25 ފެބުރުއަރީ 2021 - 11:39

ރާއްޖޭގައި އަންހެނުންނާ މެދު ތަފާތުކުރުން ނައްތާލަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދު އަދި ނިޒާމުގައި ހުރީ ކޮން މައްސަލަތަކެއްތޯ ބަލައި އެކި ދާއިރާތަކުގައި ބާރުވެރިކުރުމަށް ހުރި ހުރަސްތައް ދެނެގަތުމަށް ދިރާސާއެއް ކުރަން ފަށައިފި އެވެ.
ގައުމީ ޔުނިވަސިޓީން މި ދިރާސާކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ތައްޔާރުކުރާ ޕާލަމެންޓްރީ އިންކުއަރީއަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
މި ދިރާސާގައި ތަފާތުކުރުން ނައްތާލުމާއި ގައުމީ ތަރައްގީގަައި އަންހެނުން ބައިވެރިވުން ބޮޑުކޮށް ބާރުވެރިކުރަން ބޭނުންވާ މައުލޫމާތު އެއްކުރާނެ އެވެ. އަދި ރާއްޖޭގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުން ހުއްޓުވުމަށް ސޔާސަތުތަކާއި ނިޒާމާއި ގާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުން ވެސް ދެނެގެނަންނާނެ އެވެ.
"މީގެ އިތުރުން އާންމު ހާލަތާއި މިހާރު ހުރި ގާނޫނުތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ކަންތައްތަކާ ގުޅުން އޮތް ނުވަތަ ނެތް މިންވަރު ދެނެގަނެވޭނެ އެވެ،" ގައުމީ ޔުނިވަސިޓީން ބުންޏެވެ.
އަންހެނުންނާ މެދު ގެންގުޅޭ ނޭދެވޭ ތަފާތު ކުރުމުގެ އިންކުއަރީއެއް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
އެ ގަރާރުގައި އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގެ އާބާދީގެ 49 ޕަސެންޓު އަންހެނުން ހިއްސާކުރާއިރު އެ މީހުންނާ މެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ. މުޖުތަމައުގައި އަންހެނުންނާ މެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށާއި ދިވެހި މުޖުތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު މަގުފަހިކޮށްދިނުމަށާއި ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ކަށަވަރުކޮށްދޭން ޖެހިފައިވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
ގައުމީ ޔިުނިވަސީޓިގެ ދިރާސާ ނިމުމުން، ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ އެ ކަންކަމަށް ދާއިމީ ހައްލެއް ހޯދަން އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށް ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާގޮތަށް ވަނީ ނިންމައިފަ އެވެ.