ކައިވެނި ހެޔޮނުވާ ކުއްޖަކާ ބެހުނު ކަމަށް ބުނެ ކުރި ހުކުމް ބާތިލްކޮށްފި
ކައިވެނި ހެޔޮނުވާ ކުއްޖަކާ ބެހުނު ކަމަށް ބުނެ ކުރި ހުކުމް ބާތިލްކޮށްފި

ކައިވެނި ހެޔޮނުވާ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ސަރުކާރުގެ ކުރީގެ އިސް ވެރިޔަކު ތިން އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ދެ ކުއްޖަކާ ބެހުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގަައި ކުރީ އުފަން ދަރިއަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ދައުވާ އާއި ކައިވެނި ހެޔޮނުވާ ކުއްޖަކާ މެދު ބަދު އަޚްލާގީ އަމަލު ހިންގުމުގެ ދައުވާ އެވެ. އޭގެ ތެރެއިން ފުރަތަމަ ދައުވާ ސާބިތުވެ، އޭނާ ހަ އަހަރަށް ޖަލަށްލާން 2014 ގައި ކުރި ހުކުމަށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ކައިވެނި ހެޔޮނުވާ ކުއްޖަކާ ބެހުނު ކަމަށް ބުނެ ކުރި ދައުވާގައި އޭނާ ތިން އަހަރަށް ޖަލަށްލުމާ އެކު 19 އެތިފަހަރުން ތައުޒީރު ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 އަހަރު އެވެ.

ފަހުން އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހެޅުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައްސަލާގައި އަނިޔާލިބުނު ކުއްޖާ އާއި މަންޒަރު ފެނުނު ކަމަށް ބުނާ ހެކިންގެ ހެކިބަހުގައި ބުނާ ވާހަކަތައް ހުރީ ބުއްދީގެ ހަމައަކުން ދެނެގަނެވޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ އަމަލު ހިންގި ކަމަށް ބުނަނީ އެ ކުއްޖާގެ އުމުރުން ފަސް އަހަރުގައި 1998 ވަނަ އަހަރުން ފެށިގެން ކަމަށް ވާއިރު، އެ ހާދިސާ ރިޕޯޓްކޮށް ތަހުގީގަށް އެ ކުއްޖާ އެ ވާހަކަ ކިޔައިދިނީ އޭގެ 13 އަހަރު ފަހުން 2008 ވަނަ އަހަރު އޭނާގެ އުމުރުން 17 އަހަރުގައި ކަމަށް އެ ހުކުމުގައިވެ އެވެ. ސިލްސިލާ ގޮތެއްގައި ހިންގި ކަމަށް ބުނާ ކަމެއް އެހާ ދިގު މުއްދަތެއް ވަންދެން ހިިނގިއިރު، އެކަން ސާބިތުވާ އިތުރު ހެއްކެއް ނެތުމަކީ ހައިރާންވާން ޖެހޭ ފަދަ ނާދިރު ހާލަތެއް ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ އަނިޔާ ލިބުނު ކުއްޖާގެ ބަހަށް އެކަނި ބިނާކޮށް ކުށެއް ސާބިތުވާނީ އޭނާގެ ބަހަކީ އާދަޔާ ޚިލާފް ތެދުކަން ކަށަވަރުވެގެން ކަމަށާއި އެކަމަކު އެ މައްސަލާގައި އަނިޔާ ލިބުނު ކުއްޖާގެ ވާހަކަތަކަށް ބަލާއިރު އެ ކުއްޖާއަކީ ހަދަހަދައިގެން ވާހަކައެއް ދައްކަފާނެ ކުއްޖެއް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ޖިންސީ ގޯނާ ލިބުނުކަން ފޮރުވުމަށްޓަކައި އާއިލާ މީހުން ގާތުގައި ދޮގު ހަދާ ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށް ޑޮކްޓަރުން ރިޕޯޓުގައި ބުނާއިރު، އެ ކުއްޖާ ތަހުގީގުގައި ބުނާ ބުނުމާއި ޝަރީއަތަށް ދިން ހެކިބަހުގައި ދިމާނުވާ ކަންކަން ހުރި ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި މަންޒަރު ފެނުނު ކަމަށް ބުނާ ހެކިންނާއި އަނިޔާލިބޭ ކުއްޖާގެ ބަހުގައި ވެސް ދިމާނުވާ ކަންކަން ހުރި ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އޭނާ ތިން އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރީ އެ މައްސަލަ ބެއްލެވި ބެންޗުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުކުމް ބާތިލްކުރަން ރައުޔު ނެރުއްވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ރައުޔު ތަފާތުވި އިސް ފަނޑިޔާރު ހާތިފްގެ ހިލްމީގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.