ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ
ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ

ތ. ވޭމަންޑޫގެ އިންޖީނުގޭގައި އަލިފާންރޯވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ފަތުހީ "މިހާރު" އަށް ވިދާޅުވީ އިންޖީނުގޭގައި ރޯވި ކަމަށް ބެލެވެނީ 2:30 ހާއިރު ކަމަށާއި އެ އަލިފާންގަނޑު އަދި ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.

"ފުލުހުންނާއި ރަށު ރައްޔިތުން ގުޅިގެން އެ އަލިފާންގަނޑު ނިއްވާލެވޭތޯ މި މަސައްކަތްކުރަނީ،" އޭނާ ވިދާޅުވި އެވެ.

އަލިފާނގަޑު ނިއްވާލުމަށްޓަކައި ޕަމްޕު ބޭނުންކޮށްގެން ފެން ޖެހުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށާއި ނަމަވެސް ހޫނު އެއްޗެއްގައި އަތްލުމުން ބައެއް މީހުން ކުޑަކޮށް ފިހިފައިވާ ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އެތަނުން ވަނީ ބުނެފަ އެވެ.