26 ފެބުރުއަރީ 2021 - 14:21

އާއްމުންގެ ސިއްހަތު ނުރައްކަލަކަށް ހުށަހެޅިދާނެ އެއްވެސް ހަރަކާތަކަށް ފުރުސަތު ނުދޭނެ ކަން އަންގައި، މާލޭގައި މިއަދު ހަވީރު އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބާއްވަން ތައްޔާރުވަމުން އެއްވުން ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުންނާއި ހޯމް މިނިސްޓްރީން ދީފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރޭތީ އެޗްޕީއޭ އިން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ޚިލާފަށް އެއްވެސް އެއްވުމެއް ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ. ބަލި ފެތުރޭގޮތަށް މަގުތަކަށް ނުކުމެއްޖެ ނަމަ ހުއްޓުވާނެ ކަމަށް ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އެޗްޕީއޭ އިން ވަނީ މާލޭގައި 10 މީހުންނަށް ވުރެން ގިނައިން އެއްފަހަރާ މަގުތަކަށް ނުކުތުން މަނާކޮށްފަ އެވެ. ބަލި ކޮންޓްރޯލް ނުވެ ފެތުރޭތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް މިރެއިން ފެށިގެން އިތުރަށް ހަރުކަށިކުރާނެ ކަން ރޭ ވަނީ އިއުލާންކޮށްފަ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނިގޮތުގައި އެޗްޕީއޭގެ އެ އެންގުމާ ޚިލާފަށް މަގުތަކަށް އެއްވާން ތައްޔާރުވަމުން އަންނަ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވެފައިވާ މި ދަނޑިވަޅަކީ އެއްވުންތައް ބާއްވައި ބަލި ފެތުރޭ ގޮތަށް މަގުތަކަށް ނުކުތުމުގެ ބަދަލުގައި ބަލިން އަރައިގަތުމަށް އެންމެން އެކީގައި މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް ދެކޭ ކަމަށް ބަޔާނުގައިވެ އެވެ.
ބަލި ކޮންޓްރޯލްކުރަން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ތަބާވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. އެއާ ޚިލާފަށް އަމަލުކޮށް ރައްޔިތުންގެ ސިއްހަތު ނުރައްކަލެއްގެ ތެރެއަށް ވައްޓާލެވޭ ގޮތަށް އަމަލުކުރާ އެންމެންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަކީ ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށެވެ. ހަމައެއާ އެކު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިނިވަންކަމަކީ އެއާ އެކު ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވާ އަދި ހުދޫދުތަކެއް ވެސް ކަނޑައެޅިގެންވާ ކަންކަން ކަމަށެވެ.
މުޖުތަމައުގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް މަސްއޫލިއްޔަތެއް ކަމުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާކަން ފާހަގަކޮށް ރާއްޖެ މިއަދު އޮތް ބަލިމަޑުކަމުގެ ހާލަތު ހޯމް މިނިސްޓްރީގެ ނޫސް ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.
މަގުތަކުގައި އެއްވުންތައް ނުބާއްވަންވީ ސަބަބުތަކަކީ ކޮވިޑް-19 ގައި 60 މީހުން މަރުވެ އެތައް ބަޔަކު ޕޮޒިޓިވްވެ ގިނަ އަދަދެއްގެ މީހުން ފަރުވާ އަށް އެޑްމިޓްކޮށްފައިވާ އިރު ސިއްހީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ އެންމެންނަށް ވަނީ ބުރަބޮޑުވެފައި ވުން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. މިއީ އެއްވުމަށް ފުރުސަތު ދެވޭނެ ހާލަތެއް ނޫން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ޖާގަ ފުރި، ރެއާ ދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމުގައި ދަންނަވަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކަަތެރިކަމަށް ބެލުމެއް ނެތި ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށާއި އެގޮތަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ. ސިޔާސީ ޕާޓީތަކުން ވެސް ރައްޔިތުންގެ އާންމު ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޒިންމާދާރުވުމަށް ބަޔާނުގައި ގޮވާލާފައިވެ އެވެ.