25 ފެބުރުއަރީ 2021 - 23:17

މާލޭ ރައްޔިތުން އެދެނީ ބޯހިޔާވަހިކަމާ އެކު ހިތްފަސޭހަތަނަކަށް މާލެ ބަދަލުވާން ކަމަށާއި "މިނިސްޓަރުގެ ލިސްޓަށް ފްލެޓް ބެހި" ބަޔަކަށް އެކަން ނުކޮށްދެވޭނެ ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އަހަރަކަށް ވުރެ ފަސް ވެފައިވާ ކައުންސިލް އިންތިހާބުގެ ރަސްމީކޮށް ފެށުމަށް ވާޗުއަލްކޮށް މިރޭ ބޭއްވި "އަލިވިލުން" ޖަލްސާގައި އަނަސް މިހެން ވިދާޅުވި އިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، މިނިސްޓަރުގެ ލިސްޓެއް ހަދައި، ފްލެޓް ދިނުމުގެ އުސޫލުގެ ބޭރުން، ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ފްލެޓް ބެހި ކަމުގެ ތުހުމަތު ކުރެ އެވެ.
މި ތުހުމަތާ އެކު މި ވެރިކަމުގައި ވަނީ "ހިޔާ މަޝްރޫއު" އިން އޭރު އިއުލާނުކުރި ފްލެޓް ލިސްޓުތައް ބާތިލްކޮށް ފްލެޓް ލިބޭ މީހުން އަލުން ކަނޑައަޅައިފަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަކީ ލާމަރުކަޒީ ނިޒާމު ބަލައިގަންނަ ބައެއް ނޫން ކަމަށް އިޝާރާތް ކުރައްވަމުން އަނަސް ވިދާޅުވީ މި ނިޒާމު ބަލައިނުގަންނަ ބަޔަކު ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ. ޕީީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ކުރި ކަންކަމަށް އިޝާރާތްކުރައްވަމުން އަނަސް ވިދާޅުވީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބުކުރާ މީހުން ހިފައި ހައްޔަރުކޮށް މަސްއޫލިއްޔަތުން އެކަހެރިކޮށް ގެންގުޅުނު އަދި ފޮތް ފަންސޫރު ފޮރުވި ބަޔަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ. ކަމަށެވެ.
"މާލޭގެ ރައްޔިތުން އެދެނީ ބޯހިޔާވަހިކަން، މާލޭއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެގޮތުން، ކައުންސިލް ހައުސިން ތައާރަފްކުރެވި، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން، އިންސާފުވެރިކަމާ އެކު، ބޭނުންޖެހިފައިވާ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދެވޭނީ އެމްޑީޕީ އަށް. މިނިސްޓަރުގެ ލިސްޓަށް ފްލެޓް ބެހި މީހުންނަކަށް ނޫން،" އެމްޑީޕީގެ އެސްޖީކަމުގައި ހުންނެވުމަށް ފަހު މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވާ އަނަސް ވިދާޅުވި އެވެ.
މިދިޔަ ދެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒަށް ނުސީދާކޮށް ރައްދު ދެއްވަމުން އަނަސް ވިދާޅުވީ ވައްކާމާ ފަސާދައިގެ ތެރޭގައި މިސްރާބެއް އަމާޒެއްނެތި ލާހުރުނު ހަތް އަހަރު ފެނިއްޖެ ކަމަށެވެ. އެއީ ހާސްކަމާއި ތޮއްޖެއްސުމުގެ ނާމާން ބިރުވެރި އަދިރި ހަތް އަހަރު ކަމަށް ސިފަކުރައްވަމުން އަނަސް ވިދާޅުވީ "ކަޅު އަނދިރި ރޭރޭ ކިތަންމެ ދިގުލައި ދިޔަޔަސް އާދުވަހަކަށް އަލިވިލޭނެ" ކަމަށެވެ.
"މިމާލޭގެ ރައްޔިތުންގެ އުންމީދުތަކެއް ހުވަފެންތަކެއް ހަތް އަހަރުގެ އަނިޔާއަކުން ފުނޑުފުނޑުކޮށެއް ނުލެވޭނެ. މި މާލެ އާދުވަހަކަށް އާ ފަތިހަކަށް ރަންރީނދޫ ފަތިހަކަށް އަލިވިލޭނެ،" އަނަސް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުން މަޝްރޫއުތައް ހިންގިއިރު އެ ކަންކަމުގައި އިސްކޮށް އުޅުނު ބައެއް މީހުން ކޮރަޕްޝަން ހިންގައި އެ މަޝްރޫތަކުގެ ތެރެއިން އަމިއްލަ ގެދޮރު ހެދި ކަމަށް ކުރާ ތުހުމަތާ ގުޅުވައި އަނަސް ވިދާޅުވީ އޭރު ސަރުކާރުގެ މަސްރޫއުތައް ނިންމި އިރު "މާލޭގެ ހަތަރު ކަނުގައި ކިއްލާ ހެދި" ކަމަށެވެ.
"މާލެ ރައްޔިތުން އެދެނީ މާލޭ މީހުންނަށް ބޯހިޔާވަހިކަން، އެކަން އިރާދަކުރެއްވިޔާ ﷲ ވާގިފުޅާއެކު ފުރިހަމަކުރާނީ ކުރިޔަށް އޮތް ކައުންސިލްގައި އަޅުގަނޑުމެން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީން ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާ އެކު ބޭއްވި ޖަލްސާގައި އަނަސް ވިދާޅުވި އެވެ.
އަނަސް ވިދާޅުވި ގޮތުގައި ކައުންސިލްތަށް ސާދާ ތަރުތީބެއްގެމަތިން ހިންގައި އެ ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ އިގްތިސާދީ ހަރަކާތްތަކުގެ ނަފާ އާއި މަންފާ ސީދާ ކައުންސިލްތަކަށް ލިބިދިނުމަކީ އެމްޑީޕީގެ އަމާޒެވެ.
މާލޭގެ ހުރިހާ އަވަށެއް އެކުވެރި ބަދަހި ބައެއްގެ ގޮތުގައި، އެކުވެލައި ގުޅުންބަދަހިކޮށް ހީސަމާސާ ކުރެވޭނެ ޖާގަ މާލެއަށް ބޭނުންވާ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އެކަން ކުރުމަކީ ކުރިޔަށް އޮތްތަކުގައި ކައުންސިލް މެދުވެރިކޮށް މާލެ ހިތްފަސޭހަކުރުމަށް ވާ ބޮޑު ވައުދެއް ކަމަށް ވެސް އަނަސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަމަހަމަކޮށް އެއް އުސޫލަކުން ކަންކަން ކުރުމަށް އެމްޑީޕީގެ ސައްތައިން ސައްތަ މެޖޯރިޓީ އޮތް ކައުންސިލަކަށް ޖާގަހޯދައިދޭންޖެހެ އެވެ.
"ދެން އުފެދޭ ކައުންސިލްތައް ވެގެންދާނީ މަދަދުވެރި ހިދުމަތެއް މި މާލެއަށް ފޯރުކޮށްދޭ ކައުސިލްތަކަށް، އަޅުގަނޑުގެ މާދަމާގެ ޖީލަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދީ، ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާމީހުންނަށް ގަވައިދުން ޒިޔާރާތްކޮށް މުހުތާދުތަށް ފުއްދައި ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ހުރިހާ ރައްޔިތުންނަށްދެން،" އޭނާ ވިދާޅުވި އެވެ.
އަނަސް ވިދާޅުވި ގޮތުގައި ފުނިޖައްސައި ތޮއްޖައްސައި، "ހަތަރެސްކަން ހަމަނުވާ ގޮޅިއެއްގެތެރޭގައި ދިރިތެޅޭކަށް" މާލޭ ރައްޔުތުން ބޭނުމެއް ނުވާނެ އެވެ.