26 ފެބުރުއަރީ 2021 - 16:13

ކޮވިޑް-19 ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ގައިޑްލައިންތަކާ ހިލާފަށް ޕީޕީއެމް/ޕީއެންސީން މުޒާހަރާ ކުރަން އުޅޭތީ އެކަން ހުއްޓުވާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީ އާއި ފުލުހުން މިއަދު ދީފައި ވަނިކޮށް އިދިކޮޅު ފަރާތްތަކުން މުޒާހަރާއަށް ނުކުމެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުތަކަށް އެއްވާން އެޗްޕީއޭއިން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް އެ އެންގުމާ ހިލާފަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާތީ ހޯމް މިނިސްޓްރީ އާއި ފުލުހުން މިއަދު ބުނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ހިލާފަށް އެއްވެސް އެއްވުމެއް ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ. ބަލި ފެތުރޭގޮތަށް މަގުތަކަށް ނުކުމެއްޖެ ނަމަ ހުއްޓުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން މިހެން ބުނި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވަނީ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފަ އެވެ. ފުލުހުން އަންނަނީ ޕީޕީއެމް އޮފީސް ދޮރުމައްޗާއި މަޖީދީ މަގުގައި ވެސް ހަރަކާތްތެރިވެ އެއްވަމުން އަންނަ މީހުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބޮޑުތަކުރުފާނު މަގުގެ ބައެއް ހިސާބުތައް ވަނީ ބެރިކޭޑް ޖަހާ ބަންދު ވެސް ކޮށްފަ އެވެ.
ޕީޕީއެމްގެ އޮފީހުގައި ހުންނަވައިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ފުލުހުންނާއި ހޯމް މިނިސްޓްރީން އަންގާފައި ވަނީ ގާނޫނާ ހިލާފު އަމަރުތަކެއް ކަމަށާއި ގައުމުގެ ހާލަތު އޮތް ގޮތުން އެންމެން ވެސް މުޒާހަރާއަށް ނިކުންނަން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމް އޮފީސް ދޮރުމަތީގައި ފުލުހުން ތިބި ނަމަވެސް މާލޭގެ ހުރިހާ އަވަށްތަކުން ޕީޕީއެމްގެ ސަޕޯޓަރުން މަގުމައްޗަށް ނިކުތުމަށް އަދުރޭ އަންނަނީ ގޮވާލައްވަމުންނެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނުހުއްޓުވޭނެ ކަމަށެވެ. އެކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މުޒާހަރާއަށް ނިކުތުމަށް ތައްޔާރުވަނިކޮށް ފުލުހުން ވަނީ ޕީޕީއެމްގެ އިސް ދެ މެންބަރުން ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ކާނަލް މުހައްމަދު ނަޝީދު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ އެއްވުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އެއްވުން ރޭވުމުގައި އިސްކޮށް މިއަދު ތިއްބެވީ އެ ދެ ބޭފުޅުންނެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ދާދި ދެންމެއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ މަޖީދީ މަގުންނެވެ.
އެކި ސަރަހައްދުތަކަށް ބެހިގެން ކުރާ މުޒާހަރާ ހުއްޓުވަން ފުލުހުން އަންނަނީ އާއްމު މެމްބަރުން ވެސް ހައްޔަރުކުރަމުންނެވެ.