ކޮސްޓާގެ ބަދަލުގައި ސްޕެއިން ޓީމަށް އަސްޕަސް
ކޮސްޓާގެ ބަދަލުގައި ސްޕެއިން ޓީމަށް އަސްޕަސް

މެޑްރިޑް (ނޮވެމްބަރު 11) - ފައިގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ސްޕެއިން ސްކޮޑުން ބާކީކޮށް ބަދަލުގައި ސެލްޓަ ވިގޯގެ ފޯވާޑް އިއާގޯ އަސްޕަސް ނަގައިފި އެވެ.

ކޮސްޓާގެ ބަދަލުގައި ސްޕެއިން ޓީމަށް އަސްޕަސް
ކޮސްޓާގެ ބަދަލުގައި ސްޕެއިން ޓީމަށް އަސްޕަސް

ކޮސްޓާ އަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު އެވަޓަން އަތުން ޗެލްސީ 5-0 އިން މޮޅުވި މެޗުގަ އެވެ. އޭރު ކޮސްޓާގެ އަނިޔާ ސީރިއަސްނުވި ނަމަވެސް ފަހުން ކުރި ސްކޭނުން ދައްކާ ގޮތުގައި އޭނާ އަށް ލިބިފައިވާ އަނިޔާ ކުރިން ބެލެވުނު ވަރަށް ވުރެ ގޯހެވެ.

ކޮސްޓާ އަކީ މިވަގުތު ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި ފޯވާޑެވެ. އޭނާގެ ބަދަލުގައި ސްޕެއިނުން ނެގީ ކުރިން ލިވަޕޫލަށް ކުޅުނު އަސްޕަސް އެވެ. ސެލްޓަ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަސްޕަސް ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 14 މެޗުން ހަތް ލަނޑު ޖަހައި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއީ ސްޕެއިންގެ ސީނިއާ ޓީމުން އަސްޕަސް އަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

ސްޕެއިނުގެ ކޯޗު ޖޫލެން ލޮޕެޓެގީ ވަނީ އެންމެ ފަހުން ނެގި ސްޕެއިން ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ހުއާން މަޓާ އާއި އެތުލެޓިކް ބިލްބާއޯގެ ތަޖުރިބާކާރު ފޯވާޑް އަރިޓްޒް އަޑޫރިޒް އަށް ވެސް ފުރުސަތު ދީފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާރޭ ސްޕެއިން އަމިއްލަ ދަނޑުގައި ނުކުންނާނީ މެސެޑޯނިއާއާ ދެކޮޅަށެވެ. އެއަށް ފަހު ރަހުމަތްތެރިކަމުގެ މެޗެއްގައި އަންނަ އަންގާރަ ދުވަހުގެރޭ ބައްދަލުކުރާނީ އިންގްލެންޑާ އެވެ.