28 ފެބުރުއަރީ 2021 - 13:44

ހއ. އިހަވަންދޫ އައިސް ޕްލާންޓްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އިސްމާއިލް އުމަރު (އިއްސެ) ގެ މަރުގެ ދައުވާލިބޭ ސުމޮން މިއާ ކުށަށް އެއްބަސްވާން ފުލުހުން މަޖުބޫރުކުރުވީ ކަމަށް ބުނާތީ އެ މައްސަލަ ތަހުގީގުކުރި ފުލުހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ.

ޖޫން، 2017 ގައި އައިސް ޕްލާންޓްގައި މަސައްކަތްކުރި ޅ. ހިންނަވަރު މީހެއް ކަމަށްވާ އިއްސެއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އިއްސެއާ އެކު އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮންގެ މައްޗަށެވެ. އޭނާ ކުރިން ވަނީ އެކަމަށް ކޯޓުގައި އެއްބަސްވެ، އެކަން ކުރި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އެކަމަކު އޭނާ މިހާރު އެކަމަށް އިންކާރުކޮށް، ބުނަމުންދަނީ ކުރިން އެއްބަސްވީ ފުލުހުން އޭނާއަށް މަޖުބޫރު ކޮށްގެން ކަމަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ ސުމޮންއަށް ބިރު ދައްކައި، ކުށަށް އެއްބަސްވާން ފުލުހުން މަޖުބޫރުކުރުވި ކަމަށް އޭނާ ބުނާތީ އެ މައްސަލަ ތަހުގީގުކުރި ފުލުހުން ކޯޓަށް ހާޒިރުކޮށް، އެކަން ސާފުކުރުމަށެވެ. ސުމޮންގެ ފަރާތުން އެދުނީ އޭނާއަށް ބިރު ދެއްކި ކަމަށް ބުނާ ފުލުހުންގެ ނަންތައް ކޯޓަށް ހުށަހަޅަން ފުރުސަތެއް ދިނުމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ހަތް ދުވަހުގެ ފުރުސަތު ސުމޮންއަށް ދެއްވައިފަ އެވެ. އަދި ދައުލަތުން އެދޭގޮތަށް، މައްސަލަ ތަހުުގީގުކުރި ފުލުހުން ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މައުލޫމާތު ސާފުކުރަން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އިއްސެގެ މަރާ ގުޅިގެން ސުމޮންގެ އިތުރުން އިހަވަންދޫގައި އުޅުނު އިތުރު ބިދޭސީންތަކަކަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ މީހުންނަށް ދައުވާ ކުރަނީ އިއްސެ މަރާލިކަން އެނގިހުރެ އެކަން ސިއްރު ކުރުމާއި ސުމޮން ފިލައިގެން ދިއުމަށްޓަކައި އެހީތެރިވި ކަމަށް ތުހުމަތުކޮށެވެ. އެ މީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ.