ފީއެއް ދެއްކުމުން ޓްވީޓްތައް ފެންނަ ފީޗާއެއް ތައާރަފްކުރަނީ
ފީއެއް ދެއްކުމުން ޓްވީޓްތައް ފެންނަ ފީޗާއެއް ތައާރަފްކުރަނީ

ވަކި ޓްވީޓްތަކެއް ބަލައިލަން ބޭނުން ނަމަ އަގެއް ދައްކަންޖެހޭ ގޮތަށް ޓްވިޓާ އިން "ސުޕަ ފޮލޯޒް" ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކުރަން ނިންމައިިފި އެވެ.

މި ފީޗާ އަކީ ޓްވިޓާ ބޭނުންކުރާ މީހުންގެ ޓްވީޓްތައް "ޕޭވޯލް" ގެ ގޮތުގައި ޓްވީޓްކޮށް އާންމުކޮށް ނުފެންނާނެ ގޮތް ހެދުމެވެ. އެހެންވެ ފޮލޯވަރުން އެ ޓްވީޓެއް ބަލައިލަން ބޭނުން ނަމަ ޖެހޭނީ ފީއެއް ދައްކާށެވެ.

ނަމަވެސް "ސުޕަ ފޮލޯޒް" އަށް ނަގާނެ އަގެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މި ފީޗާ ވަރަށް އަވަހަށް އާންމުކޮށް ދޫކޮށްލަން އުޅޭކަން ޓްވިޓާ އިން ހާމަކޮށްފައި ވަނީ މީގެ ވާހަކަތައް ދެކެވޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ފޭމަންޓް ފީޗާ އަކީ ޓްވިޓާ އިން "ރެވޫ" ކިޔާ ހިދުމަތެއް ގަނެގެން އޭގެ އެހީގައި ތަރައްގީކުރާ ފީޗާއެކެވެ. ބައެއް މީޑިއާތަކުން ބުނީ މިއީ ޕެޓްރިއޯން ކަހަލަ ފީޗާއެއް ކަމަށެވެ.

"ސުޕަ ފޮލޯޒް" އަކީ ޓްވިޓާ އަކީ އެ ބޭނުންކުރާ މީހުންނަށް ރައްކާތެރި އަދި ބޭނުންކުރަން ފަސޭހަ އެއްޗަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ޓްވިޓާ އިން ބުނި ގޮތުގައި މިފަދަ ފީޗާތަކާ އެކު މިހާރަށް ވުރެ ރަނގަޅަށް އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް އެ މީހުންގެ އޯޑިއަންސް "މޮނެޓައިޒްކުރެވޭނެ" އެވެ.

ރިޕޯޓްތައް ބުނާގޮތުން "ސުޕަ ފޮލޯޒް" އަކީ ޓްވިޓާ އިން ސަބްކްރިޕްޝަން ހިދުމަތަކަށް ދާން ޕްލޭންކުރާތީ އެކަމާ ވެސް ގުޅުވައިގެން ގެންނަ ފީޗާއެކެވެ.

އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޓްވިޓާ އަށް ގެންނަން ނިންމާފައިވާ އިތުރު ފީޗާތަކުގެ ތެރޭގައި "ކޮމިއިުނިޓީޒް" ވެސް ހިމެނެ އެވެ. މިއީ ފޭސްބުކްގެ ގްރޫޕްތައް ގޮތަށް ބައްޓަންކޮށްފައިވާ ފީޗާއެކެވެ.

ޓްވިޓާ އަށް ގެންނަން ހުރި ފީޗާތަކުގެ ތެރޭގައި "ސޭފް މޯޑް" ވެސް ހިމެނެ އެވެ. ނަމަވެސް މި އާ ފީޗާތައް ދޫކޮށްލާނެ ވަގުތެއް އަދި ނިންމައިފައެއް ނެތެވެ.