ހިޔާ ފްލެޓްތައް މާޗް ފަހުކޮޅު ހަވާލުކޮށް ފިނިޝިންއަށް ތިން މަސް ދެނީ
ހިޔާ ފްލެޓްތައް މާޗް ފަހުކޮޅު ހަވާލުކޮށް ފިނިޝިންއަށް ތިން މަސް ދެނީ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް އަންނަ މަހުގެ ފަހުކޮޅު ހަވާލުކޮށް ފިނިޝިން ނިންމަން ތިން މަސް ދޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތައް މާޗް ފަހުކޮޅު ހަވާލުކޮށް ފިނިޝިންއަށް ތިން މަސް ދެނީ
ހިޔާ ފްލެޓްތައް މާޗް ފަހުކޮޅު ހަވާލުކޮށް ފިނިޝިންއަށް ތިން މަސް ދެނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ހިޔާގެ ޓަވަރުތަކަށް ފެން ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ކަރަންޓުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއަށް ކުރިމަތިލީ ގާތްގަނޑަކަށް 24،000 ފޯމު އަލުން އިވެލުއޭޓްކޮށް ފްލެޓް ކޮމިޓީން ދާއިމީ ލިސްޓު އިއުލާންކުރުމުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފްލެޓް ހަވާލުކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބެލުން ކަމަށް އަސްލަމް ވިދާޅުވި އެވެ. ފްލެޓްތައް ލިބޭ މީހުންނާ އެކު އެއްބަސްވުންތައް ހަދައި ހަވާލުކުރުމުގެ ކުރިން އަށް ކަމެއް ކުރަން ފްލެޓް ކޮމިޓީން ހައުސިން މިނިސްޓްރީގެ މައްޗަށް ޒިންމާކުރުވާފައި އޮތް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

- ފްލެޓް ހަވާލުކުރާ އެއްވެސް މީހަކަށް މީގެ ކުރިން ސަރުކާރުން ހިންގި އެއްވެސް ހައުސިން ޕްރޮގްރާމަކުން ފްލެޓް ނުލިބޭކަން ކަށަވަރުކުރުން.

- ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ނަމަ އެކަކު ފްލެޓް ދޫކޮށްލާކަން ކަށަވަރުކުރުން.

- ފްލެޓް ލިބޭ މީހާގެ މާލެއިން 600 އަކަ ފޫޓުގެ ބިމެއް ނުވަތަ ގޯއްޗެއް ނެތް ކަން ކަށަވަރުކުރުން.

- އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންނަކީ ދަރިން ބަލާ ފަރާތްތައް ކަން ކަށަވަރުކުރުން. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ދޫކުރާ ފްލެޓްތަކުގައި އެ މީހަކު ދިރިއުޅޭނެތޯ ޔަގީންކުރުން.

- ފްލެޓް ރަޖިސްޓްރީގައި ނުކުޅެދުންތެރިކަން ހުންނަ މީހާ ރަޖިސްޓްރީކުރުން.

- ނުކުޅެދުންތެރިކަން ހުންނަ މީހަކާއި އޭނާ ބަލާ މީހަކަށް ވަކިން ފްލެޓް ލިބިއްޖެ ނަމަ އޭގެތެރެއިން އެކަކާ ފްލެޓް ހަވާލުކުރުން.

- ދެމަފިރިން ފްލެޓަށް ކުރިމަތިލާފައި މިހާރު ވަރިވެފައި ތިބި ނަމަ ދަރިން ބަލާ މީހާއަށް ފްލެޓް ދޫކުރުން. ދަރިން ނެތް ހާލަތެއްގައި ފްލެޓް ދޭނީ ކާކަށްތޯ ކަނޑައަޅާނީ މިނިސްޓްރީން. ފްލެޓް ލިބޭ އަނބިމީހާ/ފިރިމީހާއަށް ސަރުކާރުގެ އެހެން ހައުސިން ސްކީމަކުން ފްލެޓް ލިބިފައިވޭތޯ ބެލުން.

- ސިވިލް ސާވިސް ކެޓަގަރީން ލިބުނު މީހުން ވަޒީފާގައި ދެމިތިބިތޯ ބެލުން.

އަސްލަމް ވިދާޅުވި ގޮތުގައި މި ކަންކަން ބެލުމަށް ކަމާބެހޭ އިދާރާތަކާ އެކު ބައްދަލުވުމެއް ވާނީ ބާއްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުގައި އެ ފްލެޓްތައް ދޫކުރަން އެއްބަސްވެފައިވާ ގޮތަށް ފިނިޝިން ނުނިންމައި ދޭތީ އެ މަސައްކަތް ކުރަން ޖެހޭނީ ފްލެޓް ލިބުނު ފަރާތަކުން ކަމަށެވެ. އެއީ މުއްދަތެއް ހޭދަވާނެ ކަމަކަށް ވާތީ އެކަމަށް ތިން މަސް ވަނީ ކަނޑައަޅައިފަ އެވެ.

"އެ މުއްދަތުގައި ކުއްޔެއް ނުނަގާނެ،" އަސްލަމް ވިދާޅުވި އެވެ.

ޗައިނާގެ ކުންފުންޏާ އެކު ކުރީގެ ސަރުކާރުން އެއްބަސްވެފައި ވަނީ ފްލެޓް ލިބޭ މީހަކު ފިނިޝިން ނިންމާ ގޮތަށެވެ. އެހެންވެ ދެ ކޮޓަރީގެ އެ ފްލެޓްތައް ދޭނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށެވެ. އަދި ސިޓިންރޫމާއި ކޮޓަރިތަކުގައި ޓައިލްސް ވެސް ނުޖަހަ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލުމަކީ ވެސް ފްލެޓް ލިބޭ މީހާގެ ޒިންމާއެކެވެ.

"އެތަން ހުރި ހާލަތުން އަޅުގަނޑުމެން މި ބަލަނީ [މާޗް ފަހުކޮޅު ހަވާލުކޮށް] ތިން މަސް ވަރު ނަގާނެއޭ ދިރިއުޅެން ފަށަން،" އަސްލަމް ވިދާޅުވި އެވެ.

ފްލެޓް ލިބޭ މީހާގެ އަތުން ވެސް ބޮޑު ހޭދައެއް ފިނިޝިންއަށް ދާ ގޮތަށް ދޫކުރާ މި ފްލެޓްތަކުގެ އަގު މާކެޓް ރޭޓާ އަޅާބަލާއިރު ބޮޑުކަން މިނިސްޓަރު މިއަދު ވެސް ފާހަގަކުރެއްވި އެވެ.

މި ފްލެޓްތަކުގެ މަހު ކުއްޔަށް ނަގާނެ ވަރެއް އަދި ނުނިންމަ އެވެ. އެކަމުގެ މަޝްވަރާތައް އެބަދެ އެވެ.

ފްލެޓްތަކުގެ އަގާ ގުޅޭ ގޮތުން މި ސަރުކާރުން ބުނެފައި ވަނީ 20 އަހަރަށް ބަހާލުމުން ފްލެޓްތަކުގެ މަހު ކުލި 11،000ރ. އަށް އަރާ ކަމަށެވެ. އެކަމަކު މިއީ، ސޯޝަލް ހައުސިންއަށް ބަލާއިރު ބޮޑު އަދަދަކަށް ވާތީ ސަރުކާރުން ދީފައި އޮތް ޔަގީންކަމަކީ ފްލެޓްތަކުގެ މަހު ކުލި 7،500ރ. އަށް ވުރެން ބޮޑު ނުވާނެ ކަމެވެ.