މާލެ ސަރަހައްދުގެ 8 އިން ފެށިގެން ދަށުގެ ގްރޭޑުތަކަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި
މާލެ ސަރަހައްދުގެ 8 އިން ފެށިގެން ދަށުގެ ގްރޭޑުތަކަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި

އޮންލައިންކޮށް ކިޔަވައިދިނުމަށް އިތުރު ދެ ގްރޭޑު ހިމަނައި، މާލެ ސަރަހައްދުގައި ގްރޭޑު 8 އިން ފެށިގެން ދަށުގެ ދަރިވަރުންނަށް އިތުރު ދެ ހަފުތާގައި އޮންލައިންކޮށް ކިޔަވައިދޭން މިރޭ ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފަ އާއި އިރުޝާދުގެ މަތިން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 8 ގެ ދަރިވަރުންނަށް އަންނަ މާޗު 11 ވަނަ ދުވަހާ ހަމައަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ.

މިއީ، މާލެ ސަރަހައްދުގައި ހަލުވިކަމާއެކު، ފެތުރެމުންދާ ކޮވިޑު ބަލިން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކުރި ތިން ވަނަ ބުރެވެ. މިދިޔަ އަހަރު ދެ ބުރެއްގެ މަތިން އަދި މި އަހަރު ކިޔަވައިދޭން ފެށިތާ މަހެއްވި ތަނާ ސްކޫލުތައް ވަނީ އަނެއްކާ ވެސް ބަންދުކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި މަހުގެ 12 ގައި އެންމެ ފުރަތަމަ އިއުލާނުކުރީ މާލެ ސަރަހައްދުގެ ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 6 އާ ހަމައަށް ސްކޫލުތައް ބަންދުވާނެ ކަމަށެވެ. އެކަމަކު، ދެ ހަފުތާ ފަހުން، އެ ލިސްޓަށް މިއަދު ދެ ގްރޭޑު އިތުރުކޮށް، އޮންލައިންކޮށް ކިޔަވައިދިނުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރީ އެވެ.

"މި ދުވަސްވަރު ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި ފެތުރެމުން ދިއުމާއެކު، މިހާރު އެޅިފައި ހުރި ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭތީ، މި ވަގުތު ބަލި ފެތުރެމުންދާ މިންވަރާއި ހާލަތަށް ބަލައި ބަލި ފެތުރުމުގެ ރިސްކް އަވަހަކަށް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެދުމުގެ މަތިން ކުރިއަށް އޮތް ދެ ހަފުތާ އަށް (28 ފެބްރުއަރީ 2021 އިން 11 މާޗު 2021) އަށް މާލެ ސަރަހައްދުގެ ސްކޫލުތަކުގެ އެލްކޭޖީން ފެށިގެން ގްރޭޑު 8 އާ ހަމައަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމުގައި ދެންނެވީމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

އެ މިނިސްޓްރީން ބޭނުންވަނީ ސްކޫލުތައް ހުޅުވައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކިޔަވައިދިނުން ކުރިއަށް ގެންދާށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން އެ ނިންމުންތައް ނިންމަންޖެހޭނީ އެޗްޕީއޭގެ ލަފައަށެވެ.

އެނގިފައިވާ ގޮތުގައި، އޮންލައިންކޮށް ކިޔަވައިދިނުމުގެ މުއްދަތު އިތުރުނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުރިހާ ދަރިވަރުންނަށް ވެސް ސްކޫލު ހުޅުވާލައިގެން ކިޔަވައިދިނުމަށް މިނިސްޓްރީން މަސައްކަތް ކުރި އެވެ. އެކަމަކު، މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ވަރަށް ގޯސްވެފައިވާ ވާތީ އެ ފުރުސަތެއް އެޗްޕީއޭއަކުން ނުދިނެވެ.