26 ފެބުރުއަރީ 2021 - 19:17

ޕީޕީއެމް/ޕީއެންސީން މިއަދު ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރަން އުޅުމުން ދުވެ ފިލަން އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ގައިގާ ޖެހި، ވެއްޓި ބޯ ފެޅުނު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާއަށް އަނިޔާވީ، މުޒާހަރާ ކޮންޓްރޯލް ކުރަން އުޅުނު ފުލުހުންގެ ސަފުތައް ރޫޅާލައި، ކެފޭއެއްގެ ތެރެއަށް ވަންނަން އުޅުނު ބަޔަކު ގޮސް އެ މީހާގެ ގައިގައި ޖެހި ބިންމައްޗަށް ވެއްޓުމުން ކަމަށެވެ.
އެ މަންޒަރުގެ ވީޑިއޯއިން ފެންނަ ގޮތުގައި މުޒާހަރާ ކުރި މީހުންގެ ފަހަތުން ފުލުހުން ދުއްވައިގަންނައިރު، އަނިޔާވި ފިރިހެން މީހާ ހުރީ ކެފޭގެ ދޮރުމަތީގަ އެވެ. ފިލަން ދުވި މީހުން ކެފޭއަށް ވަންނަން އުޅުމުގެ ތެރޭގައި އެ މީހާގެ ގައިގާ ޖެހި ބަނޑުވަތަށް ވެއްޓެ އެވެ. އަދި ބިންމަތީގައި ބޯ ޖެހި ބޯ ފަޅައިގެން ދެ އެވެ.
ފަހަތުން ދިޔަ ފުލުހުން ވަނީ އެ މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އަނިޔާވި މީހާގެ އަތުގައި، މޫނު ނިވާކުރުމަށް ޝީލްޑަކާއި ދިވެހި ދިދައެއް އޮތުމުން އެއީ ވެސް މުޒާހަރާއަށް ނިކުތް މީހެއް ކަމަށް ބެލެވެ އެވެ.
ފުލުހުން ވަނީ ފިލަން ކެފޭ ތެރެއަށް ވަން މީހުން ވެސް ހައްޔަރުކޮށްފަ އެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު މުޒާހަރާކުރަން ފެށީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މުޒާހަރާކުރާ ނަމަ އެ އެއްވުން ހުއްޓުވާނެ ކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން ކުރިން އިންޒާރު ދީފައި ވަނިކޮށެވެ. މުޒާހަރާ ކުރުމުގެ ކުރިން ފުލުހުން ވަނީ، އެކަމުގައި އިސްކޮށް އުޅުނު ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އަދި މުޒާހަރާގެ ކުރިން، ގިނަ އަދަދެއްގެ ފުލުހުން ރަޔަޓު ގިޔަރުގައި ޕީޕީއެމް އޮފީސް ކައިރީ އާއި އެ ސަރަހައްދުގެ ގޯޅިތަކާއި މަގުތަކުގައި ހަރަކާތްތެރިވި އެވެ.