26 ފެބުރުއަރީ 2021 - 22:13

މިއަދު ވެސް ކޮވިޑް-19 ގެ އިތުރު 133 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި މިއަދު ޓެސްޓު ކުރި 4،742 ސާމްޕަލްގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލޭ ސަރަހައްދުންނެވެ. އެއީ 117 މީިހުންނެވެ. މީހުން ދިރިއުޅޭ ރަށްތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 12 މީހަކަށް ބަލި ޖެހިފައިވެ އެވެ.
އެޗްޕީއޭން ބުނިގޮތުގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން، 162 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު، 2،410އަށް ވަނީ އަރައިފަ އެވެ. އަދި ބަލީގައި، މިހާތަނަށް 60 މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއެކު، ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. އެގޮތުން ރޭގަނޑު އަށެއްގެ ފަހުން މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، އެ ވަގުތުތަކުގައި ކެފޭ/ ރެސްޓޯރަންޓްތަކުގައި ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފަ އެވެ.