25 ފެބުރުއަރީ 2021 - 14:31

މަޝްހޫރު ގާމިން ބްރޭންޑުން އުފައްދާ، އޮޑި ދޯނިފަހަރަށް ހާއްސަ އުފެއްދުންތަކުގެ ރާއްޖޭގެ ޑީލަރަކަށް އަލްޝާލީ މެރިން ހަމަޖައްސައިފި އެވެ.
މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އަކީ ޕާމް ޓްރީ މެރިން އެވެ. ޕާމް ޓްރީން ޑީލާޝިޕް އަލްޝާލިއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފެވެ. އަދި އަލްޝާލީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން، ގާމިން ބްރޭންޑުގެ ޖީޕީއެސް އާއި ރާޑަރުތައް އަލްޝާލީން މިހާރު ލިބެން ހުންނާނެ އެވެ. އަދި އެ ކުންފުނިން ވިއްކާ މި އުފެއްދުންތަކުން ވޮރެންޓީ ވެސް ލިބޭނެ އެވެ. އަލްޝާލީން ޖީޕީއެސް އާއި ރާޑަރުތައް އޮޑިދޯނި ފަހަރުގައި އިންސްޓޯލް ވެސް ކޮށްދޭނެ އެވެ.
ގާމިން އަކީ ދުނިޔޭގެ އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ މޮޅު ބްރޭންޑެކެވެ. މި ބްރޭންޑުން އޮޑިދޯނިފަހަރަށް ބޭނުންވާ ތަކެތީގެ އިތުރުން ގަޑިވެސް އުފައްދަ އެވެ. މިހާރު މި ބްރޭންޑުގެ ގަޑިވެސް ރާއްޖެއިން ލިބެން ހުންނާނެ އެވެ. މިއީ ކުޅިވަރު ކުޅޭ މީހުންގެ މެދުގައި މަގުބޫލު ގަޑިއެކެވެ.
ގާމިން ބްރޭންޑުގެ ގަޑީގެ ރާއްޖޭގެ ޑީލަރެއްގެ ގޮތުގައި ޕާމް ޓްރީން ހަމަޖައްސާފައިވަނީ ކްލިކް މޯލްޑިވްސް އެވެ. އަދި މި ގަޑީގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފައިވަނީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު އެވެ.