24 ފެބުރުއަރީ 2021 - 18:32

ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓްތައް ދިނުމުގައި އޮޅުވާލުންތައް އޮތްތޯ ފްލެޓް ކޮމިޓީން ބަލަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތައް މިދިޔަ ސަރުކާރުން ދީފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ސަރުކާރު ބަދަލުވަން އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން އެކަން އެގޮތަށް ކުރީ ކީއްވެގެންތޯ ބަލައި އޭރު ސަރުކާރުން ފްލެޓް ދިނީ އޮޅުވައިލުންތަކެއްގެ ތެރެއިންތޯ ފްލެޓް ކޮމިޓީން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ފްލެޓް ކޮމިޓީން މިކަން ކުރަމުން އަންނަނީ ތަހުގީގީ އިދާރާތަކާ ގުޅިގެން ކަމަށް އަސްލަމް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން 7،000 ފްލެޓްގެ މަޝްރޫއު ހިންގި އިރު އެ މަޝްރޫއުގެ ތެރެއިން ފްލެޓް ލިބުނު ކަމަށް 9،500 މީހުންނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ދީފައިވެ އެވެ. އެހެން ކަމުން މިކަން ކުރީގެ ސަރުކާރުން ކުރި ގޮތް ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، ސަރުކާރުން ލިޔުމެއް ދިނުމުން ރައްޔިތުން އެ ބަލައިގަންނަން ޖެހޭނެ ކަމަށާއި އެކަން ފުރިހަމައަށް ބަލާނެ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ނާޅަން ނިންމުން އެއީ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ފްލެޓް ކޮމިޓީން ފްލެޓްތަކުގެ ފޯމު އެސެސްމެންޓް ނިންމުމަށް ފަހު ކުރީގެ ސަރުކާރުން ފްލެޓް ދިން ގޮތް ބެލުން މިހާރު ކުރަނީ،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، މިކަމުގައި އިތުރަށް ވާހަކަދެއްކޭނީ ފްލެޓް ކޮމިޓީން މިކަންކަން ތަހުގީގު ކުރުމަށްފަހު ކަމަށެވެ.