01 މާޗް 2021 - 09:07

ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ހިތްހަމަނުޖެހުން އަމާޒުވެއްޖެ ވަޒީރަކަށް މަގާމުގައި ދެމިހުންނެވުމުގައި އިންތިހާއަށް ދައްޗެވެ. މަޖިލީހުގެ ޖަލްސާތަކުގައި އިސްތިއުފާ އަށް ގޮވުމާއި ފާޑުކިއުންތަކާއި މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި އެ ވަޒީރަކު ދުރުކުރަން ކޮންމެހެން ޖެހިއްޖެ ކަމަށް ގަބޫލުކުރެވޭ ވަރަށް ކަންކަން ގެންގޮސްފައި އެބަ ހުއްޓެވެ.

މިއަދު މިއީ އޭގެ ދުވަހެކެވެ.
ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެމްޑީޕީގެ މެމްބަރުން ވަނީ ތައްޔާރުވެފަ އެވެ. މިދިޔަ އަހަރުން ފެށިގެން އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް އޮތީ ފަށައިފަ އެވެ.
މަލީހް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ފުރަތަމަ ވަޒީރެއް ނޫނެވެ. ރައީސްގެ އިތުބާރު އޮތަސް އެމްޑީޕީ ހިތްހަމަނުޖެހޭ ނަމަ އެ ވަޒީރަކު މަގާމުން ދުރުކުރަން މަސައްކަތްކޮށްފައި ވެސް އެބަ ހުއްޓެވެ.
އެންމެ ވަޒީރަކު ފިޔަވައި މުޅިން ވެސް އެމްޑީޕީގެ އަމާޒަކީ ވެރިކަން ހޯދަން އިއްތިހާދުވީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރުންނެވެ. ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އާއި ކުރީގެ ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިތުބާރާ މެދު އެމްޑީޕީގެ ޕީޖީން ސުވާލު އުފެއްދި އެވެ. ޕްރެޝަރުތަކާ ހެދި ޝިދާތާ އިސްތިއުފާ ދެއްވީ އެވެ. އާތިފާގެ ސިއްހީ ހާލު ހުރި ގޮތުން މަގާމުން ދުރަށް ވަޑައިގަތީ ވަކިކުރާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދަކީ ވެސް އެމްޑީޕީން މާ ހިތްހަމަޖެހޭ ބޭފުޅެއް ނޫނެވެ. މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު ދޭތެރެ ދޭތެރެއިން އޭނާއަށް ދެ އެވެ. މިފަދަ އުނދަގޫތަކުގެ ތެރެއިން އަރައިގެންނެވުނީ އެމްޑީޕީގެ ވަޒީރެއް ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށެވެ.
އޭނާގެ ދިފާއުގައި ސީދާ ރައީސް ނުކުމެވަޑައިގެން އިތުބާރު އޮތް ކަމުގެ ސިއްކަ ޖެއްސެވުމުންނެވެ.
ވަޒީރުންގެ ތެރެއިން އެމްޑީޕީ މެމްބަރުން އަބަދުވެސް އެންމެ ބޮޑަށް ފާޑުވިދާޅުވާ މަލީހްގެ އިތުބާރު ނެތްކަމުގެ ވޯޓަކާ ހަމައަށް ދިޔައީ ޓެލެކޮމް އޮތޯރިޓީން ގަވާއިދުތަކެއް ނުހަދައި އޮވެގެން ކަމުގެ ތުހުމަތާ އެކު އެވެ. މަގާމުގައި ހުންނަވާތާ ދެ އަހަރު ވީއިރު ވެސް ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ހަދާފައި ނުވުމަކީ މަލީހް މަގާމަށް އެކަށީގެން ނުވުން ކަމަށް އޭނާ ވަކިކުރަން ސޮއި ކުރެއްވި މެމްބަރުން ގަބޫލުކުރައްވަ އެވެ.
އެކަމަކު މަލީހު ވިދާޅުވަނީ އެ އޮތޯރިޓީއަކީ މިނިވަން ވަކި ޝަހުސެއް ކަމަށެވެ. މެމްބަރުން ވިދާޅުވާ ގަވާއިދަކީ މާ ކުރީގެ ވެރިކަމާ ހިސާބުން ވެސް ނުހެދި އޮތް އެއްޗެއް ކަމަށް އޭނާ ވިދާޅުވެ އެވެ.
މަޖިލީހުގެ މައްސަލަ ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވަނީ އޭނާގެ އިތުބާރު ނެތް ކަމަށް ނިންމީ އޭނާގެ މިނިސްޓްރީގެ އެތައް މުވައްޒަފުންނެއް ސޮއިކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ. އެ ސިޓީގައި ބުނެގައި އޮތީ، މީކާއީލް ވިދާޅުވި ގޮތުގައި، އަވަށްޓެރި ގައުމުތަކުގައި ދޭ އިންޓަނެޓްގެ ހިދުމަތާއި ރާއްޖޭގައި ދޭ ހިދުމަތް އަޅައި ކިޔައި ދިރާސާއެއް ހަދަން އުޅުމުން މަލީހު އެކަމަށް ހުރަސް އެޅުއްވި ވާހަކަ އެވެ. ދިރާސާކުރަން އުޅުމުން އެ މިނިސްޓްރީގެ މުވައްޒަފުންނަށް ހުރަސް އަޅުއްވައި އެ ބޭފުޅުންނަށް ބިރުދެއްކި ކަމަށް ވެސް އެ ސިޓީގައި އޮތް ކަމަށް އޭނަ ވިދާޅުވި އެވެ.
"ދެ އަހަރެއްހާ ދުވަސް ވެއްޖޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް އިތުބާރު ނެތް މިނިސްޓަރެއް ކެބިނެޓްގައި އިންނަވާތާ. އަޅުގަނޑަށް ހީވަނީ މިއީ ދެން ތަންކޮޅެއް ލަދުވެތި ވާހަކައެއް ހެން،" މީކާއީލް ވިދާޅުވެފައިވެ އެވެ.
އަނެއް މައްސަލައަކަށް ނަގަނީ އިންޓަނެޓްގެ އަގު ހެޔޮކުރަން ރައީސް ވެވަޑައިގަތް ވައުދު ފުއްދެވުން ލަސްވުމެވެ. މިކަމުގައި މަލީހުގެ އިހުމާލު ދެއްކެވިއަސް އޭނާ ވިދާޅުވަމުން ގެންދަވަނީ އޭނާގެ މަސައްކަތް ނިމިއްޖެ ކަމަށެވެ. ތަންފީޒުކުރުން އޮތީ ރައީސް އޮފީހާ ހިސާބުގައި ކަމަށެވެ.
ރައީސް އޮފީހުން އޮތީ އިންޓަނެޓުގެ އަގު ހެޔޮކުރާނެ މުއްދަތެއް ކަނޑައަޅައި އިއުލާންކޮށްފަ އެވެ.
ނުހެދި އޮތް ގަވާއިދެއްގެ ތުހުމަތާ އެކު މަލީހް މަގާމުން ވަކިކުރަންވީ ހެއްޔެވެ؟ ނޫން ނަމަ އެއީ ރައީސް ވެސް ބޭނުންފުޅުވާ ގޮތް ހެއްޔެވެ؟ މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަަލަ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތާވަލް މި ކުރީ ރައީސްގެ ރުހުން ލިބިވަޑައިގެންތޯ ސުވާލު އުފެދެ އެވެ.
ޚާއްސަކޮށް ކޯލިޝަންގެ ވަޒީރަކު ވަކިކުރާ ނަމަ، ރައީސްގެ ނިންމެވުމެއް މުހިއްމުވާނެ އެވެ. ކޯލިޝަންގެ ގުޅުން ހީނަރުނުވެ، ބަދަހިކަމާ އެކު ދަމަހައްޓަވާނެ ކަމަށް އެ މަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވަ އެވެ.
މަލީހްގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން އެއްވެސް ވާހަކައެއް މިހާތަނަކަށް ނުދައްކަ އެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލަ އޭނާ ބޭނުންވި ސްޕީޑުގައި ނުގެންދެވުނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައީސް ދެކެވަޑައިގަންނަވާ ގޮތެއް އެނގެން ބޭނުން ވުމުންނެވެ. މިކަމުގައި، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް ރައީސަށް އޮތީ ވަރަށް ކުރިން ލިބިވަޑައިގެންފަ އެވެ. މިދިޔަ މަހާ ހަމައަށް ރައީސް ގޮތެއް ނުނިންމަވާ ކަން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ނޫސްވެރިންނަށް ދެއްވި ޖަވާބުން ސާފެވެ.
މި މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރުމާ އެކު ރައީސްގެ އިތުބާރު މަލީހަށް ނެތީތޯ "މިހާރު"ން ސުވާލު ދެންނެވުމުން މަބްރޫކް ވިދާޅުވީ "ތިކަމުގައި ރައީސް ދެކެވަޑައިގަންނަވާ ގޮތް ސާފުކޮށްދޭނަން" ކަމަށެވެ. އެހެންކަމުން ރައީސްގެ ނިންމެވުމަކުން މަލީހްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ހުރަސް އެޅުން ވެސް އެކަށީގެންވެ އެވެ.
ކެބިނެޓަށް ރައީސް އައްޔަންކުރައްވާ ވަޒީރަކު އެމްޑީޕީ ބޭނުންވުމުން މަގާމުން ދުރުކުރަން ރައީސް ފުރުސަތު ނުދެއްވާނެ ކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒާ ދޭތެރޭގައި ހުށަހެޅި މައްސަލައިން އޮތީ ސާފުވާށެވެ. ފައްޔާޒުގެ ވޯޓު ހުއްޓުވީ ސީދާ ރައީސެވެ.
ފައްޔާޒް މަގާމުން ދުރުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ސޮއި ހޯއްދަވަނިކޮށް ރައީސް ވިދާޅުވީ ފައްޔާޒަށް އިތުބާރު އެބަ އޮތް ކަަމަށެވެ. އެ ވޯޓު ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށް ފާޅުގައި ވިދާޅުވި އެވެ. މިއީ، ފައްޔާޒްގެ މައްސަލައަށް ވުރެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި އޮންނަ ދެ ފެކްޝަންގެ ކޯޅުމަކަށް ވެދާނެތީ ކުރިއަށް ނުގެންދެވުނީ ކަމަށް ބެލެވެ އެވެ.
ޕާލަމެންޓްރީ ގްރޫޕް ދެ ބަޔަށް ބެހިފައި އޮންނަ ތުހުމަތުގައި "އެއީ ޑިމޮކްރަސީގައި ހިޔާލު ތަފާތުވުން" ކަމަށް ދެއްކިއަސް ފައްޔާޒުގެ ވޯޓާއި މަލީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވެސް އެކަން އެބަ ފެނެ އެވެ. މަލީހް މަގާމުން ދުރުކުރަން ވެސް އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ތާއީދު އޮތް ކަމަކަށް ނުބެލެވެ އެވެ.
އެމްޑީޕީ މެމްބަރުންގެ އޮތް ސާފު އަޣުލަބިއްޔަތާ އެކު މަގާމުން ވަކިކުރެއްވިޔަސް މަލީހަށް މައްސަލައެއް ނެތެވެ. އޭނާ ހުންނެވީ ކިތަންމެ ޕްރެޝަރު ބޮޑުވިޔަސް އިސްތިއުފާ ދެއްވާ ގޮތަކަށް ނޫނެވެ.
"އަޅުގަނޑުގެ ބޮލުގައި ބަދު އިލްޒާމެއް އަޅުވައިގެން ކުރިއަށް ގެންދާ މައްސަލައެއް. މި ދައްކަނީ 2015 ވަނަ އަހަރު ހަދަން ޖެހޭ ގަވާއިދެއް ވާހަކަ. އަޅުގަނޑަކީ އޭގެ ފަހުން ހަތަރު ވަނަ ވަޒީރު،" މަލީހް ވިދާޅުވި އެވެ.
"މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ނޫން، ކޭމްއިން ކުރަން ޖެހޭ ކަމެއް އެ އޮތީ ކޮށްފައި."
ގަވާއިދު ހަދަން އުޅުނު މުވައްޒަފަށް ހުރަސްއެޅުއްވި ކަމުގެ ތުހުމަތު ވެސް މަލީހް ދޮގުކުރައްވަ އެވެ. އެފަދަ ކަމެއް ނުކުރައްވާ ކަަމަށާއި ހަވާލުވީ ޒިންމާތައް އަދާކުރައްވާކަން ފެންނަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންތަކެއް ބޭނުންވެގެން އޭނާ މަގާމުން ވަކިކުރާނީ ކަމަށް ކުރާ ތުހުމަތު ވެސް މަލީހް ގަބޫލެއް ނުކުރައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަސްލު މައްސަލައެއްގެ ގޮތުގައި ނެގީ އެމްޑީޕީގެ ރައީސް ތާއީދުކުރައްވާ ބަރުލަމާނީ ނިޒާމާ ދެކޮޅަށް އޭނާ ވާހަކަ ދެއްކެވުމެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އޭނާ ޓީވީ ސްޓޭޝަނެއްގައި ދެއްކެވި އެ ވާހަކައަކީ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިފައި އޮތް ސަބަބު ކަމަށް ވެސް ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަދި އެމްޑީޕީން ވެސް ވަކާލާތުކުރާ އެ ހައްގުގެ ބޭނުން ހިފި ވަޒީރެއްގެ ފަހަތުން ދުވާ ނަމަ، އާއްމު ރައްޔިތަކާ ދޭތެރޭގައި ކަން ކޮށްފާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އޭނާގެ އަނެއް ކަންބޮޑުވުމަކީ ވެރިކަން ހިންގުމުގެ ތެރެއަަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނުމެވެ.
އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ ފަހަތުގައި އޮތް އަނެއް ސަބަބަކީ، މަލީހް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބަލިކަށިކަން ދެއްކުމެވެ. އެކަން ކުރަނީ މަޖިލީހުގެ ވަކި ފެކްޝަނަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެބިނެޓުގައި އެންމެ އެކަށީގެންވާ ގޮތަށް ޕާފޯމް ނުކުރެވޭ ވަޒީރެއް ނަމަ މަގާމުން ވަކިކުރަންވީ އެވެ. ޕާފޯމަންސް އޮޑިޓު ހަދައި، ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުދެއްވޭ ކަމަށް ފެންނަ ނަމަ އެ ވަޒީރަކާ ދޭތެރޭގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވެސް އޮތީ ޔަގީންކަން ދެއްވައިފަ އެވެ. އެކަމަކު މިކަން އަމާޒުވާން ޖެހޭނީ ކޯލިޝަންގެ އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނަށް އެކަންޏެއް ނޫނެވެ. މިހާރު މި ފެންނަނީ ހަމައެކަނި ތުހުމަތުތަކަކުން ރައީސްގެ ކެބިނެޓް ވަޒީރުންނާ ދޭތެރޭ ސުވާލު އުފައްދާ ތަނެވެ.
އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އިލްޒާމްތަކެއް އެޅުވުމަށް ފަހު އެއީ ނުވާ ކަމަކަށް ވެސް ހަދާފައި އެބަހުއްޓެވެ. މަލީހްގެ ވެސް އިތުބާރު ނެތް ނަމަ ސާފުވާންވީ އަސްލު މައްސަލަ އެވެ. އެއީ ގަވާއިދެއްގެ މައްސަލަތޯ ނުވަތަ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތޯ ވެސް ސާފުކޮށް އެނގެން އެބަ ޖެހެ އެވެ. ވަޒީރުންގެ އިތުބާރު ނެތްކަން ގުޅުވަން ޖެހޭނީ ބޮޑެތި މައްސަލަތަކާ އެވެ. ގާނޫނުއަސާސީ ބުނެދެނީ އެ ގޮތެވެ.