24 ފެބުރުއަރީ 2021 - 18:26

މާލޭގައި ބޯހިޔާވަހިކަން ބޭނުންވާ 17،073 އާއިލާއެއް އެބަ ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، މާލޭގައި ހައުސިން ޑިމާންޑް އެސްޓިމޭޓެއް ހަދާފައިވާ ކަމަށާއި މިކަން ބަލާފައިވަނީ އާއިލާތަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅޭ ތަންތަނުގެ ކުޑަ، ބޮޑު މިނަށް ބަލައިގެން ކަމަށެވެ. އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ބެލުމުގައި އެވްރެޖުކޮށް ފަސް މީހުން ހިމެނޭ އާއިލާއަކަށް 16،000ރ. ނުލިބޭ ނަމަ އެއީ ފަގީރު އާއިލާއެއްގެ ގޮތުގައި ބަލައި މިންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ލޯވާ- މިޑުލް އިންކަމް އާއިލާތަކުގެ ގޮތުގައި ބަލާފައި ވަނީ 16،000ރ. އާއި 32،000ރ. ގެ އާމްދަނީއެއް ލިބޭ އާއިލާތަކެވެ. އަދި މިޑުލް އިންކަމް އާއިލާތަކުގެ ގޮތުގައި ބަލަނީ 32،000ރ. އާއި 64،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ އާއިލާތަކެވެ. އަދި 64،000ރ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ އާއިލާތައް ބަލަނީ މުއްސަނދި އާއިލާތަކުގެ ގޮތުގަ އެވެ.
އަސްލަމް ވިދާޅުވީ، މި މިންގަނޑުން އާއިލާތައް ބަހާލި އިރު މާލޭގައި 2،560 އާއިލާއެއް ހިމެނެނީ ފަގީރު އާއިލާތަކުގެ ތެރޭގައި ކަމަށެވެ. އަދި ލޯވާ/މިޑުލް އިންކަމް އާއިލާތަކުގެ ތެރޭގައި 4،098 އާއިލާ ހިމެނޭ އިރު މިޑުލް އިންކަމް އާއިލާތަކުގެ ގޮތުގައި 5،634 އާއިލާ ހިމެނެ އެވެ. އަދި މުއްސަނދިންގެ ގޮތުގައި 4،780 އާއިލާ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އާއިލާތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އަދާކުރާ ވަޒީފާ އާއި މީހުންގެ އުމަރަކަށް ނުބަލާނެ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބަލާނެ އެވެ.
ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިންގެ ގޮތުގައި ބަލާނީ ލޯވާ މިޑުލް އިންކަމް އަށެވެ. މި މީހުންނަށް ދިގު މުއްދަތަކުން ފްލެޓް މިލްކު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މިޑުލް އިންކަމް ގްރޫޕަށް ބޭންކުން ލޯނު ނަގައިގެން ވަގުތުން ފްލެޓް މިލްކު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ހައި އެންޑް ހައުސިންގައި ފްލެޓްތައް ލިބޭނީ މާކެޓުގައި އަގުތައް ހުރި ރޭޓުގަ އެވެ.
އަސްލަމް ވިދާޅުވީ، ކައުންސިލް ހައުސިންތައް ދޭނީ މަހަކު 6،400ރ. ދައްކާ ގޮތަށް ކަމަށެވެ. އަދި އެފޯޑަބަލް ހައުސިންގެ ފްލެޓް އެއް މިލިއަން އާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގައި ދޭ އިރު މަހަކު ދައްކަން ޖެހޭ ކުލި އުޅޭނީ 6،800ރ. އާއި 12.000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ އިތުރުން މިޑުލް އިންކަމް ހައުސިންގެ ފްލެޓްގެ އަގު 1.5 މިލިއަން ރުފިޔާ އާއި 2.4 މިލިއަން ރުފިޔާގައި އުޅޭ އިރު މަހަކު ލޯނަށް ދައްކަން ޖެހޭ ވަރު 13،000ރ. އާއި 23،000ރ. އާ ދެމެދުގައި ބަހައްޓާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ 20،000 ފްލެޓް އަޅާނެ ކަމުގެ ވައުދާ އެކު އެވެ. އަސްލަމް ވިދާޅުވީ މި އަހަރު ތެރޭ ސަރުކާރުން 5،700 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.