ކޮޕަ އެމެރިކާ އިން އިންޑިއާ އަށް ދައުވަތު ލިބިދާނެ
ކޮޕަ އެމެރިކާ އިން އިންޑިއާ އަށް ދައުވަތު ލިބިދާނެ

މުސްތަގުބަލުގައި ދެކުނު އެމެރިކާގެ މަޝްހޫރު ފުޓްބޯޅަ މުބާރާތް ކޮޕަ އެމެރިކާ އިން އިންޑިއާ އަށް ދައުވަތެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކޮވިޑް-19ގެ ސަބަބުން މި އަހަރަށް ފަސްކުރީ އެވެ. ފަހަކަށް އައިސް ކޮޕަ އެމެރިކާ ކުރިއަށްދަނީ ދެކުނު އެމެރިކާގެ ޓީމުތަކުގެ އިތުރުން އެހެން ބައްރުތަކަށް ނިސްބަތްވާ ދެ ޓީމަކަށް ދައުވަތު ދީގެންނެވެ. މި ފަހަރުގެ މުބާރާތަށް ދައުވަތުދިނީ އޮސްޓްރޭލިއާ އާއި ގަތަރަށެވެ.

"ޓައިމްސް އޮފް އިންޑިއާ" އަށް އޭއައިއެފްއެފްގެ ޖެނެރަލް ސެކްރެޓަރީ ކުޝާލް ދާސް ވިދާޅުވީ މި ފަަހަރުގެ ކޮޕަ އެމެރިކާ އިން އޮސްޓްރޭލިއާ އަށް ލިބިފައި އޮތް ފުރުސަތު އިންޑިއާ އަށް ދޭން ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

"އޮސްޓްރޭލިއާ އަށް އެކި ސަބަބުތަކާހުރެ މުބާރާތަށް ދެވޭނެ ގޮތެއްނެތް. އެހެންވެ އޮސްޓްރޭލިއާ އިިން ވަނީ އިންޑިއާ އާއި ކޮންމެބޯލް (ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން) އާ ވާހަކަ ދައްކާފައި އޮސްޓްރޭލިއާ އަށް އޮތް ފުރުސަތު އިންޑިއާ އަށް ދޭން. އެ ގޮތަށް ކޮންމެބޯލް އިން ވެސް ވަރަށް ޝައުގުވެރިވި އިންޑިއާ މި މުބާރާތުގައި ކުޅެން،" ކުޝާލް ވިދާޅުވި އެވެ.

އެ ހުށަހެޅުމާ މެދު އިންޑިއާ އަށް ގޮތެއް ނުނިންމިގެން އުޅެނިކޮށް އޭއެފްސީން ވަނީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް ޖޫން މަހަށް ފަސްކޮށްފަ އެވެ. އެހެންވެ އިންޑިއާ އަތުން ކޮޕަ އެމެރިކާގެ ފުރުސަތު މި ފަހަރު ގެއްލުނީ އެވެ.

"ކޮލިފައިން މެޗުތައް މާޗް-އޭޕްރީލް ގައި ކުޅެވުނު ނަމަ އެއީ (ކޮޕަ އެމެރިކާގައި ވާދަކުރުމަކީ) އަހަރެމެންނަށް ލިބޭނެ ފުރުސަތެއް. ކޮންމެބޯލް އިން މިހާރު ވަނީ މުސްތަގުބަލުގައި އޮންނަ މުބާރާތަކުން އިންޑިއާ އަށް ފުރުސަތު ދޭން ޝައުގުވެރިވާ ކަމަށް ބުނެފައި،" ދާސް ވިދާޅުވި އެވެ.

"ކޮޕަ އެމެރިކާ އަކީ ވަރަށް އުނދަގޫ މުބާރާތެއް. އެކަމަކު ޒުވާން ކުޅުންތެރިން ގޮވައިގެން ގޮސް އިންޑިއާ ފުޓްބޯޅައިގެ މުސްތަގުބަލަށް ރަނގަޅު ކުރިއެރުމެއް ހޯދޭނެ ފުރުސަތެއް އެ މުބާރާތުން ލިބިފައި މި އޮތީ،"

އިންޑިއާ ގައުމީ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ބުނީ ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ، ނޭމާ، ލުއިސް ސުއަރޭޒް އަދި ހަމޭސް ރޮޑްރިގޭޒް ފަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އިންޑިއާ އަށް ލިބުނު ނަމަ އެ ވެގެންދާނީ ވަރަށް ބޮޑު ތަފާތެއް އިންޑިއާ ފުޓްބޯޅަ އަށް ގެނުވާނެ ކަމަކަށެވެ.

"އުއްމީދަކީ ކުރިއަށް އޮތްތަނުގައި މި މުބާރާތުން އިންޑިއާ އަށް ފުރުސަތު ލިބުން. މިވާނެ ވަރަށް ތަފާތު ތަޖުރިބާ އަކަށް،" ސްޓިމަކް ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކުރަން ޖެހުމުން އޮސްޓްރޭލިއާ އާއި ގަތަރު މި ފަހަރުގެ ކޮޕަ އެމެރިކާގައި ނުކުޅޭނެ އެވެ.

އޮސްޓްރޭލިއާ އަށް ލިބިފައި އޮތް ފުރުސަތުގައި އިންޑިއާ އިން މި އަހަރުގެ ކޮޕަ އެމެރިކާގައި ވާދަކުރަން ނިންމި ނަމަ އެ ޓީމު ހިމެނޭނީ އާޖެންޓީނާ، ޗިލީ، އުރުގުއޭ، ބޮލީވިއާ އަދި ޕެރަގުއޭއާ އެކު ގްރޫޕް އޭގަ އެވެ. އޮސްޓްރޭލިއާ އާއި ގަތަރު ބައިވެރިނުވާތީ ކޮންމެބޯލް އިން މި ފަހަރު ކޮޕަ އެމެރިކާ ކުރިއަށްގެންދާނީ 10 ޓީމާ އެކުގަ އެވެ.

މިއީ 105 އަހަރުވީ ތާރީހުގައި ދެ ގައުމަކުން ކޮޕަ އެމެރިކާ ހޯސްޓްކުރާ ފުރަތަމަ ފަަހަރެވެ. މި ފަހަރުގެ ހޯސްޓުންނަކީ އާޖެންޓީނާ އާއި ކޮލަމްބިއާ އެވެ. މި ފަހަރުގެ މުބާރާތް ފަށަން ނިންމާފައިވަނީ ޖޫން 11 ގަ އެވެ.