ވަގުތު ހަމަވި ފަހުން ހުށަހެޅުމުން، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް
ވަގުތު ހަމަވި ފަހުން ހުށަހެޅުމުން، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

ޖިންސީ ކުށުގެ ދައުވާތައް އުފުލާފައި ވަނިކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނަންނަން އެ ކޯޓުގެ ރެޖިސްޓްރާ މިއަދު ނިންމަވައިފި އެވެ.

މިގޮތަށް ނިންމީ އަމުރު އިސްތިއުނާފުކުރުމަށް އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ޕީޖީން މައްސަލަ ހުށަަހަޅާފައި ވާތީ އެވެ. ނަމަވެސް ރަޖިސްޓްރާގެ މި ނިންމުން އިސްތިއުނާފުކުރަން އަދި ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

އަލީ ވަހީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް ކޯޓަށް ލިއުން ހުށަހެޅުމުން އޭނާގެ ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ދޫކުރީ އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުކޮށްފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އަންނާނެ އެވެ.

މި ހުރިހާ ދައުވާތަކެއް ހުއްޓާ، އަލީ ވަހީދު ފުރުވާލަން ނިންމުމުގައި ގާނޫނާއި ގަވައިދާއި އާންމު އުސޫލާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމުގެ ތުހުމަތާ އެކު، އަމުރު ނެރުއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ހުށަހަޅައިފަ އެވެ. އެތަނުން އަންނަނީ މި މައްސަލަ ބަލަމުންނެވެ.