10 ނޮވެމްބަރ 2016 - 14:18

ވޮޝިންޓަން (ނޮވެމްބަރު 10) - މިޝިގަންގެ ސްޓާބަކްސް ކެފޭއެއްގައި އުމުރުން 25 އަހަރުގެ މުނާ މޫސިދު އިނީ ޓްރަމްޕުގެ ކާމިޔާބުގެ ތަގްރީރު ލެޕްޓޮޕުން ބަލާށެވެ. މިޝިގަންގެ އެންމެ ބައިބޯ އެއް ސިޓީ ކަމަށްވާ ޑިޓްރޮއިޓުގެ ޑެއާބޯންގެ ސަރަހައްދަކީ މުސްލިމުންގެ އާބާދީ ބޮޑު ހިސާބު ގަނޑެކެވެ. އެމެރިކާގެ އެހެން މުސްލިމުންނެކޭ އެއްގޮތަށް މުނާ ވެސް އިންތިޒާރު ކުރަމުން ދިޔައީ ޓްރަމްޕް ދައްކަފާނެ ވާހަކައަކަށާއި އޭނާ ކަންތައް ކުރައްވަފާނެ ގޮތަކަށެވެ. މުނާ އަކީ އެމެެރިކާގައި ދިރިއުޅޭ ޔަމަން ދަރިކޮޅުގެ މީހެކެވެ. އިންތިޚާބުގެ ނަތީޖާއާ އެކު އެ ސަރަހައްދުގެ ހުރިހާ މުސްލިމުންނަށް ވެސް ލިބުނީ ޝޮކެކެވެ.

ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ މުސްލިމުންނަށް ވަރަށް އިހާނެތި ބަސްތައް ރައްދު ކުރައްވައިފަ އެވެ. ވެރިކަމަށް ވަޑައިގެންފި ނަމަ އެމެރިކާ އަށް މުސްލިމުން ވަނުން މަނާކުރާނެ ކަމަށް ވިދާޅުވި އެވެ.
ނޯތު އެމެރިކާގެ އިސްލާމިކް ސޮސައިޓީގެ ވެރިޔާ ހާޒިމް ބާތާ ވިދާޅުވީ އެމެރިކާގެ އެންމެހާ މުސްލިމުން ވެސް މިހާރު އިންތިޒާރު ކުރަމުން ދަނީ ޓްރަމްޕުގެ ވެރިކަމުގައި ކަންތައް ވެގެން ހިނގައިދާނެ ގޮތަކާ މެދުގައި ކަމަށެވެ.
އެކަމަކު ޓްރަމްޕުގެ ކާމިޔާބީގެ ތަގްރީރުގައި ވަނީ އެމެރިކާގެ އެންމެހާ ރައްޔިތުންނަށް އުއްމީދުތަކެއް ދެއްވައިފަ އެވެ.
"އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ޔަގީންކޮށްދޭން ބޭނުން ވަނީ އަޅުގަނޑު ވާނީ އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސްއަކަށް ކަމަށް. ހުރިހާ ނަސްލުތަކާއި ދީންތަކުގެ މީހުންނަށް ވެސް،" ޓްރަމްޕް ވިދާޅުވި އެވެ.
ޑިއާބަންގެ މުސްލިމް އެމެރިކަން ޔޫތު އެކަޑަމީގެ އެލެމަންޓަރީ ސްކޫލްގެ ދަރިވަރުންގެ މެދުގައި ވެސް ވަނީ ޓްރަމްޕް ހޮވުމުން ސުވާލު އުފައްދައިފަ އެވެ.
"ހިލަރީގެ ބަދަލުގައި ޓްރަމްޕް ވެރިކަމަށް ހޮވީ ކިހިނެއް؟" ކުޑަ ކުއްޖަކު ސުވާލު ކުރި އެވެ.
ޑިޓްރޮއިޓުގެ ވޭން ސްޓޭޓް ޔުނިވާސިޓީގެ ހިބާ ނަސީރު، 19، ބުނީ ޓްރަމްޕް ހޮވުމާ އެކު ބުރުގާ އަޅައިގެން އޭނާ ބޭރަށް ނުކުތުމަށް ވެސް މިހާރު ޖެހިލުންވާ ކަމަށެވެ.
ޑިޓްރޮއިޓުގެ ބައެއް މުސްލިމުން ބުނީ ޓްރަމްޕް ހޮވުމުން އުފާ ވެސް ވާ ކަމަށެވެ. އިއްޔެގެ ހެނދުނުގެ ނާސްތާ ގަންނަން ގޮސް ޔަސްމީން ބޭކަރީގައި ހުރި 33 އަހަރުގެ ހަސަން އަލް ހަސަނީ ބުނީ ދެ ކެންޑިޑޭޓުންނަށް ބަލައި އިރު ޓްރަމްޕަކީ ނުބައިކަން ކުޑަ ކެންޑިޑޭޓް ކަމަށެވެ.