28 ފެބުރުއަރީ 2021 - 12:40

މިދިޔަ ހަފުތާ ތެރޭގައި ނަތީޖާ ލިބުނު 30،000 އަށް ވުރެ ގިނަ ސާމްޕަލްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 3.2 ޕަސެންޓް މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކައިފި އެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކުން 30،665 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން 985 ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
މި އަދަދުތަކަށް ބަލާއިރު ޕޮޒިޓިވްވި ނިސްބަތަކީ 3.2 ޕަސެންޓެވެ.
ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތީގައި ހުރި ނަމަވެސް އެކްޓިވް ކޭސްތައް މިދިޔަ ހަފުތާގައި ވަނީ ކުރީ ހަފުތާ އަށް ވުރެ ދަށްވެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކޮވިޑުގެ އެކްޓިވް ކޭސް ހުރީ 2،506 ގަ އެވެ. އެކަމަކު ހަފުތާއެއް ފަހުން އެ އަދަދު 2،397 އަށް ތިރިވެފައި ވެ އެވެ. ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 162 އިން 170 އަށް ވަނީ މަތިވެފަ އެވެ.
މިދިޔަ ހަފުތާގައި އަލަށް 985 މީހަކު ޕޮޒިޓިވްވި އިރު 936 މީހަކު ބަލިން ރަނގަޅުވެފައި ވާތީ އެކްޓިވް ކޭސްތަކަށް އިތުރުވީ 49 ކޭހެވެ.
މިހާތަނަށް ރާއްޖޭން 19,597 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރެއިން 62 މީހަކު ވަނީ މަރުވެފަ އެވެ. މި ހަފުތާގައި އެކަނި ވެސް 8 މީހަކު މި ބަލީގައި ވަނީ މަރުވެފައި ވާއިރު މި އަަހަރުގެ މިހާތަނަށް ވަނީ 10 މީހަކު މަރުވެފަ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ދިން ބޮޑެތި ލުއިތަކަށް ފަހު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންވެ ފިޔަވަޅުތައް މިހާރު އަންނަނީ ހަރުކަށި ކުރަމުންނެވެ. އޭގެ ތެރޭގައި ވެހިކަލް ދުއްވުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް މަނާކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން މަނާކޮށްފައިވެ އެވެ.
ކެފޭ/ރެސްޓޯރެންޓުތަކުގައި ތިބެވޭނީ ރޭގަނޑު 8:00 ޖަހަންދެން ކަމަށް ކަނޑައަޅައި އަދިމާލެ ސަރަހައްދުގެ 8 އިން ފެށިގެން ދަށުގެ ގްރޭޑުތަކަށް ސްކޫލު ވެސް ވަނީ ބަންދުކޮށްފަ އެވެ.