ވެކްސިންގެ އެއް ޑޯޒަށް ފަހު ވެސް ކޮވިޑް ޖެހިދާނެ: އެޗްޕީއޭ
ވެކްސިންގެ އެއް ޑޯޒަށް ފަހު ވެސް ކޮވިޑް ޖެހިދާނެ: އެޗްޕީއޭ

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ވެކްސިން ދީފައިވާ އެންމެންނަކީ ވެސް އެއް ޑޯޒު ލިބިފައިވާ މީހުންނެވެ. މި ވެކްސިނުން އެންމެ ރަނގަޅަށް ރައްކާތެރިކަން ލިބޭނީ ދެ ޑޯޒު ފުރިހަމަވެގެންނެވެ. އެކަމަކު ފުރަތަމަ ޑޯޒު ލިބޭ ހިސާބުން، ބަލިން ރައްކާތެރިވުމުގެ އާދަތައް ބައެއް މީހުން ދޫކޮށްލާތީ ކަންބޮޑުވުން އުފެދިފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިންޒާރުދޭ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު ވެސް ކޮވިޑް ޖެހިދާނެ އެވެ.

ވެކްސިން ޖެހިޔަސް މާސްކު އެޅުމާއި ގައިދުރުކުރުމާއި ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުން ހުއްޓާނުލާން އެޗްޕީއޭ އިން ދެމުން އަންނަ އިރުޝާދު ރޭ ވެސް ތަކުރާރުކުރި އެވެ. އަދި ވެކްސިން ޖަހައިގެން ތިބި މީހުން ވެސް ބަލީގެ އަލާމާތެއް ފެނިއްޖެއްޔާ ފްލޫ ކްލިނިކަށް ދާންވާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން މި ގޮތަށް އިރުޝާދު ދެމުން އަންނަނީ، ވެކްސިންގެ ފުރަތަމަ ޑޯޒުން ހަށިގަނޑުގައި ރައްކާތެރިކަން އުފައްދަން ފަށަން ދެ ހަފްތާ ނަގާތީ އާއި އެންމެ ރަނގަޅަށް ދިފާއު ލިބެނީ ދެވަނަ ޑޯޒަށް ދެ ހަފްތާ ފަހުން ކަމަށް ވާތީ އެވެ.

"ވެކްސިނުން ލިބޭ ރައްކާތެރިކަން އެންމެ ރަނގަޅު ގޮތުގައި ލިބޭނީ 2 ޑޯޒް ފުރިހަމަކުރުމުން. ވުމާއި އެކު ވެކްސިންގެ 1 ޑޯޒް ޖެހުމަށް ފަހު ވެސް ކޯވިޑް-19 ޖެހިދާނެ،" އެޗްޕީއޭގެ ޓްވީޓެއްގައި ބުންޏެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަ އޮކްސްފަޑް-އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދޭނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުން ކަމަށް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ. ޑަބްލިޔުއެޗްއޯ އިން ވެސް ލަފާދީފައި ވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒު އަށް ހަފްތާ އާއި 12 ހަފްތާއާ ދޭތެރޭ ޖެހުމަށެވެ. ރާއްޖޭގައި އެ ވެކްސިން ޖަހަން ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެހެންކަމުން ދެވަނަ ޑޯޒު ދޭން ފަށާނެ ކަމަށް ބެލެވެނީ އޭޕްރީލް ކުރީކޮޅެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް ފަންނީ ލަފާ ދޭ ގްރޫޕުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ މިދިޔަ ހަފްތާގައި ވިދާޅުވެފައިވާ ގޮތުގައި އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ ދެ ހަފުތާ ފަހުން 60 ޕަސެންޓް ރައްކާތެރިކަން ލިބުމާ އެކު އެ މީހެއްގެ ގައިން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު 60 ޕަސެންޓު ދަށްކޮށްލަ އެވެ. އެކަމަކު ލިބޭ ރައްކާތެރިކަން 70 ޕަސެންޓަށް އަރަނީ ދެ ވަނަ ޑޯޒު ޖަހާތާ ދެ ހަފުތާ ފަހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑްގެ ތިންވަނަ ރާޅެއް އައިސްފައި އޮތް މާލެ ސަރަހައްދުން އިއްޔެ ވެސް 94 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެހެން ތަންތަނުން ޕޮޒިޓިވްވި މީހުންނާ އެކު އިއްޔެ ރާއްޖޭގެ އާ ކޭސްތަކުގެ އަދަދު 124 އަށް އެރި އެވެ.

މި ދަނޑިވަޅުގައި ފުވައްމުލަކާއި އައްޑޫ ވެސް އޮތީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، ނާޒުކު ހާލަތުގަ އެވެ.

ރާއްޖޭގައި އިއްޔެގެ ނިޔަލަށް 90،865 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފަ އެވެ. މާލެ ސަރަހައްދުގައި މިހާރު އުމުރުން 25 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހޭނެ އެވެ. އަދި 18 އަހަރުން މަތީގެ، ދިގު މުއްދަތަށް ބޭސްފަރުވާކުރާ މީހުންނަށް ވެސް ވެކްސިން ދެ އެވެ.

އެޗްޕީއޭ އިން ރޭ އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މާލެ ސަރަހައްދުގެ ނުވަ ތަނަކާއި ރަށްރަށުގެ 169 ތަނެއްގައި އަންނަނީ ވެކްސިން ދެމުންނެވެ.

މާލެ ސަރަހައްދުގައި މިހާތަނަށް 64،900 މީހަކަށް ވެކްސިން ދީފައިވާ އިރު އަތޮޅުތަކުގައި ވެކްސިން ދީފައި ވަނީ 25،965 މީހުންނަށެވެ.