ކޮވެކްސް ހިލޭ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ގާނާއަށް
ކޮވެކްސް ހިލޭ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ގާނާއަށް

ޖެނީވާ (ފެބްރުއަރީ 24) - ފަގީރު ގައުމުތަކަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޮވެކްސްގެ ހިލޭ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ގާނާ އަށް މިއަދު ފޮނުވައިފި އެވެ.

ފަގީރު އަދި މުއްސަނދި ގައުމުތަކުގެ މެދުގައި ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އުފެއްދި ކޮވެކްސް މެދުވެރިކޮށް މި އަހަރު ނިމުމުގެ ކުރިން ދެ ބިލިއަން ޑޯޒުގެ ވެކްސިން ދޭނެ އެވެ.

"ކޮވެކްސްގެ ފުރަތަމަ ޝިޕްމަންޓް ފޮނުވި ގައުމަކީ ގާނާއަށް ވުމަކީ ލިބުނު އުފަލެއް،" ކޮވެކްސް ޕްރޮގްރާމްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ އެކު އިސް ރޯލެއް އަދާކުރާ ޔުނިސެފުން ބުންޏެވެ.

ގާނާ އަށް ޝިޕްމަންޓް ފޮނުވާފައި ވަނީ މުމްބާއީންނެވެ. އެ ގައުމަށް ފޮނުވީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން އުފައްދާފައިވާ އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ކޮވިޝީލްޑްގެ 600،000 ޑޯޒް ވެކްސިނެވެ. ކޮވެކްސް އިން ބުނީ ގާނާ އަށް 2،412،000 ޑޯޒުގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

ހުޅަނގު އެފްރިކާގެ ގައުމުން ވަނީ 80،759 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 582 މީހުން މަރުވެފަ އެވެ.

ކޮވެކްސްގައި ބައިވެރިވެފައިވާ 145 ގައުމަށް 337.2 މިލިއަން ޑޯޒުގެ ވެކްސިން ދިނުމަށް ވަނީ ނިންމައިފަ އެވެ. މިއީ އެ ގައުމުތަކުގެ އާބާދީގެ ތިން ޕަސެންޓަށް ފުދޭ މިންވަރެކެވެ. ކޮވެކްސް އިން އުއްމީދުކުރަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ އާބާދީގެ 27 ޕަސެންޓަށް ވެކްސިން ޖެހޭ ވަރަށް އެ ފެސިލިޓީގެ ތެރޭން މި އަހަރުގެ ޑިސެމްބަރުގެ ކުރިން، ވެކްސިން ފޯރުކޮށްދެވޭނެ ކަމަށެވެ.