28 ފެބުރުއަރީ 2021 - 14:36

ނޭޕީޓޯ (ފެބްރުއަރީ 28) - މިއަންމާގެ ބަޣާވާތާ ދެކޮޅަށް ވާހަކަ ދެއްކުމުން، އެ ގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު މަގާމުން ވަކިކޮށްފި އެވެ.
ވަރަށް އަސަރާ އެކު ދެއްވި ތަގްރީރެއްގައި ސަފީރު ކައެ މޮއެ ޓުން ވަނީ ގަދަކަމުން ވެރިކަމަށް އަރައި ތިބި ސިފައިން ބޭރު ކުރަން އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. މަދަނީ ސަރުކާރު އަލުން ވެރިކަމަށް ނުގެންނަނީސް ސިފައިންނަށް އެއްވެސް މީހަކު އެއްބާރުލުން ނުދިނުމަށް ވެސް ސަފީރު ގޮވާލެއްވި އެވެ.
އދ.ގެ ބައެއް ފަރާތްތަކުން ރޮއިޓާސް ނިއުސް އަށް ބުނެފައި ވަނީ މިއަންމާ އަށް ގެނައި ބަޣާވާތް އދ. އިން ބަލައިނުގަންނަ ކަމަށާއި އެހެންވެ މިއަންމާގެ އދ.ގެ ސަފީރުގެ ގޮތުގައި އަދިވެސް ހުންނެވީ ޓުން ކަމަށެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ސަފީރު ޓުން ވިދާޅުވީ ސިފައިން ވެރިކަމުން ދުރުކުރަން ބައިނަލްއަގުވާމީ އެހީ ބޭނުންވާ ކަމަށެވެ. އަދި އދ. ގައި އޭނާ ތަމްސީލް ކުރައްވަނީ ބަޣާވާތަކުން ވެރިކަމުން ވައްޓާލި އަން ސަން ސޫކީގެ ސަރުކާރު ކަމަށް ވިދާޅުވި އެވެ.
މިއަންމާގެ ސަފީރުގެ ތަގްރީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
މިއަންމާގެ ގައުމީ ޓީވީން ހޮނިހިރު ދުވަހު ވަނީ ޓުން މަގާމުން ދުރުކުރިކަން އިއުލާންކޮށްފަ އެވެ. އަދި އޭނާ ގައުމަށް ޣައްދާރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
މިއަންމާ ސިފައިން ބަޣާވާތް ގެނެސް، މަދަނީ ސަރުކާރު ވައްޓާލީ ފެބްރުއަރީ 1 ވަނަ ދުވަހު އެވެ. އޭގެ ފަހުން ބަޣާވާތާ ދެކޮޅަށް މިއަންމާ ރައްޔިތުން ދަނީ ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރަމުންނެވެ.