކްސިން ޖަހާފައި ހުރި މީހެކޭ ނުޖަހާ ހުރި މީހެކޭ ތަފާތެއް ނުހުންނާނެ." ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހުމުން ބޮޑު ސިއްހީ މައްސަލައެއް ދިމާވީ 19 މީހަކަށާއި އަދި ހުން އައުމާއި ގައިގައި ރިއްސުމާއި ހޮޑުލުން ފަދަ ކަންކަމަކީ އާންމު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ކުދިކުދި އަލާމާތްތައް ވެސް ދިގުލައިގެންދާ ނަމަ، ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ހުރިިހާ ހުމަކީ ވެކްސިންގެ ސަބަބުން އަންނަ ހުމެއް ނޫން. އެކަމަކު އަލާމާތްތައް ދިގުލައިގެން ދާ ނަމަ ޑޮކްޓަރަށް ދައްކައިގެން ބަލަން ވާނެ." ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒާ ދެމެދު ހޭދަވާން ޖެހޭ މުއްދަތު ޒަރޫރީ ހާލަތްތަކުގައި އަވަސް ކުރަން ބައެއް ފަރާތްތަކުން އެދެމުންދާތީ އެކަމަށް ގޮތްތަކެއް ނިންމަމުންދާ ކަމަށެވެ. އެގޮތުން ބޭރުގައި ކިޔަވާ ދަރިވަރުންނާއި ކޮންމެހެން ބޭރަށް ދާންޖެހޭ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.