27 ފެބުރުއަރީ 2021 - 09:17

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް އުމުރުން 80 އަހަރުގެ އަންހެނަކު ރޭ މަރުވެއްޖެ އެވެ.
ބަލީގެ ތިން ވަނަ ރާޅަކާ އެކު ކޮވިޑްގެ ކޭސްތައް ގިނަވަމުން ދާ މި ދަނޑިވަޅުގައި މިއީ މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވި 61 ވަނަ މީހާ އެވެ.
ސިއްހީ ތަޖުރިބާކަރުން ބުނާ ގޮތުގައި ތިން ވަނަ ރާޅާ އެކު ބަލީގެ ހާލަތު ވެސް ދަނީ ބަދަލުވަމުންނެވެ. އެގޮތުން ކުރިއަށް ވުރެ މިހާރު އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ގިނަވުމާއި ބަލި މީހުންގެ ހާލަތު ނުރައްކާ ފައްތަރަކަށް ދިއުން ކުރިއަށް ވުރެ މަތިވުން ވެސް ހިމެނެ އެވެ.
ރޭގެ މަރާ އެކު މިއީ މި މަހު ކޮވިޑްގައި ދުނިޔެ ދޫކުރި ނުވަ ވަނަ މީހާ އެވެ. އެއް މަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު މީގެ ކުރިން، ކޮވިޑް ބަލިމަޑުކަމުގައި މަރުވެފައެއް ވެސް ނުވެ އެވެ.
ރާއްޖޭގައި ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އުޅެނީ 100 އިން މަތީގަ އެވެ. މިދިއަ ހަތަރު ހަފުތާގެ ތެރޭގައި އެ ނިސްބަތަށް މާ ބޮޑު ބަދަލެއް އައިސް، ދަށަށް ގެނެވޭ ގޮތް ނުވުމުން، ސަރުކާރުން އަންނަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. އެގޮތުން މިހާރު މާލޭ ސަރަހައްދުގެ ހޮޓާ/ކެފޭ/ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު އަށެއް ޖަހަންދެނެވެ. އޭގެ ފަހުން އެތަންތަނުގައި ތިބެގެން ހިދުމަތް ނުހޯދޭނެ އެވެ. އެކަމަކު ޓޭކްއަވޭ އާއި ޑެލިވަރީގެ ކަންކަން ކުރިއަށް ގެންދެވެ އެވެ.