ރާއްޖޭގެ ތާރީޚު ދުވަސް: މާޒީގެ ވާހަކަތަކުން ދިވެހިރާއްޖެ
ރާއްޖޭގެ ތާރީޚު ދުވަސް: މާޒީގެ ވާހަކަތަކުން ދިވެހިރާއްޖެ

އިއްޔެ ބުނި ވާހަކަ މިއަދު ނުދައްކަނީ ކާކުތޯ އެވެ؟ އިއްޔެ ކުރި ކަންތައް، މިއަދު ނުބަލަނީ ކާކުތޯ އެވެ.؟ މާޒީގެ ދުވަސްތަކުން ހަޔާތަށް އަރާމާ ލައްޒަތު އިންސާނާ ނުހޯދާތޯ އެވެ. ޝައްކެއްވެސް ނެތެވެ! ތާރީޚަކީ ވޭތުވެދިޔަ ދުވަހެވެ. އެއީ ހިކުމަތުން ފުރިފައިވާ ފޮތެކެވެ. އެތައް ކަމެއް ދުށް ތަޖުރިބާކާރެކެވެ. މުޅި އިންސާނިއްޔަތު ކުޅަހާ ކަމެއް އޭނާ ދެކެފައިވެ އެވެ.

ރާއްޖޭގެ ތާރީޚު ދުވަސް: މާޒީގެ ވާހަކަތަކުން ދިވެހިރާއްޖެ
ރާއްޖޭގެ ތާރީޚު ދުވަސް: މާޒީގެ ވާހަކަތަކުން ދިވެހިރާއްޖެ

އާނއެކެވެ. ތާރީޚުން އެމީހަކު ހޯދާން އުޅެފި ކޮންމެ ކުލަޔެއް، ކޮންމެ ފާޑެއް، ފެންނާނެތެވެ. ހެވާއި ނުބަ އެވެ. ރީއްޗާއި ހުތުރެވެ. ކަޅާއި ހުދެވެ. މިއީ މުޅި އިންސާނިއްޔަތުގެ ނިސްބަތުން ވިޔަސް ނުވަތަ ގައުމެއްގެ ނިސްބަތުން ވިޔަސް އަދި ވަކިވަކި ފަރުދެއްގެ ހައިސިއްޔަތުން ވިޔަސް މިކަން ހަމަ އޮންނާނެ މަގެވެ. މިހެންކަމުން ތާރީޚު ރީތިވެފައި ހުތުރުވުމުގައި ވަކި ދިވެހީން ތަފާތުވާކަށް ނުޖެހެ އެވެ. އެއީ އިންސާނީ ނަވްޢުގެ ތާރީޚު އޮތް ގޮތެވެ. އެއީ ދުނިޔޭގެ ހަޔާތުގެ މާޒީ ދެއްކި ހަގީގަތް ވެސް މެއެވެ.

ރާއްޖޭގެ ތާރީޚު ދުވަސް: މާޒީގެ ވާހަކަތަކުން ދިވެހިރާއްޖެ
ރާއްޖޭގެ ތާރީޚު ދުވަސް: މާޒީގެ ވާހަކަތަކުން ދިވެހިރާއްޖެ

ދިވެހިން ދިވެހި ތާރީޚުގެ މައްޗަށް، ވަކިން ޚާއްސަކޮށް ވާހަކަ ދައްކައި އުޅޭ އަޑު އިވެނީ އެއީ ހުތުރު އެއްޗެއް ކަމަށް ބުނެ އެވެ. އެއިން ފެންނާން އޮތީ އެވެނި މިވެނިކަމެކޭ ބުނެ އެވެ. އިސްވެ ބުނެވުނު ފަދައިން އެވެނި މިވެނިކަމެއް ހޯދާން އުޅެފި ނަމަ އެ ވެސް ފެންނާނެތެވެ. ތިމާ ހޯދަން އުޅެފި ކޮންމެ ކުލައެއް ފެންނާނެތެވެ. އެކަމަކު ނުދެއްކޭ ވާހަކައަކީ ދިވެހި ތާރީޚުން ވެސް ކިތަންމެ އިބުރަތެއް ލިބިދޭކަމެވެ. ރީތި އަޚުލާގީ މިސާލުތަކެއް މުސްތަޤުބަލަށް ދައްކައިދޭކަމެވެ. މިއަދަށް ކިތަންމެ މޮޅަކާއި ފަސޭހައެއް ބުނެދޭކަމެވެ.

އަދަށް ތާރީޚު ކުޅަ ވަސިއްޔަތަކީ އޭނާގެ ޚަބަރުތައް އަހާ، އެނގި ދަސްކޮށް، އެޔަށް ވުރެ ފުރިހަމަ މާދަމާއެއް ބިނާކުޅައުމަށް މަސައްކަތްކުރުމެވެ.

ދިވެހިންގެ ފަޚުރުވެރި ތާރީޚެއް އޮތްކަމާ މެދު ހިތްތަކުގައި ސުވާލު އުފެދެ އެވެ. އެއްޗެއްގެ މައްޗަށް ހުކުމްކުޅައުމުގެ ކުރިން އެއެއްޗަކާ މެދު ވިސްނުން ހިންގުމަކީ އޮތް ކަމެކެވެ. ހޯދާ ބެލުމުގެ ގޮތުން ސުވާލު އުފައްދާން ވެސް ޖެހެ އެވެ. މާޒީގެ މައްޗަށް ތައައްސުބެއް ނެތި ނަޒަރު ހިންގާލި ކޮންމެ މީހަކު ޝޯޚުވާ ފަދަ ޙަޟާރަތެއްގެ ވެރި ބައެއް ކަމުގައި ތާރީޚު ބުނެދެ އެވެ.

ހައިރާންވާ ފަދަ އަޚުލާގިއްޔަތެއް އޮތް މުޖުތަމައެއް ކަމުގައި ބުނެދެ އެވެ. އަޖާއިބު ކުރުވާ ފަދަ ތަރުތީބު ދައުލަތެއްކަމުގައި ބުނެދެ އެވެ. ސިއްސައިގެންދާވަރުގެ ސުލްހަވެރި، އޯގާވެރި ބައެއްކަމުގައި ބުނެދެ އެވެ. އަދިވެސް މިފަދަ ކިތަންމެ ޝޯޚަކާއި އަޖާއިބަކާއި އަންތަރީހެއް ތާރީޚު ދައްކާ ހާމަކޮށްދެ އެވެ.

އަދަކީ މާޒީގެ ދުވަހެވެ! ވޭތުވެދިޔަ ދުވަހުގެ ދުވަހެވެ. ގައުމުގެ ދުވަހެވެ! ގައުމެއްގެ ގޮތުގައި މިރާއްޖެ ތަހައްމަލުކުރި ކޮންމެ ކަމެއްގެ ހަނދާން އައު ވެވޭ ދުވަހެވެ. މިއަދަކީ އަދުގެ ދަރިންނަށް އިއްޔެގެ ޚަބަރުތަކުން ގައުމު ޚަބަރުކޮށްދޭ ދުވަހެވެ. އާދެ! މިއަދަކީ ރާއްޖޭގެ ތާރީޚު ދުވަހެވެ.

ތާރީޚު ދުވަހެއްގެ ގޮތުގައި ދުވަހެއް ފާހަގަކުރުމުގެ އެއް ބޭނުމަކީ ނެތި ގެއްލިފައިވާ "އައިޑެންޓިޓީ" އަލުން ބިނާކުރަން ބާރު އެޅުމުގެ ގޮތުން ފާހަގަކުރާ ދުވަހެއް ކަމަށް ދެކެމެވެ. މި ދުވަހަކީ މި ރަށްތަކުގައި ދައުލަތެއް އިއުލާންކުރި ދުވަހުގެ ގޮތުގައި ޚާއްސަކޮށްގެން ވެސް ފާހަގަކުރެވިދާނެ ދުވަހެކެވެ. މިތަނުގައި ބަޔަކު ވަޒަންވެރިވެ ވަކި ސަގާފަތަކާއި އާދަކާދަތަކެއްގެ މައްޗަށް، ދައުލަތެއް ބިނާކުޅަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ހިނގިހައިކަމެއްގެ ހަނދާންތައް އައުކުރެވޭނެތެވެ. ތާރީޚަކީ ވޭތުވެދިޔަ ކޮންމެ ދުވަހަކަށް ވީތީ އެވެ.

އާދެ އިންސާނީ ދަރިފަސްކޮޅު ފުޅާވެ ދުނިޔޭގެ އެތަން މިތަނަށް ހިޖުރަކޮށް ފެތުރި ވަޒަންވެރިވެގެންދިޔައެވެ. އަދި އެ ވަޒަންވެރިވި ސަރަހައްދެއްގައި ތިބެ ވަކިވަކި ގައުމުތަކެއްގެ ގޮތުގައި އެބައި މީހުން އަމިއްލަވަންތަކަމެއް ބިނާކުރި އެވެ. ގައުމިއްޔަތޭ އަޅުގަނޑުމެން ކިޔައި އުޅެނީ އެޔަށެވެ. މި ގައުމިއްޔަތު ބިނާވެފައިވަނީ އެބަޔަކު ވަޒަންވެރިވެ ތިބި މާހައުލާ ގުޅޭނޭ ގޮތުން އެކަށައެޅިފައި ހުންނަ އުސޫލުތަކާއި ގާއިދާތަކެއްގެ މައްޗަށެވެ. ސާގަފަތާއި އާދަކާދައޭ ބުނެވެނީ އެޔަށެވެ. އަޅުގަނޑުމެންގެ ކައިރީގައިވާ އެހެނިހެން ތަފާތު ގައުމުތަކުގެ އާދަކާދަ އާއި ސަގާފަތާ ތަފާތުވެގެން ވަކި ބައެއްގެ ގޮތުގައި މި ރާއްޖޭގެ މީހުން އިހު ތިބިކަމީ އިންކާރު ކުރެވެން ނެތް ހަގީގަތެވެ. އަޅައި އުޅުނު ހެދުމަކީ ފެންނަ ކޮންމެ ބަޔަކަށް މިއީ ވަކި ބައެއްކަން ދައްކައިދޭނެ ހެދުމެއް ނޫންތޯ އެވެ. ވާހަކަ ދައްކައި އުޅޭ ބަހަކީ ވެސް މިނޫން ބަޔަކު ވާހަކަ ދައްކައި އުޅޭ ބަހެއް ނޫނެވެ. މީގެ އިތުރުން މި ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ކައިބަފައިން އެއި ކަރައަކުން ގެންނެވި ކަންކަމާ އެމުނި އެކުލެވިގެން އީޖާދުވިކަމަށް ބެލެވޭ އަމިއްލަ އާދަކާދަތަކަކާއި ސަގާފަތްތައް ހުއްޓެވެ. މިހުރިހާ ކަމެއް މިގޮތަށް ދެމެމުން އައިކަން އަންގައި ހާމަކޮށްދިނީ އަޅުގަނޑުމެންނަކީ ވެސް ވަކި ގައުމެއްގެ ބައެއްކަމެވެ. ދިވެހިންކަމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުނު އިންސާނުން އެބައި މީހުންގެ އެކި ބޭނުންތަށް ފުއްދުމުގެ ގޮތުން އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިފައި ވެއެވެ. ވިޔަފާރި އާއި ތިޔާގިކަމުގެ ބޭނުމުގަ އެވެ. ޢިލްމާއި ފަންނު ހޯދުމުގެ މަގުސަދުގަ އެވެ. މިފަދަ އެކި ކަހަލަ ގުޅުންތަކުގެ ތެރެއިން ޙަޟާރަތްތައް އުފަންވެ ދިޔަ އެވެ. ބާބިލުގެ ޙަޟާރަތާއި މިސްރުގެ ޙަޟާރަތާއި ސީނުކަރައިގެ ޙަޟާރަތާ އަދި މި ސަރަޙައްދުގައި އޮތް އިންޑަސް ވާދީ ޙަޟާރަތްތައް ފަދަ ކޮންމެ ޙަޟާރަތަކީ އެއްބަޔަކު އަނެއް ބަޔަކާ އެކި ކަހަލަ ގުޅުންތައް އޮތް ބައެކެވެ. މިފަދަ ގުޅިލާމެހުމުގެ ތެރެއިން އެއްބަޔަކާއި އަނެއް ބަޔެއްގެ މެދުގައި ވާދަ ބޮޑުވެ، އެ ވާދަ ފިތުނަޔަކަށްވެ، ހަނގުރާމަތައް އުފަންވެ އެވެ. މިފަދަ ހަނގުރާމަތަކުގެ ތެރެއިން ދުނިޔެއިން ވުޖޫދުން ފޮހެވި ދިޔައީ ކިތައް ގައުމުގެ މީހުންތޯ އެވެ. އަމިއްލަ ވެރިކަން ނެތިގޮސްފައިވާ ގައުމުތައް ވެސް މަދެއް ނޫނެއް ނޫންތޯ އެވެ. މިއަދުގެ މި ޒަމާނުގައި ވެސް އެބައި މީހުންގެ ގައުމިއްޔަތުގެ "އައިޑެންޓިޓީ" ދުނިޔެއަށް ދައްކަމުން އަމިއްލަވަންތަކަމަކަށް އެދި ވަކާލާތުކޮށް އެތިބެނީ ކިތައް ގައުމު ގައުމުގެ މީހުންތޯ އެވެ. އެއީ އައިޑެންޓިޓީ އެނގި ދަސްކުރުން މުހިންމުވާ އެއް ސަބަބެވެ.

ރާއްޖޭގެ ތާރީޚު ދުވަހުގައި ގަލަން ހިނގަން ވާނީ ރާއްޖޭގެ މައްޗަށް ކަމުގައި ދެކެމެވެ.

ދުނިޔޭގެ އެއްބިތުން އަނެއް ބިތަކަށް ނޫނެވެ. އަޅުގަނޑުމެންގެ ދިގު މާޒީގެ ތާރީޚުގެ މައްޗަށް އަލިއަޅުވާލާ ދައްކަން ޖެހިފައި ހުރި ވާހަކަތައް ގިނަގުނަ އެވެ.

ދިވެހީންނަކީ ކޮން ތާކުން އައި ކޮން ބައެއްތޯއެވެ. އެ ބަޔަކު ވަޒަންވެރިވި އިރަކާއި ދުވަސްވަރަކީ ކޮބައިތޯކަމާ މެދު އެވެ. ދިވެހި ވިޔަފާރި އާއި އިގުތިސޯދުގެ މައްޗަށެވެ. ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ މައްޗަށެވެ.

އާއްމު ދިރިއުޅުމާއި އޭގެ ވައްޓަފާޅީގެ މައްޗަށެވެ. ސިޔާސަތާ ވެރިކަމުގެ މައްޗަށެވެ. ދެތިން ސަފުހާއެއްގެ މައްޗަށް އަތުރާލެވޭ ބަސްތަކަކުން ވަށައި ޖެހޭ އެއްޗެއް ނުލިޔެވޭނެތެވެ. އަދި ކިއެއްތަ އެފަދަ ލަޔާގަތެއް ވެސް ނެތީ އެވެ. ބުނާ ކޮންމެ ވާހަކައަކަށް އެވާހަކައެއް ދެކޮޅުޖައްސާން ލައްކަ ހާސަރެއް ވެސް ދަމާން ޖެހިފައިވާތީ އެވެ. ވީމާ ވަރަށް ވެސް ޚުލާސާ ނަޒަރަކުން ދިވެހި ގައުމުގެ މައްޗަށް ކުރު ބަސްތަކެއް އަތުރާލެވޭތޯ އެބަ އުޅެމެވެ.

މިރާއްޖޭގައި އިންސާނުން ވަޒަންވެރިވި ސީދާ ތާރީޚެއް ހޯދިފައެއް ނެތެވެ. އަދި އިންސާނުން ވަޒަންވެރިވާން މެދުވެރި ކުރުވި ސަބަބުތަކަކީ ކޮބައިކަމާ މެދު ވެސް ސާފު ސަރީހީ ޖަވާބެއް ނެތެވެ. އެކި ނަޒަރިއްޔާތަކުގެ އަލީގެ މައްޗަށް ބުރަވެ ހުރެ ދަންނަވާ ނަމަ ދެންނެވޭނީ އެއްބައި ބޭފުޅުންގެ ނަޒަރުގައި މި ރަށްތަކުގައި އިންސާނުން ވަޒަންވެރިވެފައިވާނީ އިންޑަސް ވާދީ ޙަޟާރަތް ރޫޅެމުން ދިޔަ ދުވަސްވަރުކަމުގަ އެވެ. ކުރިމަތިވި ކޮންމެވެސް ހަނގުރާމަތަކެއްގެ ނަތީޖާއަކުންނެވެ. ނޫނީ ޖެހުނު ތޫފާންތަކެއްގެ ސަބަބުންނެވެ. އަނެއްބައި ބޭފުޅުންގެ ނަޒަރުގައި ރާއްޖެޔަށް ބޮޑު އަދަދަކުން އިންސާނުން ހިޖުރަކޮށްފައިވާނީ މިތަނުން ނެގޭ ބޮލީގެ ބޭނުމުގަ އެވެ. އެއީ އެޒަމާނުގެ ދުނިޔެއަށް ވަރަށް އަގުހުރި އެއްޗެކެވެ. އެއިރުގެ ރަނެވެ.

ކޮންމެއަކަސް މުއައްރިޚުންގެ ހޯދުންތަކުން އެނގި ޔަގީންވަނީ އާސާގެފާނުގެ މީލާދުގެ 500 އަހަރު ކުރިން ވެސް މި ރާއްޖޭގައި އިންސާނުން ވަޒަންވެރިވެފައިވާ ކަމަށެވެ. މި ތާރީޚު ނިސްބަތްކޮށްފައި އެވަނީ ގަދީމީ ޕާލީ ފަތްފުއްތަކެއް ކަމުގައިވާ "މަހަވަންސާ" އޭ ކިޔުނު ފަތްފުއްތަކުގައި އިންޑިޔާގެ މައިކަރައިން ސިލޯނަށް ސިންގަޅަ ދަރިކޮޅު ހިޖުރަކުރި ކުރުމުގެ ވާހަކަޔަށް ނިސްބަތްކޮށެވެ. މަހަވަންސާގައި ބުނެފައިވާ ގޮތުން ސިންގަޅަ ދަރިކޮޅުގެ ފެށުންކަމުގައި ބުނާ ޕްރިންސް ވިޖާޔާ، ސިލޯނަށް ހިޖުރަކުރި ނަވާ އެކު އިތުރު ދެ ނަވު ފުރިކަމަށް ބުނެފައިވެ އެވެ. އެތަނުން އެއް ނަވުގައި ތިބީ ކުޑަކުދިންނެވެ. އަނެއް ނަވުގައި އަންހެނުންނެވެ. ތިން ވަނަ ނަވުގައި ޕްރިންސް ވިޖާޔާ އާއި އޭނާގެ ޚައްދާމުންނާއި އަސްކަރެވެ. މީގެ ތެރެއިން ކުޑަކުދިން ތިބި ނަވަށް ދެވުނީ ނައްގަދީޕާއަށް ކަމަށާއި އަންހެނުން ތިބި ނަވަށް ދެވުނީ "މަހިލަދީޕާއަށްކަމުގައި" ބަޔާންކޮށްފައިވެއެވެ. އޭގައި ބުނެފައިވާ މަހިލަދީޕާއަކީ ދިވެހިރާއްޖެކަމުގައި މުއައްރިޚުން ވިދާޅުވެ އެވެ.

ބެލެވޭ ގޮތުގައި މަހަވަންސާގައި ބުނެފައި އެވާ ވާހަކަ ނިސްބަތް އެކުރަނީ ރާއްޖޭގެ ރަށްތަކަށް އިންސާނުން ވަޒަންވެރިވުމަށް ކުރި ހިޖުރައެއްގެ ވާހަކަ ކަމަށް ވީ ނަމަވެސް އެއީ މި ރަށްތަކުގައި ފުރަތަމަ ވަޒަންވެރިވި މީހުން ކަމަކަށް ނުބެލެވެ އެވެ. ރާއްޖޭގެ މުސްކުޅި އާދަކާދަތަކާއި ފެނިފައި ހުރި ބައެއް އާސާރުތަކާ އަދި ކިޔަމުން އަންނަ ފޯކުލޯރުތަކުގެ މައްޗަށް ބުރަވާ ނަމަ އޭގެ ކުރީގައި ވެސް މި ރަށްތަކުގައި އިންސާނުން ވަޒަންވެރިވެ އާބާދުވެފައިވާކަމަށް ބެލެވެ އެވެ.

އާދެ! ރާއްޖޭގެ ރަށްތަކުގައި އާބާދުވުމަށް މައިގަނޑު ބޮޑު ދެ ހިޖުރައެއްކޮށްފައިވެ އެވެ. އެއީ ދެކުނު އިންޑިޔާގެ ސަރަހައްދުތަކުން މި ރަށްތަކަށް ހިޖުރަކުރި ދްރަވީދާ މީހުންގެ ހިޖުރަ އާއި އުތުރު އިންޑިޔާގެ ސަރަޙައްދުން މި ރަށްތަކަށް ހިޖުރަކުރި އިންޑޯ އާރިޔަން ހިޖުރައެކެވެ. މަހަވަންސާގައި ބަޔާންކޮށްފައި އެވަނީ އިންޑޯ އާރިޔަން ދަރިކޮޅުގެ ހިޖުރަ އެވެ. މި ދެ ހިޖުރައިގެ ތެރެއިން ދްރަވީދާ ހިޖުރައަކީ އެންމެ ގަދީމީ ޒަމާނުގެ ރާއްޖޭގެ ވަޒަންވެރިންކަމުގައި ވެދާނެ އެވެ. ދިވެހި ބަހާއި ސަގާފަތުގެ ތެރެއިން ވެސް މިކަމަށް ބާރުދޭ ބައެއް ގަރީނާތައް ފެނެ އެވެ. ދިވެހި ބަސް އުފެދި ބޮޑުވެފައިވަނީ ޚާލިސް ސާސްކުރިތު ތަރަހައެއްގެ މައްޗަކަށް ނޫނެވެ. އޭގައި މުސްކުޅި ތަމަޅަ ބަހުގެ ތަރަޙަތަކެއް ވެސް ވެއެވެ. މަހަވަންސާގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާ ނަމަ، ކުރިން ވެސް ބުނެވުނު ފަދައިން، އިންޑޯ އާރިޔަނުންގެ މީހުން ރާއްޖެއަށް ހިޖުރަކޮށްފައި އެވަނީ އީސާގެފާނުގެ މީލާދުގެ 500 ވަރަކަށް އަހަރު ކުރިންނެވެ. އަދި ދްރަވީދާ ދަރިކޮޅުގެ ވަޒަންވެރިވުން އޭގެ ކުރިޔަށް ޖެހެ އެވެ. ވީމާ ރާއްޖޭގެ އާބާދުވުން މީލާދުގެ 500 އަހަރު ކުރިޔަށް ވުރެ ވެސް ދޮށިވެދާނެ އެވެ.

ދިވެހި ފޯކުލޯރު ބުނާ ގޮތުން ރާއްޖޭގެ ފުރަތަމަ ރަސްކަލަކީ ކޮއިމަލާ އެވެ. އެއީ މި ރާއްޖޭގެ ބާނީ އެވެ. ދިވެހި ދައުލަތެއް އިއުލާނުކުރިކަމަށް ބުނާ ފުރަތަމަ ރަސްގެފާނެވެ. ވީމާ ތާރީޚު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް އެރަދުންނަށް ޚާއްސަކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ރާއްޖޭގެ ލެޖެންޑަރީ ރަދުން ކޮއިމަލާއަށް ފެސްޓިވަލްތައް ވެސް މިދުވަހުގައި ބޭއްވިދާނެ އެވެ. އެއީ ކަލްޗަރަލް ޓޫރިޒަމުގެ ތެރެއިން ނަފާޔާއި ލާބަ ހޯދޭނެ ފެސްޓިވަލްއަކަށް ވެސް ހެދިދާނެ އެވެ.

ޖަޕާން ފަދަ އެތައް ގައުމެއްގައި ވެސް މި ބާވަތުގެ ކަންކަން އޮންނަ ބީދައިންނެވެ.

ކޮއިމަލާ ފޯކުލޯރަކީ ވަރަށް ގަދީމީ ފޯކުލޯރެކެވެ. ޒަމާން ދިގުވެ އޭގެ ތެރެޔަށް ޒަމާނާ އެކު ވަންނާނޭ އެތައް އުނިއިތުރެއް ވަދެފައިވާ މުސްކުޅި ވާހަކައެކެވެ. އަސްލެއްގެ މައްޗަށް ބިނާވެފައިވާ މުހިންމު ވާހަކައެކެވެ. އޭގައި ބުނާ ބައެއް ވާހަކަތައް މުސްކުޅި ދްރަވީދާ ޙަޟާރަތުގެ ކަންކަމަށް އިޝާރާތްކުރެ އެވެ. ވާހަކައިގެ ބަތަލް "ކޮއިމަލާކަލޯ" އަކީ ދެކުނު އިންޑިޔާގެ ގަދީމީ ކެރެލާ ހިސާބުގެ ހަނގުރާމަމަތީ ނަޔަރުންގެ މީހުންގެ ތެރޭގައި ހިމެނޭ ކާސްޓެއްގެ މަތީ ދަރަޖައިގެ ނަމެކެވެ. އެއީ ގަދީމީ ޒަމާނުގައި މުގައްދަސް ދަރަޖައެއް ލިބިދީފައިވާ ބައެއް ވެސް މެއެވެ. ވެރިކަމުގެ ކާސްޓުގެ ދަރަޖަވެރި ނަމެކެވެ. ހަމައެހެންމެ އަޅުގަނޑުމެންގެ މަޝްހޫރު "ރަންނަމާރި ވާހަކަ" އަކީ ވެސް ވަރަށް ގަދީމީ ވާހަކައެކެވެ. ކޮއިމަލާ ވާހަކައެކޭ އެއްފަދައިން އެއީ ވެސް ޒަމާން ދިގުވެފައިވާ ވާހަކައެކެވެ.

މުއައްރިޚުންގެ ނަޒަރުގައި ރަންނަމާރިއަކީ އެންމެ އެވޭލާ ޒަމާނުގައި ދިވެހިން އަޅުކަންކުރި ބާޠިލް އަންހެން ކަނލާގެއެއްގެ ނަމެކެވެ. ބާޠިލު އަގީދާގެ މައްޗަށް އެންމެ އެވޭލާ ޒަމާނުގައި ދިވެހިން ތިބި ތިބުމުގައި އެމީހުން އެކި ކަހަލަ މުސީބާތުން ސަލާމަތްވުމަށް އަޅުކަންކުރި ކަލާނގެއެއްގެ ނަން ކަމުގައި ބުނެވެ އެވެ. އަޅުގަނޑުގެ ޚުލާސާއަކީ މި ދެ ވާހަކަ، އާދެ "ކޮއިމަލާ ވާހަކަ އާއި ރަންނަމާރި ވާހަކަ" އިޝާރާތް އެކުރަނީ އިހު ބުނެވިދިޔަ މުސްކުޅި ދްރަވީދާ ޙަޟާރަތުގެ މައްޗަށް ކަމެވެ. އެއީ މި ރަށްތަކުގައި އިންޑޯ އާރިޔަނުންގެ ބަޔަކު ވަޒަންވެރިވުމުގެ ކުރީގައި އެހެން ބަޔަކު ވަޒަންވެރިވެފައިވާކަމަށް ލިބޭ ގަރީނާތަކެއް ކަމަށް ދެކެމެވެ.

ޝައްކެއް ވެސް ނެތެވެ. ދިވެހިންނަކީ ޙަޟާރަތެއްގެ ވެރި ބައެކެވެ. ބަޔަކު މީހުންނީ ޙަޟާރަތެއްގެ ވެރިބަޔަކަށް ވަނީ އެބަޔެއްގެ ތެރޭގައި ޚާއްސަ ސިފަތަކެއް އެކުލެވިގެންވީމަ އެވެ. އޭގެ ތެރޭގައި އެ މުޖުތަމަޢެއް ބިނާވެ އޮންނަ އަޚުލާޤީ މިންގަނޑުތަކާއި އަނެކުންނަށް ކުރާ އިހުތިރާމާއި އެބަޔެއްގެ ތެރޭގައި ހުނަރުވެރިކަމާއި ފަންނުވެރިކަން ކުރިއަރާފައި އޮތުމާއި އަދާލަތުގެ ނިޒާމެއް އެކަށައެޅިފައި އޮތުމާއި ވެރިކަމުގެ ނިޒާމުގެ ފާޑުވެރިކަމާ އަދި މީގެ އިތުރުން އެކި އިލްމުތަކަށް ދެވިފައިވާ ގަދަރާއި އަހަންމިއްޔަތު ފަދަ އެތައް ސިފައެއް ހިމެނެ އެވެ. މި ދަންނަވާލި މި ހުރިހާ ބާވަތެއްގެ ސިފަ، މާޒީގައި ދިވެހި މުޖުތަމައުގައި އެކުލެވިފައި ހުއްޓެވެ. އެކަން އަންގައިދެނީ ރާއްޖެއާ ބެހޭ ގޮތުން މީގެ ހާސް އަހަރު ކުރިއްސުރެ ފަރުދޭސީ ލިޔުންތެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކުންނެވެ. ޙަޟާރަތެއްގެ ވެރި ބަޔެކޭ ދެންނެވީ އެހެންވެގެންނެވެ.

މީލާދުން 1100 އިން 1166 އަށް ދުނިޔޭގައި އުޅުއްވި މަޝްހޫރު ޢިލްމުވެރިޔެއް ކަމަށްވާ ޝަރީފުލް އިދުރީސީ ލިޔުއްވި އަދި އެއިރުގެ އެންމެ ބޮޑު ޖިއޮގްރަފީ ފޮތްކަމުގައި ބެލެވޭ ކިތާބު ނުޒްހަތުލް މުޝްތާޤޭ ކިޔުނު ފޮތުން ދިވެހި ރާއްޖެ ވަނީ ޖާގަ ހޯދައިފަ އެވެ.

އެ ފޮތުގައި އަޅުގަނޑުމެންގެ ފޭރާން ވިޔުމުގެ ތެރެއިން ވިޔާ ޚާއްސަ ގަމީހެއްގެ ވާހަކަ ބުނެފައި އެވަނީ އޭގެ ޚާއްސަކަމަށްޓަކަ އެވެ. ބަންނަ ބޯޓުފަހަރާއި ގަލުން ބިނާކުރާ ގެދޮރާ އަދި ލަކުޑީގެ އިމާރާތްތަކުގެ ވާހަކައިން ދިވެހިންނަކީ ޙަޟާރަތެއްގެ ވެރި ބައެއް ކަމަށް ދަލީލު ލިބެ އެވެ. މިއީ މީގެ 900 އެއްހާ އަހަރު ކުރިން އޮތް ދިވެހި މުޖުތަމައުގެ މައްޗަށް މުޅި ދުނިޔެއަށް މަޝްހޫރު އާލިމަކު ލިޔުއްވި ލިއުއްވުމެކެވެ. ހަމައެހެންމެ އެ ފޮތުގައި ރާއްޖެ ސިފަކޮށްފައިވާ ގޮތާއި މިއަދުގެ ދިވެހިން އެބައި މީހުންގެ "އައިޑެންޓިޓީ"އާ ދުރުވެފައިވާ މިންވަރު ވެސް އެނގެ އެވެ. ދިވެހިންނަކީ ފޭއްޔެއް އަނދެލައިގެން ގަޔަށް އެއްޗެއް ނުލާ އުޅުނު ބައެއް ކަމަށް ހީވެ ދުނިޔޭގެ އެތަން މިތަނުގައި ރާއްޖެ ތަމްސީލުކުރާއިރު ދިވެހި އަންޑެންޓިޓީގެ ގޮތުގައި ދައްކައިދެނީ ހުސް ގަޔާ ތިބޭ ބައެކެވެ.

އެ ފޮތުން އެނގޭ ގޮތުގައި ރާއްޖެ އަކީ ރަސްކަލަކު ހުންނަވައިގެން ކުރިއަށް ގެންދިޔަ ހަޟާރަތެއް ކަމެވެ. އެ ރަސްގެފާނުގެ ފުށުން ދައުލަތް ދިފާއުކުރާނޭ ލަޝްކަރެއް އޮތްކަން އެނގެ އެވެ. ރައްޔިތުންނަށް އަންނަ ކޮންމެ ގެއްލުމަކުން ވެރިކަމުގެ ފަރާތުން އެބައި މީހުންނަށް އަމާންކަމާއި ޙިމާޔަތް ލިބި ދޭކަން ވެސް ފޮތުގައި ލިއެފައިވެ އެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ މުޖުތަމައުގައި އަންހެނުންނަށް ދީފައިވާ ގަދަރު ވަރަށް ވެސް ފުރިހަމަޔަށް ހާމަވެ އެވެ. ދުނިޔޭގެ އެޒަމާނުގެ ގިނަ ގައުމުތަކާ ޚިލާފަށް އަޅުގަނޑުމެންނަކީ ޖިންސުގެ ތަފާތެއް ގެންގުޅުނު ބައެއް ނޫނެވެ. ދިވެހި ފިރިހެނުންނާއި އަންހެނުންގެ މެދުގައި އިހު އެވޭލާ ޒަމާނުއްސުރެ ދާދި ފަހާ ހަމަޔަށް ތަފާތު ކުރުންތަކެއް ނެތްކަން ތާރީޚު ދައްކައިދެ އެވެ.

ޔޫރަޕާއި އެނޫން ވެސް ދުނިޔޭގެ މިއަދުގެ ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި އަޅުގަނޑުމެންގެ މި ފަޚުރުވެރި ޙަޟާރަތުގެ އަޑު އޭގެ އަސްލު ގޮތުގައި އިއްވާދޭން ޖެހެއެވެ. އާދެ އަދަކީ ތާރީޚު ދުވަހެވެ. ދުވަހުގެ ބޭނުމަކީ ވެސް އެއީ އެވެ.

ދައުލަތަކީ ދުނިޔޭގެ ނިސްބަތުން ވެސް މިޒަމާނާ ހަމަޔަށް ދެމިގެން އައިސްފައިވާ ވަރަށް ގަދީމީ މުސްކުޅި ދައުލަތެއްކަން ސޫރަކުރެވެ އެވެ. ހަމައެހެންމެ މިއީ ދުނިޔެއާ ވަކިވެގެން އެކަހެރިވެގެން ތިބި ބައެއް ވެސް ނޫނެވެ. ރާއްޖެއަކީ މީގެ 2000 އަހަރު ކުރިން ވެސް ޔޫރަޕާއި އެފްރިކާ އާއި އަރަބިކަރައިގެ ގައުމުތަކުގެ އިތުރުން ފާރިސީންނާއި ސީނުކަރައިގެ މީހުން ވެސް ދަންނަ އެމީހުންގެ ފޮތްފޮތުގައި ޚަބަރުތައް ލިޔެވިފައިވާ މަޝްހޫރު ގައުމެކެވެ. މީލާދުން 750 ވަނަ އަހަރު ސީނުކަރައިގެ ބޮޑުވަޒީރު ލިޔުއްވި ޔުނިވާސަލް ބުކް އޮފް ޕޮލިޓިކްސްއޭ" (ފޮތުގެ ނަމުގެ އަސްލަކީ ސީނުކަރައިގެ ބަހެވެ. މިއީ އެ ނަމުގެ ތަރުޖަމާ އެވެ) ކިޔުނު ފޮތުގައި ވެސް ރާއްޖޭގެ ޚަބަރުތައް ލިޔެފައިވެ އެވެ. ވިސްނަވާށެވެ. މީގެ 1200 އަހަރު ކުރީގެ ފޮތްފޮތުގައި ވެސް ތަފްސީލީ މަގުން ރާއްޖޭގެ ވާހަކަ ބަޔާންވެފައި އެވަނީ ކީއްވެގެންތޯ އެވެ؟ އެކަހެރި ގައުމަކަށް ނުވީމަ އެވެ. މަޝްހޫރު ދައުލަތަކަށް ވީމަ އެވެ. ދުނިޔޭގެ ބޮޑެތި ޙަޟާރަތްތަކުން ވެސް ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވާ ގައުމެއްގެ ބަޔަކަށް ވީމަ އެވެ.

ދިވެހި ރާއްޖެއިން އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދައުލަތްތަކާ "ގުޅުންތައް ގާއިމުކުރަމުން" ގޮސްފައިވެ އެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންގެ ފުރެއްދެ އޮޑިފަހަރު (ބޭރު ދަތުރުކުރާ އޮޑި) ދަތުރުކުރާ ބަނދަރުތަކުގެ މިލްކުވެރި ދައުލަތްތަކުން ދިވެހިންނަށް އަމާންކަން ހޯދައިދިނުމެވެ. ދިވެހި އިގުތިސޯދު ނަގަހައްޓައިދިނުމެވެ. ގަދީމީ ޒަމާނުގެ ދުނިޔޭގައި އޮތް ބާރުގަދަ އެހެނިހެން ދައުލަތްތަކާ ގުޅުން ޤާއިމުކުރެއްވުމުގެ ގޮތުން ދިވެހި ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންގެ ފަރާތްޕުޅުން ފޮނުއްވައިފައިވާ ސަފީރުންގެ ވާހަކަ ބޭރުގެ އެހެނިހެން ގައުމުތަކުގެ ތާރީޚުން ހެކި ލިބެ އެވެ. މިގޮތުން ރޫމީންގެ އަންބަރާޠޫރުގެ އަރިހަށް މީލާދުން 321 ގައި "ދީވީންނާއި ސަރަންދީވީން"ގެ ރަސްރަސްކަލުން ސަފީރުން ފޮނުއްވި ކަމަށް ރޫމީންގެ ތާރީޚުން އެނގެ އެވެ. މީގެ އިތުރުން މީލާދުން 600ގެ އަހަރުތަކުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ދިވެހި ސަރުކާރުގެ ފަރާތުން ސީނުކަރައިގެ އަންބަރާޠޫރުގެ އަރިހަށް ވެސް ސަފީރުން ފޮނުއްވި ކަމަށް އެމީހުންގެ ތާރީޚުގައިވެ އެވެ.

އިންޑިޔާ ކަނޑަކީ ގަދީމީ ޒަމާނުއްސުރެ ވިޔަފާރީގެ މައި މަގެކެވެ. ސީނުކަރަޔާއި ފާރިސްކަރަޔާއި ޢަރަބިކަރަޔާއި މިސްރުގެ ހަޟާރަތާއި އިންޑިޔާގެ މައި ކަރައިގައިވާ ދައުލަތްތަކާ އަދި އަސޭކަރަ ފަދަ އެތައް ތަނަކާ ދެމެދު ގަދީމީ ޒަމާނުއްސުރެ ވިޔަފާރީގެ ގުޅުންތައް އޮތެވެ. މި ބުނެވިދިޔަ ވިޔަފާރީގެ މަގުގެ މެދުގައި ސަރާސަރަށް ދިގަށް އޮށޯވެލައިގެން އޮތް އަޅުގަނޑުމެންގެ މި ގައުމު އަދާކޮށްފައިވާ ދައުރު ވެސް އިންތިހާޔަށް ބޮޑެވެ. ދިވެހިރާއްޖެއަކީ ވެސް އިހު ބުނި ފަދަ ކަރަތަކާއި ޝަހަރުތަކާ ވިޔަފަރީގެ ގޮތުން ގުޅިފައިވާ ގައުމެކެވެ. ފާރިސްކަރައިގެ ސިރަފް އާއި ޔަމަނުކަރައިގެ އަދަނާ އަދި އެފްރިކާ ބައްރުގެ ބަނދަރުތަކާއި އަސޭކަރައިގެ ބަނދަރުތަކަކީ ދިވެހިން ވެސް ދަތުރުކޮށް އުޅުނު އެމީހުން ދަންނަ ތަންތަނެވެ. ސިލޯނު މީހުންގެ މި ރާއްޖޭގެ ނަމަށް "ގުންދަރަކަރައި"ގެ މީހުންނޭ ކިޔާ ނަން ދީފައިވަނީ ވެސް އެހެންވެގެންނެވެ. މާނައަކީ "އޮޑިދޯނިފަހަރުގެ ކަރައިގެ މީހުންނެ"ވެ.

ރާއްޖެއަކީ އެޒަމާނުގެ ދުނިޔެއަށް އަގުބޮޑު އެތައް މުދަލެއް އެކުސްޕޯޓުކުރި ގައުމެއް ވެސް މެއެވެ. ތިޔާގި މުއްސަނދި ގައުމެކެވެ. މާވަހަރާއި، ދިވެހި މަހާއި، ކާއްޓާއި، ފަށުވި ފޭރާމުގެ އެކި ވައްތަރުތަކާއި ރޯނު އަދި ބޮލީގެ އިތުރުން އެތައް އަގުބޮޑު މުދަލެއް ރާއްޖެއިން ބޭރުކުރި އެވެ. ހަމައެހެންމެ މި ރާއްޖެއަކީ ދުނިޔޭގެ އެންމެ މުހިންމު ވިޔަފާރީގެ މަގު، އިންޑިޔާ ކަނޑުގައި އޮތް އަމާން ބަނދަރެކެވެ. ދުނިޔޭގެ ދިގަށާއި ހުރަހަށް ދަތުރުކުރާ އެކި ކަރަތަކުގެ ސާދާގަރުންގެ ނައު ފަހަރުތައް ބަނދަރުކޮށް އުޅޭ މަޝްހޫރު ބަނދަރެކެވެ. ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ނައުފަހަރު ބަނދަރުކޮށްގެން ތިބެ ބޯފެން ބަރުކޮށް، މުދާ ގަނެވިއްކާ ހަދައި އުޅެތެވެ. އިންޑިޔާ ކަނޑުގެ އަގުބޮޑު ވިޔަފާރި މަގުގެ މެދުގައި އޮތް ރާއްޖޭގެ ބަނދަރު ކޮންޓުރޯލު ކުރެވޭ ފަރާތަކީ މުޅި އެކަނޑުގެ ވިޔަފާރީގެ މައްޗަށް ނުފޫޒު ހިންގޭނެ ފަރާތެކެވެ.

މިހެންކަމުން އެ ނިޔަތުގައި މި ދިވެހިރާއްޖެއާ ދިމާކުރި ބޮޑެތި އިސްތިޢުމާރީ ބާރުތައް ވެސް މަދެއް ނޫނެވެ.

ދުނިޔެ ދެކެފައިވާ މި ސަރަޙައްދުގެ ބޮޑެތި އަންބަރާތޫރީ ވެރިކަންތަކުގެ ކުރިމަތީގައި ވެސް އަމިއްލަ ދިދައެއް ވިހުރުވަމުން، ވަކި ޙަޟާރަތެއްގެ ގޮތުގައި ދިވެހިންގެ ގައުމު ދެމިއޮތް އޮތުމަކީ ކުޑަ ފަޚުރެއް ނޫނެވެ. އެއީ ބޮޑު ޝަރަފެކެވެ. މި ފަޚުރާއި ޝަރަފު ހޯދައިގެން މިއަދާ ހަމަޔަށް ވެސް އެ މުސްތަގިއްލުކަން ދެމިއޮތީ މާޒީގެ ގުރުބާނީތަކުން މާދަމައަށް ގައުމު ބިނާކުރީމަ އެވެ. އިއްޔެގެ ޢިބުރަތް މިއަދު ހަނދާން ކުރީމަ އެވެ. ބޮޑުވަމުން އަންނަ ދިވެހި ޖީލުތަކަށް ގައުމުގެ ޝަޚުސު ދަސްކޮށްދެވިފަވާތީ އެވެ. ތަރުބިއްޔަތާއި ތަޢުލީމުގައި "އައިޑެންޓިޓީ" ނެގެހެއްޓީމަ އެވެ. ހައިވާނީ އުސޫލުތަކުން އެއްކިބާވެ އޮތް އަޚުލާގީ ރީތީ ސިފަތަކެއްގެ ވެރި މުޖުތަމައެއް އޮތީމަ އެވެ. ވަކިވަކިވެ ނުގަނެ ތިމާގެ އެކަނި ނަފުސު ނުފެންނަ، އަނެކާގެ މައްޗަށް ވެސް ބަލައިގެން އުޅުނު ދަރިކޮޅެއްގެ ވެރިބައެއް ކަމަށް ވީމަ އެވެ.

އަދަކީ ތާރީޚު ދުވަހެވެ. ވަށާ ނުޖެއްސޭ ފަދަ ވާހަކަތަކަކާއި ކޮށި ޢިބާރާތްތަކަކުން ވިޔަސް ބުއްދިޔެއް ހުރި ކޮންމެ މީހެއްގެ ސިކުނޑީގައި ގައުމުގެ މާޒީގެ މައްޗަށް ކުޑަ ނަމަވެސް ސޫރައެއް ކުރަހައިދެވޭވަރުގެ ބަސްތަކެއް އެތުރިއްޖެކަމަށް ހީކުރަމެވެ.

މަޝްހޫރު ނަމުން ނަމަ އަލާ ދީދީ އަކީ ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރާސާކުރައްވާ އަދި އެ ދާއިރާތަކުން ލިއުއްވަމުން ގެންދަވާ ލިއުންތެރިއެކެވެ. ތާރީޚީ އިލްމުވެރިއެކެވެ. ރާއްޖޭގެ ތާރީޚު ހޯދައި ބެލުމުގެ މަސައްކަތުގައި މިވަގުތު އެންމެ ފާހަގަކުރެވޭ އެއް ޒުވާނަކީ ވެސް އަލާ ދީދީ އެވެ.