ގާނޫނީ އިސްލާހުތަކާ އެކު ދެން އޮތީ ރައްޔިތުން ބާރުވެރިވުން: އަފްޝަން
ގާނޫނީ އިސްލާހުތަކާ އެކު ދެން އޮތީ ރައްޔިތުން ބާރުވެރިވުން: އަފްޝަން

ލާމަރުކަޒީ ނިޒާމު ހިންގުމުގައި މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބަލައި ލާމަރުކަޒީ ގާނޫނާއި އެކަމާ ގުޅޭ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ދެން އިންތިޚާބުވާ ކައުންސިލްތަކަކީ ބާރުވެރި ކައުންސިލްތަކަކަށް ވާނެ ކަމަށާއި އެއާ އެކު ރައްޔިތުން ބާރުވެރިވެގެން ދާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މީގެ 10 އަހަރު ކުރިން ލާމަރުކަޒީ ނިޒާމު ތައާރަފުކޮށް، ފުރަތަމަ އިންތިހާބުކުރި ކައުންސިލްތަކުގެ މެންބަރުން ހުވާކުރި ދުވަހާ ދިމާކޮށް މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި އަފްޝާން ދެއްވި ހިތާބެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ފައްކާކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިހާރު އޮތީ ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ ސަރުކާރެއް ކަމަށާއި މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާ އެކު ލާމަރުކަޒީ ނިޒާމަށް ގެނައި ގާނޫނީ ބަދަލުތަކަކީ އިންގިލާބީ ބަދަލުތަކެއް ކަމަށް އަފްޝަން ވިދާޅުވި އެވެ.

"މި ބަދަލުތަކުގެ ސަބަބުން، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން ބޮޑުތަނުން އިތުރުވެ، މައި ސަރުކާރުގެ ބާރުތައް، ރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތު މީހާއާ ހަމައަށް ފުރޮޅިގެން ގޮސް، އެ ރަށެއްގެ ތަރައްގީގެ މިސްރާބު ކަނޑައަޅާ ބަޔަކީ އެ ރަށެއްގެ ރައްޔިތުންނަށް ބަދަލުވެގެންދޭ،" ކައުންސިލްތަކަށް ވަކި ބަޖެޓެއް ހަމަޖެހުމާއި އަމިއްލަ އަށް މަޝްރޫއުތައް ހިންގުން ފަދަ ބާރުތައް ދިން ގާނޫނީ އިސްލާހުތަކަށް އިޝާރާތްކުރައްވަމުން އަފްޝަން ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުމާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނަކީ ވެސް ސީދާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ ބަޔަކަށް ބަދަލުކޮށްފައިވާކަން ޚިތާބުގައި ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެކެނީ މި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް. އަދި ބާރުވެރި ކައުންސިލްތަކެއްގެ ސަބަބުން ރައްޔިތުން ބާރުވެރިވެގެންދާނެ ކަމަށް،" އަފްޝަން ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރުކޮށް މާލީ މިނިވަންކަން ހޯދައިދިނުމާއި ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ބޮޑުކުރުމަށް މަގު ފަހިކޮށްދިނުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަކީ ވެސް ބޮޑެތި ކާމިޔާތައް ފާހަގަކުރައްވަމުން އަފްޝަން ވިދާޅުވީ މިއީ މިއިން ކޮންމެ ބަދަލަކުން އަންހެނުން ބާރުވެރިވެ އިޖުތިމާއީ ދުޅަހެޔޮކަން ވަރުގަދަކޮށްދޭނެ ކަމަށެވެ.

މިދިޔަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކޮވިޑް-19 ގެ ސަބަބުން އިންތިޚާބު ފަސްކުރަން ޖެހި އެއާ އެކު ދިމާވި ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ވެސް ކައުންސިލްތަކުން ބުރަކޮށް މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެ އަފްޝަންގެ ޚިތާބުގައި ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.