25 ފެބުރުއަރީ 2021 - 10:07

ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ދިރާގު ދިވެހި ޕްރިމިއާ ލީގު އޮތީ މި މަހު ތިން ވަނަ ދުވަހުން ފެށިގެން މެދުކަނޑާލައިފަ އެވެ. އެ މުބާރާތް ފެށުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ހުރިހާ ޓީމެއްގެ ކުޅުންތެރިން ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. ވެކްސިން ޖަހަންދާ މީހުންގެ އަދަދު މަދުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި ދަނޑިވަޅުގައި އިއްޔެ ފުރަަތަމަ ޑިވިޝަންގެ ކްލަބްތަކާއި ކުޅުންތެރިންގެ އިތުރުން ފުޓްބޯޅައިގެ އިސް ފަރާތްތަކުން ވަނީ ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ކެމްޕޭނެއް ފަށައިފަ އެވެ.

ކްލަބްތަކުގެ ކުޅުންތެރިންނާއި ފުޓްބޯޅައިގެ އިސް ފަރާތްތަކުން މިހާރު އަންނަނީ ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މެސެޖުތައް ދެމުންނެވެ. ކުޅުންތެރިންނާއި ފުޓްބޯޅައިގެ އިސް ފަރާތްތަކުން އެންމެ ބޮޑަށް މި ހަރަކާތްތައް ކުރިއަށްގެންދަނީ ރާއްޖޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގަ އެވެ.
ގިނަ ކުޅުންތެރިން ދޭ މެސެޖަކީ "ވެކްސިން ޖަހައިފިންތަ؟ ހުރިހާ ކުޅުންތެރިން ވެސް ޖަހައިފި!" މިހެންނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ މި ކެމްޕެއިނުން، ކުޅުންތެރިންނަކީ މުޖުތަމައާ ގުޅޭ ބޭނުންތެރި ކަންކަމުގައި ނަމޫނާ ދައްކައިދޭ ކަމަށެވެ. މިކަމުގައި ހުރިހާ ކްލަބަކާއި ކުޅުންތެރިން ބައިވެރިވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ޖަވާ ވިދާޅުވި އެވެ.
ލީގު ހުއްޓާލާފައި މި އޮތް މުއްދަތުގައި ކުޅުންތެރިންނަށް އެކި ގޮތްގޮތުން ދިމާވަމުން އަންނަ ގޮންޖެހުންތަކަށް ހައްލެއް ލިބެން އޮތީ އަވަހަށް ލީގު ފެށިގެން ކަމަށް ބުނެ ކުޅުންތެރިން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.
ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް ހުއްޓިފައި އޮތުމުން ކްލަބްތަކާއި ކުޅުންތެރިންނަށް ލިބޭ ގެއްލުންތައް އިންތިހާ އަށް ބޮޑުވަމުންދާތީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ އިސް ފަރާތްތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ކްލަބްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންތައްތައް ކުޅިވަރުގެ މަޝްހޫރު ކުޅުންތެރިންގެ އެހީގައި ވެސް ޕްރޮމޯޓްކުރުން މުހިއްމު ކަމަށެވެ.
"ނުފޫޒުގަދަ އަދި މަޝްހޫރު އެތުލީޓުން ކުރިއަށް ޖެހި އެބަޖެހޭ ނުކުންނަން. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ އިރުޝާދުތައް ޕްރޮމޯޓްކުރަން. މިސާލަކަށް ސޯޝަލް ޑިސްޓެންސިން އަށް އިސްކަން ދިނުން. މާސްކް އެޅުން. ދެން ވެކްސިން ޖެހުމަށް ހޭލުންތެރިކުރުން،" ރައީސްއާ ހަވާލާދީ އޮފީހުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ކުއްލިއަކަށް ލީގު ހުއްޓާލުމުން ދިމާވެފައިވާ އުނދަގޫ ހާލަތުގެ ސަބަބުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ކްލަބްތަކުން އިސްވެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑް ވިިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ ވަރަށް މުހިއްމު ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. ސާންތީ ބުނީ ކޮވިޑް-19 ކަމުގައި ވިޔަސް ނުވަތަ ކޮމިއުނިޓީއާ ގުޅޭ ކޮންމެ ކަމެއްގައި ވެސް އެންމެ ރަނގަޅަށް މެސެޖެއް ފޯރުކޮށްދެވޭ އެއް ބަޔަކީ ކުޅުންތެރިން ކަމަށެވެ.
"ހަގީގަތުގައި އެކަން ކުރެވޭނެ އެންމެ ރަނގަޅު ބަޔަކީ އަޅުގަނޑުމެން. އަޅުގަނޑުމެންނަށް މި މެސެޖް ޕާސްކުރެވޭނީ. މިސާލަކަށް ފުރަތަމަ ޑިިވިޝަންގެ އަށް ކްލަބްގެ އިތުރުން މި އޮތް އެކެޑަމީތަކާއި އެ ހުރިހާ އެންމެން ބައިވެރިކޮށްގެން. އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ މެސެޖެއް ޕާސްކުރެވޭނެ ހަމަ ބޭނުންވާ ހިސާބަކަށް،" ކުރިން އެފްއޭއެމްގެ ޓެނިކަލް ޑިރެކްޓަރުގެ މަގާމުގައި ވެސް މަސައްކަތްތަކެއް ކުރި ސާންތީ ބުންޏެވެ.
ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން ވަރަށް އަވަހަށް އާ ގައިޑްލައިންތަކެއްގެ ދަށުން ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ ލިބޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.
ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ފެށި މުބާރާތެކެވެ. ގިނަ ޓީމުތަކުން ޕްރީ ސީޒަން ޕްރެކްޓިސް ފެށީ އޮކްޓޫބަރު މަހު އެވެ. ލީގު މެދުކަނޑާލިއިރު ފުރަތަމަ ބުރުގެ ކުޅުން ނިމި ދެ ވަނަ ބުރުގެ ބައެއް މެޗުތައް ވަނީ ކުޅެފަ އެވެ.