އިސްމާއީލް ދަރުބާރާއި ބަންސާލީގެ ޖާދޫ އަލުން ގެންނަނީ
އިސްމާއީލް ދަރުބާރާއި ބަންސާލީގެ ޖާދޫ އަލުން ގެންނަނީ

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ގެ މިއުޒިކް ހެދި އިސްމާއީލް ދަރުބާރު، ބަންސާލީގެ ބޮޑު ޕްރޮޖެކްޓް "ހީރާ މަންޑީ" ގެ މިއުޒިކް ހެދުމާ ހަވާލުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ދެ މީހުން އެކީގައި މަސައްކަތްކުރުން ވެގެންދާނީ އަނެއްކާ ވެސް ރީތި އަދި ހަނދާނުން ފޮހެނުލެވޭ ކަހަލަ އެތައް ލަވައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމެއް ކަމަށެވެ. މިހާރު ވެސް އާންމުންގެ ތެރޭގައި ފަނޑުވުމެއް ނެތް "ޗާންދު ޗުޕާ ބާދަލް" އާއި "އާނކޯކީ ޣުސްތާކިޔާ" އަދި "ތަޅަޕް ތަޅަޕް" އާއި "ޑޯލަރޭ" ފަދަ ލަވަތަކުގެ ފަހަތުގައި ހުރި އިސްމާއީލާ "ހީރާ މަންޑީ" ގެ މިއުޒިކް ހަވާލުކޮށްފައިވާތީ އެއަށް އޭނާ 25 ލަވަ ތައްޔާރުކުރާނެ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

"ހީރާ މަންޑީ" އަކީ ސްޓްރީމިން ޕްލެޓްފޯމަކަށް ބަންސާލީ ޕްރޮޑިއުސްކުރާ ވެބް ސީރީޒެކެވެ. ބޮލީވުޑްގެ ވަރަށް ގިނަ އޭ-ލިސްޓް ބަތަލާއިންތަކެއް ފެންނާނެ ކަމަށް ބުނާ މި ސީރީޒްގެ ޑައިރެކްޓަރަކީ 2015 ގެ "ހަވާއީޒާދާ" ގެނެސްދިން ވިބޫ ޕޫރީ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ހީރާ މަންޑީ" ގެ ބަތަލުގެ ރޯލު ކާތިކް އާރިޔަނަށް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު މި ޕްރޮޖެކްޓާ ބެހޭ އެއްވެސް ވާހަކައެއް ބަންސާލީ މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ. އޭނާ މި ވަގުތު އުޅެނީ ޖުލައި 30 ގައި ގެނެސްދޭން އުޅޭ 10 ވަނަ ޑައިރެކްޝަން "ގަންގޫބާއީ ކަތިއަވާޅީ" ގެ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ.

"ހީރާ މަންޑީ" ގެ މިއުޒިކް އިސްމާއީލާ ހަވާލުކޮށްފައިވާ ކަމަށް ބުނާ އިރު، މި ފަހުން ބަންސާލީ ޑައިރެކްޓްކުރި ހުރިހާ ފިލްމުތަކެއްގެ މިއުޒިކް ހެދީ އޭނާ އަމިއްލައަށެވެ. "ގަންގޫބާއީ" ވެސް ހިމެނޭ ގޮތަށް 2018 ގެ "ޕަދުމާވަތު" އާއި 2015 ގެ "ބަޖިރާއޯ މަސްތާނީ" އަދި 2013 ގެ "ރާމް-ލީލާ" ގެ މިއުޒިކް ހެދީ ބަންސާލީ އަމިއްލައަށެވެ. އަދި އެ ފިލްމުތަކުގެ ލަވަތައް ވެސް އާންމުންގެ ތެރޭގައި ވަރަށް މަގުބޫލުވި އެވެ.

އިސްމާއީލް މިއުޒިކް ތައްޔާރުކޮށްދިން ފިލްމުތަކުގެ ތެރޭގައި "ތެރާ ޖާދޫ ޗަލްގަޔާ" އާއި "ޝަކްތީ: ދަ ޕަވާ" އާއި "ކިސްނާ: ދަ ވޮރިއާ ޕޮއެޓް" އަދި "ކާންޗީ" ހިމެނެ އެވެ.