ސަސްޕެންޑްކުރި އިކްރާމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް ވެސް އެސްއޯއީ ކޮމިޓީއަށް
ސަސްޕެންޑްކުރި އިކްރާމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް ވެސް އެސްއޯއީ ކޮމިޓީއަށް

އޮފީހުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީ އަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޝަންގައި ހުންނެވި މުއްދަތުގައި ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވީ އިކްރާމެވެ. އޭނާ އަށް ތުހުމަތުކުރަނީ އެ މުއްދަތުގައި، ކޮވިޑް-19އާ ގުޅިގެން ހެދި ފެސިލިޓީތަކަށް އޮކްސިޖަން ސިލިންޑަރުތައް މޯލްޑިވް ގޭސް އިން ގެނައުމުގައި ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގެވި ކަމަށެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވީ މޯލްޑިވް ގޭސް އިން އޮކްސިޖަން ސިލިންޑަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތެއް އެ ކޮމިޓީއަށް މިދިޔަ ހަފުތާގައި ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އޮޑިޓް ރިޕޯޓެއް ވެސް ކޮމިޓީއަށް ލިބިފައިވާ ކަަމަށާއި މައްސަލަ މި ހަފުތާގައި ބަލަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މޯލްޑިވް ގޭސްގެ ޑީއެމްޑީއަށް ކުރާ ތުހުމަތަކީ 3،128 އޮކްސިޖަން ސިލިންޑަރު ހޯދަން ހަވާލުކުރުމުން ބާ ސިލިންޑަރުތަކެއް ގެނައުމެވެ.

"މައްސަލަ ބަލައި ތަހުގީގުކުރަން ޖެހޭ ކަމެއް ފާހަގަވެއްޖެ ނަމަ އަޅުގަނޑުމެން އޭސީސީއަށް ވެސް ހުށަހަޅާނަން،" އިލްޔާސް ވިދާޅުވި އެވެ.

އިކްރާމަށް ކޮރަޕްޝަންގެ ތުހުމަތުކުރިއިރު އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ހެއްކާ އެކު ހުށަހެޅި މައްސަލަ ބެލުމަށް ފަހު އޭނާ ދެ ހަފުތާ އަށް ސަސްޕެންޑްކުރި އެވެ. އެ މުއްދަތު މިހާރު ހަމަވެފައި ވިޔަސް އޮފީހަށް އަދި ނުކުމެވަޑައެއް ނުގަންނަވަ އެވެ.

އިކްރާމްގެ ނުފޫޒު އޮންނަ މޯލްޑިވް ގޭސްގެ ކޮމިޓީއަކުން މައްސަލަ ބަލަން އުޅޭތީ ވިކްޓިމް އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތު އިކްރާމް ދޮގުކުރައްވަ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އިކްރާމަށް ތުހުމަތުކުރާ ޖިންސީ ފުރައްސާރައިގެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.