"ރުދުރަކާލް" އަކީ އިންސާފު ހޯދައިދޭން ކުރާ މަސައްކަތެއް
"ރުދުރަކާލް" އަކީ އިންސާފު ހޯދައިދޭން ކުރާ މަސައްކަތެއް

ކުށުގެ ވެށީގައި އުޅޭ ނުރައްތެރި މީހުންގެ ޖަރީމާތައް ހުއްޓުވައި އަމާން ވެއްޓެއް ގާއިމުކުރަން ފުލުހަކު ކުރާ ހިތްވަރު ގަދަ މަސައްކަތް ދައްކުވައިދޭ ސިލްސިލާއެއް ގެނެސްދޭން ސްޓާ ޕްލަސް އިން ތައްޔާރުވެއްޖެ އެވެ.

މިހާރު ޕްރޮމޯ ދައްކަމުން އަންނަ މި ސިލްސިލާ އަކީ އަންނަ މަހުގެ 7 ގައި ފަށާ "ރުދުރަކާލް" އެވެ. ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައި ގެނެސްދޭ ސިލްސިލާގައި ލީޑް ކެރެކްޓާ އަކީ އައިޕީއެސް އޮފިސަރު ރަންޖަން ޗިތޯޅާ އެވެ. އެ ކެރެކްޓާ އިން ފެންނާނީ ބާނޫ އުދޭ އެވެ. އޭނާ ކުރިން ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ސާމް ދާމް ދަންޑް ބޭދު" އާއި "ހަމާރީ ސިސްޓަރު ދީދީ" ހިމެނެ އެވެ.

"ރުދުރަކަލް" ގެ ކާސްޓްގައި ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ބަތަކާ ދިޕާތިނާ ޝަރުމާ ވެސް ހިމެނެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގައި ގެނެސްދިން ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ "ވޯ" އެވެ.

ސްޓާ ޕްލަސް އިން މިހާރު އެންމެ އަވަހަށް އަލަށް ފަށަން އޮތް ސިލްސިލާ އަކީ އަންނަ މަހުގެ 2 ގައި ފަށާ "އާޕް ކޭ ނަޒުރޯ ނެ ސަމްޖާ" އެވެ.

މިހާރު އިންޑިއާގެ އެންމެ މަގުބޫލު ސިލްސިލާ "އަނޫޕަމާ" ވެސް ގެނެސްދޭ ޗެނެލްގެ ސިލްސިލާތަކުގެ ތެރޭގައި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ޝާދީ މުބާރަކް" އާއި "ސާތު ނިބާނާ ސާތިއާ 2" އާއި "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" އާއި "އިމްލީ" އާއި ޝޯރިއާ: އޭކް އަނޯކީ ކަހާނީ" އަދި "ޕާންޑިއާ ސްޓޯރް" ހިމެނެ އެވެ.