ފުވައްމުލަކުގައި ކާރުގައި ތާށިވި ދެ ޒުވާނުން މަރުވެއްޖެ
ފުވައްމުލަކުގައި ކާރުގައި ތާށިވި ދެ ޒުވާނުން މަރުވެއްޖެ

އެކްސިޑެންޓުވީ، ކާރަށް ޕެޓްރޯލް އަޅައިގެން މުތީއު އާއި އާމިލް ނައްޓާލިތަނާ ކަހަލަ ގޮތަކަށް ކަމަށް ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނި. އެކްސިޑެންޓުވީ ޕެޓްރޯލް ޝެޑާ ގާތްގަނޑަކަށް 50 ވަރަކަށް މީޓަރު ދުރުގައި ހުރި ގަހެއްގައި ޖެހިގެން ކަމަށް އޭނާ ބުނި. ކާރު ދުއްވަން އިނީ އާމިލް. އެއީ އޭނާގެ އާއިލާގެ މީހެއްގެ ކާރެއް ކަމަށް ވޭ.

މި އެކްސިޑެންޓުގައި މަރުވީ ފުވައްމުލަކު ކެޕްރީ، އަހުމަދު މުތީއު އަބްދުލްހަކީމް، 24 އާއި ކޯން ސްލީޓް، އަލީ އާމިލް އަހުމަދު، 19. މީގެ ތެރެއިން މުތީއު އަކީ އޮކްޓޫބަރު 2017 ގައި ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ވަރަށް ސީރިއަސް އަނިޔާތަކެއް ވެ، ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކަނޑާލާފައި ވަނިކޮށް، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީ، ރަނގަޅުކުރި ޒުވާނެއް. އޮކްޓޫބަރު ފަސް ވަނަ ދުވަހު ފުވައްމުލަކު ލިންކް ރޯޑްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މުތީއުގެ ފުއްޕާމެއަށް އަނިޔާވެ، ވާތު ކޮނޑު ކަށިގަނޑާއި ވާތު ފައި ބިނދުނު. ކަނާތު ކޮނޑު ހުޅަށް ވެސް އަނިޔާވި.

ކާރުގައި ތާށިވި ދެ ޒުވާނުން ވެސް މަރުވެއްޖެ ކަމަށް ހޮސްޕިޓަލުން ދެންމެ ބުނެފި. މަރުވީ އުމުރުން 19 އަހަރާއި 24 އަހަރުގެ ދެ ޒުވާނުން. ހޮސްޕިޓަލުން ބުނީ، އެ ދެ ޒުވާނުން އެ ތަނަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށް. އުމުރުން 19 އަހަރުގެ ޒުވާނާ މަރުވީ ހޮސްޕިޓަލުން ބުނިގޮތުގައި، ހަވީރު 5:04 ގައި. އުމުރުން 24 އަހަރުގެ ޒުވާނާ މަރުވީ 4:56 ގައި.

ފުވައްމުލަކުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ، ގޮސް ގަހަކަށް އަރައި، އޭގައި ތިބި ދެ މީހުން ކާރުގެ ތެރޭގައި ތާށިވެއްޖެ އެވެ.

އެ ސިޓީން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ ތާރު އަޅާފައި އޮންނަ ނައިބުތުއްތު މަގުގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ "ބޯ ވެސް އޮތީ ޗިސްވެފައި" ކަމަށެވެ.

"ދެ މީހުން ވެސް ކާރުތެރެއިން ނެރުނީ ގްރޭންޑަރަކުން ދަގަނޑުތައް ކީހައިގެން،" ސްޕޯޓްސް ކާރުގެ އެކްސިޑެންޓާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ވަނީ."

އެކްސިޑެންޓުވި ކާރުގައި ހުންނަނީ ދެ ސީޓެވެ. އެ ކާރު ޑިޒައިން ކޮށްފައިވާ ގޮތުން، ކާރުގެ ދެ ދޮރުފަތް ހުޅުވޭނީ މައްޗަށެވެ.

"ގަހުގައި ޖެހުނު ގޮތަކުން، ދޮރުތައް ނުހުޅުވި ތާށިވީ،" ފުވައްމުލަކުން ވާހަކަ ދެއްކި މީހާ ބުންޏެވެ.