ނުބައި އާދަތައް ދޫކޮށްލަން އެންމެ ފުރަތަމަ ބޭނުންވަނީ އީމާންތެރިކަން
ނުބައި އާދަތައް ދޫކޮށްލަން އެންމެ ފުރަތަމަ ބޭނުންވަނީ އީމާންތެރިކަން

އިންސާނާގެ އަޚްލާގު ގޯސްވުމަށް އަސަރު ފޯރުވާ ކަންކަމުގެ ތެރޭގައި އިންސާނާގެ ފިތުރަތުގައިވާ އެދުންތަކުގެ ބޭނުން ނުބައިގޮތުގައި ހިފުން ހިމެނެ އެވެ. މިހެންވަނީ ދިރިއުޅުމުގެ އުފާތައް ހޯދަންވެގެން ވަކި ހަމައެއް ނުބަލައި އެ އެދުންތައް ފުއްދާތީ އެވެ. މިކަން އިތުރަށް ގޯސްވެގެންދަނީ ތަކުރާރުކޮށް އެތައް ފަހަރަކު ކުރުމުގެ ސަބަބުން ދިރިއުޅުމުގެ އާދައެއް ކަމުގައި މިކަންކަންވާ ހިސާބުންނެވެ. އެހެނީ އެ ހިސާބުން އިންސާނާ ރިވެތި އަޚްލާގުން އެއްކިބާވެ ނުބައި ނުލަފާ މީހަކަށް ބަދަލުވެގެންދާތީ އެވެ. ވީމާ ރަނގަޅު އަޚްލާގެއްގެ ވެރިއަކަށް ވުމަށްޓަކައި މިފަދަ ނުބައި އާދަތައް ދޫކޮށްލަން ޖެހެ އެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކޮބައިހެއްޔެވެ؟

އިންސާނާ ކަމަކަށް އާދަވެއްޖެ ނަމަ އެކަމަކީ އެމީހެއްގެ ނާރުތަކާއި ކަށިތަކާ ގުޅިފައިވާ ފަދަ ކަމަކަށް ވެދެ އެވެ. އެހާރުން މާބޮޑު ވިސްނުމަކާއި ފިކުރަކާ ނުލައި އޮޓޮމެޓިކުން އެކަމެއް ކުރެވޭ ގޮތް ވެ އެވެ. އެހެންވެ މިފަދަ އާދައެއް ދޫކޮށްލުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދެ އެވެ. އަދި އޭނާގެ ސުލޫކަށް އެ އާދަތަކުން އަސަރު ފޯރާ މިންވަރު ވެސް ވަރަށްބޮޑުވެގެން ދެ އެވެ. ތަފާތު އެތައް ޣަރީޒާތަކެއް ނުވަތަ އެދުންތަކެއް ލިބިގެންވާ އިންސާނާ އެކަންކަން ފުއްދުން ވަކި ގޮތްތަކެއްގެ މައްޗަށް އާދަކޮށްފި ނަމަ އެ އާދަތައް ވެސް ސުލޫކަށް ނުހަނު އަސަރު ފޯރުވަ އެވެ. މިގޮތުން ކެއިންބުއިމާއި ހެދުންއެޅުމާއި ވާހަކަދެއްކުމާއި ހިނގާބިނގާވެ އުޅުމާއި ދޭދޭ މީހުންގެ ދެމެދުގައި ކުރެވޭ މުއާމަލާތުތައް ކުރަން ވަކި ގޮތްތަކަކަށް އާދަކުރާއިރު އެ އާދަތަކަކީ ހެޔޮލަފާ ރަނގަޅު އާދަތަކެއް ކަމުގައި ވެއްޖެ ނަމަ ކިތަންމެހާވެސް ނަސީބުވެރި އެވެ. ނަމަވެސް އެ އާދަތައް އެއީ ނުބައި ނުރަނގަޅު އާދަތަކެއް ކަމުގައި ވެއްޖެ ނަމަ އޭގެ ހުރި ހިތާމަ ކިތަންމެހާ ވެސް ބޮޑެވެ. ހަމައެކަނި ދުނިޔަވީ ހަޔާތަށް ބަލާލިއަސް މިފަދަ އާދަތަކުގެ ގެއްލުން ބޮޑެވެ.

މިގޮތުން ފަހަރެއްގައި މީހަކު އޭނާގެ ހަށިގަނޑަށް ގެއްލުންދޭ އެއްޗެއް ކައިފާނެ އެވެ. ބުއްދި ފިލައިދާ އެއްޗެއް ބޮއެފާނެ އެވެ. އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އެއިން ގެއްލުންތަކެއް ފޯރާ ކަންކަން ކޮށްފާނެ އެވެ. އަމިއްލަ މުދާ ބޭކާރު ގޮތުގައި ގެއްލުވާލަފާނެ އެވެ. އަދި މިހެންގޮސް މި އާދަތަކުގެ ބާރު އޭނާގެ ބުއްދިއާއި އިރާދަތުގެ މައްޗަށް ގަދަވެގެންފާނެ އެވެ. އޭގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސުގެ އިތުރުން އެހެން މީހުންނަށް ވެސް ގެއްލުން ފޯރާފާނެ އެވެ. ރަލާއި މަސްތުވާ ތަކެއްޗަށް ދެވި ހިފާފައިވާ މީހުންނާއި ޖުވާއާއި އެނޫންވެސް ގެއްލުންދެނިވި ކަންކަން ކުރާ މީހުންގެ ފަރާތުން މީގެ މިސާލުތައް ބައިވަރު ފެނެ އެވެ.

މިފަދައިން ހަރުލާފައިވާ އާދައެއް ދޫކޮށްލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ އެކަން ހުއްޓަން ބޭނުންނަމަ އެއާ އިދިކޮޅަށް ވަރުގަދަ ހަނގުރާމައެއް އިއުލާނު ކުރަން ޖެހެ އެވެ. އެއަށްފަހު ނުގުޑާ ފަދަ ވަރުގަދަ އަޒުމަކާއި ގަދަފަދަ އިރާދަތެއް އޮންނަން ޖެހެ އެވެ. މިކަމަށް އޮތް އެންމެ ވަރުގަދަ ބާރަކީ އީމާންތެރިކަމެވެ. އީމާންތެރިކަމާ ނުލައި ހަމައެކަނި ގާނޫނުތަކާއި ގަވައިދުތަކާއި އުގޫބާތްތަކުން އާދަތައް ފޮހެއެއް ނުލެވޭނެ އެވެ.

މީގެ މިސާލުތައް ދުނިޔޭގެ ތަފާތު މުޖުތަމައުތަކުން ދަނީ އަބަދުވެސް ފެންނަމުންނެވެ. މިފަދަ މިސާލެއް އިސްލާމީ މުފައްކިރެއް ކަމުގައިވާ އަބުލް އަޢުލާ އަލްމައުދޫދީ ގެނެސްދެއްވާފައިވެ އެވެ. އެއީ އެމެރިކާގައި ރަލުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ރާބުއިމާއި އެކަމަށް އެހީތެރިވުން ގާނޫނީ ކުށެއްގެ ގޮތުގައި ހަދައި އެކަން ތަންފީޒު ކުރަން ކުރި މަސައްކަތެވެ. ވޮލްސްޓީޑް އެކްޓް ގެ ނަމުން މަޝްހޫރު ވެފައިވާ، ރާ މަނާ ކުރުމުގެ ގާނޫނެއް 1919 ގައި އެމެރިކާގައި ފާސް ކުރި އެވެ. ނަމަވެސް މީސްތަކުންގެ ދިރިއުޅުމާ ގުޅިލާމެހިފައި އޮތް ކަމަކަށް މިކަން ވުމުގެ އިތުރުން ގާނޫނު ފަރުމާ ކުރެވިފައި އޮތް ގޮތުންވެސް މިކަމަށް އެދެވޭ ހައްލެއް ނުގެނެވުނެވެ. ވައިގެ ސިފައިންނާއި ކަނޑުމަތީ ސިފައިންނާއި ދައުލަތުގެ ގުޅުންހުރި އެހެން މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން ރަލާ އިދިކޮޅަށް ކެމްޕޭން ކުރުމަށް 60 މިލިޔަން ޑޮލަރު އަދި މިކަމާ މެދު މީހުން ހޭލުންތެރި ކުރުވުމަށް 10 ބިލިޔަން ޑޮލަރު އެމީހުން ޚަރަދު ކުރި ކަމަށްވެ އެވެ. އަދި ގާނޫނާ ޚިލާފުވުމުގެ ސަބަބުން ދެވޭ އުގޫބާތުތަކުގެ ގޮތުގައި ސާދަވަރަކަށް އަހަރުގެ ތެރޭ 300 އެއްހާ މީހުން ދަންޖައްސައި 54 ހާހެއްހާ މީހުން ޖަލަށްލައި 16 މިލިޔަން ޑޮލަރުގެ ޖޫރިމަނާ އަތުލައި 400 އަށްވުރެ ގިނަ މިލިޔަން ޑޮލަރުގެ މުދާ ދައުލަތަށް ނެގުނެވެ. މިހުރިހާ ކަމެއް ކޮށްގެން ވެސް މިގާނޫނު ތަންފީޒު ކުރެވޭ ގޮތް ނުވެގެން އެންމެ ފަހުން 1933 ގައި ގާނޫނު އުވާލައި ރަލަކީ ހުއްދަ އެއްޗެއް ކަމަށް ހަދަން އެމެރިކާއަށް މަޖުބޫރުވީ އެވެ.

މީގެ މާނައަކީ ގާނޫނާއި އުގޫބާތުން އާދަތައް ބަދަލު ނުކުރެވޭނެއެކޭ ނޫނެވެ. އެހެންނަމަވެސް ގާނޫނާއި އުގޫބާތަކީ ކުށްތައް ހުއްޓުވާ ހަމަ އެކަނި ބާރު ނޫންކަން މިކަމުން އެނގިގެން ދެ އެވެ. އިސްލާމީ ޝަރީއަތުގައި ކުށްތަކަށް ބޮޑެތި އުގޫބާތްތަކެއް ހުއްޓަސް އެއީ މީހުން އިސްލާހު ކުރުމުގައި އެހެން ހުރިހާ ވަސީލަތްތަކާއި ހަތިޔާރުތައް ހުސްވުމުން އެންމެ ފަހުން ނަގަން އޮންނަ ހަތިޔާރެވެ. ހަގީގަތުގައި އިސްލާމްދީނުގައި މީހުންގެ ކިބައިގައި ހަރުލާފައި ހުންނަ ނުރަނގަޅު އާދަތައް ބަދަލު ކުރަނީ އީމާންކަމާއި އަޅުކަމާއި ރިވެތި އަޚުލާގުގެ ތެރެއިންނެވެ. މީގެ ތެރެއިންވެސް ހަމަ އެންމެ ވަރުގަދަ ބާރަކީ އީމާންކަމެވެ. މިކަމުގެ ހެކި ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގައި މީސްތަކުންގެ ތެރޭގައި ހުރި ނުބައި އާދަތައް ބަދަލުވެގެން ދިޔަ ގޮތުން އެނގޭނެ އެވެ. އަރަބިންގެ ތެރޭގައި ރާބުއިން އާންމުވެ ރަލަށް މީސްތަކުން ދެވި ހިފާފައިވީ މިންވަރުން ޅެންވެރިން އެމީހުންގެ ޅެންތަކުގައި ރަލަށް ތައުރީފު ކޮށްފައިވެ އެވެ. ރަލަށް ކިޔާ ސަތޭކައަށްވުރެ ގިނަ ނަން އޮވެ އެވެ.

މަރުވެގެންދާއިރު ވެސް އެމީހުންނާ އެކު ރަލުގެ ދޯރެއް ބާއްވައިދޭން އެދެ އެވެ. އެއީ އެމީހުންގެ ކަށިތަކަށް ތެތްކަމެއް ގެނައުމަށޯލަ އެވެ! މިފަދަ ހާލަތުގައި އޮތް ނަމަވެސް އިސްލާމްދީން އައިސް މި އާދަ ބަދަލުކޮށްލި އެވެ. އުގޫބާތް ދީގެނެއް ނޫނެވެ. އަދި އުގޫބާތުގެ ވާހަކަ އެންމެ ފުރަތަމަ ދައްކައިގެނެއް ވެސް ނޫނެވެ. އެހެންނަމަވެސް މަޑުމަޑުން ފިޔަވަޅަކުން ފިޔަވަޅަކުން ރަލާ މެދު މީސްތަކުން ދެކޭ ގޮތް ބަދަލު ކުރަމުން ބަދަލު ކުރަމުން ގޮސް އީމާންކަމުގެ ތެރެއިންނެވެ. މިގޮތުން ރަލާ މެދު އެންމެ ފުރަތަމަ ކީރިތި ޤުރުއާނުގައި ކުރީ އިޝާރާތެކެވެ. އޭގައި ވަނީ މޭވާ އިން މީރު ބުއިންތައް އެއްބަޔަކު ހަދާއިރު މަސްތުވާ ބުއިން އަނެއް ބަޔަކު ހަދާ ވާހަކަ އެވެ. އޭގެ ފަހުގައި ރަލާ ބެހޭ ގޮތުން މީސްތަކުން ކުރަމުން ގެންދިޔަ ސުވާލެއްގެ ޖަވާބުގެ ގޮތުން އޭގައި ފައިދާތަކެއް ވިއަސް އޭގެ ގެއްލުން ބޮޑު ވާހަކަ ބަޔާން ކުރި އެވެ. ދެން އޭގެ ފަހުގައި މުސްލިމުންނަށް އަމުރު ކުރެވުނީ ނަމާދަށް ދާއިރު ރާ ނުބުއިމަށެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ވެސް ރަލާ ދުރުހެލިވި ބަޔަކު ތިއްބެވެ. އެކަމަކު އަދިވެސް ގިނަބަޔަކު އެކަމުން ދުރަށް ނުދާތީވެ އެހިސާބުން އެކަން ހަރާމް ކުރުމުގެ އަމުރު އަ އެވެ. ނަމަވެސް މި އަމުރު ގުޅުވާލެވިފައިވަނީ ﷲ އާއި ރަސޫލާއާއި އާޚިރަތް ދުވަހަށް އީމާންވާ އީމާންވުމާ އެވެ. ސަބަބަކީ އީމާން ކަމަކީ ވަރުގަދަ ކުރެވިއްޖެ ނަމަ އަޒުމްތައް ވަރުގަދަ ކޮށްދޭ ކަމެކެވެ. ނަފުސުތައް މަތިވެރި ކުރުވާ ކަމެކެވެ. ގޮންޖެހުންތަކަށް ކުރިމަތިލާން ދަސްކުރުވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން އާދަތައް އައިސް އީމާންކަމުގެ މައްޗަށް ގަދަވާން އޮންނަ ފުރުސަތު ހަނި ކުރެ އެވެ. މިހެންވެ ރާ ހަރާމް ކުރެވުނު އާޔަތް ބާވާލެވުނު ހިސާބުން މަދީނާގެ މަގުތަކަށް ރަލުގެ ދޯރުތަކާއި ރުނބާ ތަކާއި ޖާޑިތައް އުކާލެވިގެން ދިޔަ އެވެ.

އާދެ، މިބަދަލު މިގެނެސްދިނީ އީމާން ކަމެވެ. ﷲ ގެ އަމުރަށް ކިޔަމަންތެރިވުމަށް އޮތް ލޯތްބެވެ. އެކަލާނގެ ކޯފާއަށް އޮތް ބިރުވެރިކަމެވެ. އެހެންކަމުން މިއަދު ވެސް ނުބައި އާދައެއް ހަރުލާފައިވާ ނަމަ އެކަން ހުއްޓުވަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިންސާނާގެ ފިކުރާއި ގަބޫލުކުރުންތަކާ ހަމައިން އެކަން ފެށުމެވެ. އަދި އެއަށްފަހު އެކަން އިންސާނާގެ ހިތާ ގުޅުވާލުމެވެ. އީމާންކަމަކީ ސިކުނޑިން ފަށައިގެން ހިތާ ހަމައިން އުފެދޭ ވަރަށް ވަރުގަދަ ބާރެކެވެ. އީމާންކަން ވަރުގަދަކޮށްފިއްޔާ ނުބައި އާދަތައް ފުހެލަން ނަފްސު މަސައްކަތް ކުރަން ބާރު ލިބޭނެ އެވެ. އަދި ނަތީޖާއެއްގެ ގޮތުން އެ ނުބައި އާދަތަކުގެ ބަދަލުގައި ރަނގަޅު އާދަތަކަށް ނަފްސު ހޭނުވޭނެ އެވެ.