26 ފެބުރުއަރީ 2021 - 21:21

ޕީޕީއެމް/ޕީއެންސީން މިހާރު ކުރަމުން އަންނަ މުޒާހަރާތަކަށް ނިސްބަތް ކުރައްވައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓާ މެދު، އިދިކޮޅުން ހިތްހަމަ ނުޖެހުން ފާޅުކޮށް، ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް އިޝާރާތް ކުރައްވައި، އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓެޖީ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެނގޭ" ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކަމަށް ފާޑު ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިއީ މިނިސްޓަރެއްގެ ބަސްމަގު ހުންނަންވާނެ ގޮތް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިނިސްޓަރުކަމަށް ކުފޫ ހަމަނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އިމްރާނުގެ ބަސްމަގު ހުރިގޮތުން، މިހާރުން މިހާރަށް އިސްތިއުފާ ދޭން ޖެހޭ. މިނިސްޓަރު ކަމަށް ކުފޫ ހަމައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ސައީދު ވަނީ، އިމްރާން ހުންނެވ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް، 23 ޑިސެމްބަރު، 2011ގައި ކުރި މުޒާހަރާގައިތޯ ސުވާލު ކުރައްވައިފަ އެވެ. އެ މުޒާހަރާގައި އިމްރާން އިސްކޮށް ބައިވެރިވެ ވަޑައިގެން، ސަރުކާރާ ދެކޮޅަށް އަޑުއުފުއްލެވި އެވެ.
އޭނާ ވިދާޅުވީ ހޯމް މިނިސްޓަރުގެ ކިބައިގައި ކޮންމެވެސް ސިފައެއް ހުންނަވަން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ އެކްޓިވިސްޓެއްގެ ސިފަ ނޫން ކަމަށެވެ.
"މިނިސްޓަރުގެ ގައިގާ ހުންނަވަން ޖެހޭނީ އެކްޓިވިސްޓެއްގެ ސިފަތޯ؟ ވަޒީފާގައި ހުންނައިރު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަން ޖެހޭނީ [މިހެންތޯ]؟" ސައީދު އެއްސެވި އެވެ.
މިނިސްޓަރުގެ ބަސްމަގު ކުށްވެރިކުރައްވައި އޭނާ ވިދާޅުވީ، މުޒާހަރާގެ ތެރެއިން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަދުރޭ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ލިބިވަޑައިގެންނެވި އަނިޔާ އިމްރާނަށް ފެނިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް، "އަތޮޅުވެހީގައި ކުނާ ފަތުރައިގެން، ޖަލުގެ ކުރިމަތީގައި ބައިތިއްބާފައި ތިބި" އަދުރޭ އާއި ކައުންސިލް މެމްބަރުންނާއި އާއްމު މެމްބަރުން ފެނިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިމްރާން އާއްމުކޮށް ނުކުރައްވާ ޒާތުގެ މި ޓްވީޓަށް، ގިނަ އާއްމުން ވެސް ވަނީ ފާޑުކިޔައިފަ އެވެ.