އެއް ކޮޓަރީގެ ފްލެޓްތައް އަޅަން ހަވާލުކުރި އެގްރީމެންޓާ އެއްގޮތަށް އަމަލުކޮށްފައެއް ނުވޭ: އަސްލަމް
އެއް ކޮޓަރީގެ ފްލެޓްތައް އަޅަން ހަވާލުކުރި އެގްރީމެންޓާ އެއްގޮތަށް އަމަލުކޮށްފައެއް ނުވޭ: އަސްލަމް

ހިޔާ މަޝްރޫއުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ލިބުނު ގިނަ ބަޔަކަށް ފްލެޓް ނުދީ އެ ފްލެޓްތައް ބާތިލްކުރަން ޖެހުނީ އެ ފްލެޓްތައް އަޅަން ކުންފުނިތަކާ ހަވާލުކުރި އެގްރީމެންޓާ އެއްގޮތަށް ކުރީގެ ސަރުކާރުން އަމަލުކޮށްފައިނުވާތީ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އެއް ކޮޓަރީގެ އެޕާޓްމެންޓްތައް އަޅަން 20 ކުންފުންޏަކަށް ދޭން ސަރުކާރުން އޭރު ނިންމި ކަމަށެވެ. މި ގޮތަށް އެއްބަސްވުންތަކުގައި ސޮއިކުރީ ނޮވެމްބަރު 5، 2017 ގަ އެވެ. އޭނާ ވިދާޅުވީ މީގެ ތެރެއިން ގިނަ ކުންފުނިތަކުން ފްލެޓްތަކުގެ މަސައްކަތް ނުވެސް ފަށާ ކަމަށާއި މި ވަގުތު އެއްބަަސްވުން ޓާމިނޭޓް ނުކޮށް އޮތީ ހަތް ކުންފުނިން ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ތެރެއިން 7،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެހެން އަމިއްލަ ކުންފުނިތައް މެދުވެރިކޮށް އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ހަދަން މިދިޔަ ސަރުކާރުން ނިންމާފައިވަނީ ކުންފުނިތަކުން އަޅާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމެންޓްތަކުގެ 50 ޕަސެންޓް ސަރުކާރަށް ވަކި ރޭޓެއްގައި ގަތުމަށް ޝަރުތުކޮށްފަ އެވެ. އެގްރީމެންޓްތަކުގައި އެގޮތަށް އޮތް ނަމަވެސް ފްލެޓްތައް ސަރުކާރަށް ދެވޭނީ އޮންނަ އުސޫލުތަކުގެ ތެރެއިން ފްލެޓްތައް ގަތުމަށް ގެރެންޓީދީގެންކަން އެގްރީމެންޓްގައި ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް ކުންފުނިތަކަށް ސަރުކާރުން ޕާޗޭސް ގެރެންޓީދީފައެއް ނުވެ އެވެ.

"މިހާރު ޓާމިނޭޓް ނުކޮށް އޮތީ ހަތް ކުންފުންޏެއް. އެހެން ނަމަވެސް މަސައްކަތް ކުރިއަށް ނުގެން ގޮސް އޮތީ އެންމެ ތިން ފަރާތުން. އެމްއޭސީއެލް، އެމްޕީއެލް، އަދި އެމްޑަބްލިއުއެސްސީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ޕާޗޭސް ގެރެންޓީއެއް ދީގެން މި ތިން ކުންފުނިން ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް އެއް ކޮޓަރީގެ ފްލެޓްތައް އެ ކުންފުނިންތަކުން ހާއްސަކޮށްފައި އޮތީ އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ކަމަށެވެ.

މި ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ގަންނަން ލިބުނީ 36 ފްލެޓެވެ. އަސްލަމް ވިދާޅުވީ، އެ ފްލެޓްތައް ދޭން ނިންމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 50 އަށް ވުރެ މަތިން ޕޮއިންޓް ހޯދި ފަރާތްތަކަށް ކަމަށެވެ.

"އެއް ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލި އާއިލާތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބެނީ 34 ފަރާތައް. ބާކީ ދެ ފްލެޓް މާލޭގެ ރައްވެހީގެ ތެރެއިން އެއް ކޮޓަރިއަށް ކުރިމަތިލި ދެ ފަރާތަކަށް ދިނީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، 7،000 ފްލެޓަށް ކުރިމަތިލާން ހުށަހެޅި 9،500 މީހުންނަށް ފްލެޓް ދޭން ލިޔުން މިދިޔަ ސަރުކާރުން ދީފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާ ފްލެޓް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްތަކުގައި އެއް ކޮޓަރީގެ ކޮޓަރިތައް ނުހަދާނެ ކަމަށެވެ.