24 ފެބުރުއަރީ 2021 - 14:47

ސިޔާސީ ޕާޓީތައް، އެެއް ޕާޓީން އަނެއް ޕާޓީއަށް ވާގިވެރިވާން އެއްބަސްވުންތައް ހަދަން ގާނޫނީ ހުރަހެއް ނެތް ކަމަށާއި ވަޒީރުންގެ މަޖިލީހަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި އެފަދަ އެއްބަސްވުމަކަށް ރައީސް އިހުތިރާމް ކުރައްވަން ގާނޫނީ ހުރަހެއް ވެސް ނެތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރިފްއަތު ވިދާޅުވީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޝަރުތުތަކާއި ސިފަތައް ހަމަވާ ފަރާތްތައް ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރުމަކީ ރައީސްގެ އިޚުތިޔާރުގައި އޮންނަ ކަމެއް ކަަމަށެވެ. އެ އިޚުތިޔާރު ބޭނުން ކުރެއްވުމުގައި ކޯލިޝަން އެއްބަސްވުމަކަށް އިހުތިރާމްކުރައްވަން ގާނޫނީ ގޮތުން ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލް ވިދާޅުވި ގޮތުގައި އޭނާ ދެކެވަޑައިގަންނަވަނީ ވަޒީރުކަމަށް އައްޔަންކުރައްވާ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ބޭނުންވާ ގޮތަށް އޮންނަ އޮތުމަކީ އެކަމުގައި ގާނޫނީ މައްސަލައެއް ނެތުން ކަމަށެވެ.
"އެހެންވީމާ ގާނޫނީ ގޮތުން އަޅުގަނޑަކަށް ނުފެނޭ އެއަކު މައްސަލައެއް އޮތް ކަމަކަށެއް. ދެން ރަނގަޅު ވާހަކައެއް، ފަހަރެއްގައި އެންމެ ފުރިހަމަ ގޮތަކަށް ވެދާނެ ކަންކަން ގާނޫނުއަސާސީގައި އިތުރަށް ތަފްސީލުކޮށްދިނުން ނޫނިއްޔާ ކަމާ ގުޅޭ ގާނޫނެއް ވުޖޫދަށް އައުން،" ރިފްއަތު ވިދާޅުވި އެވެ.
އޭނާ ކޮމިޓީއަށް ވަޑައިގެންނެވީ ވެރިކަންކުރާ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއް އޮތްތޯ ބަލަން ޖާބިރު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ސުވާލުކުރަން ކޮމިޓީން ނިންމުމުންނެވެ.
މިއަދުގެ ބައްދަލުވުމުގައި ޖާބިރު އެ ސުވާލު ކުރެއްވުމުން ރިފްއަތު ވިދާޅުވީ އެފަދަ އެއްބަސްވުމެއް އޮތަސް އެކަން ކަށަވަރުކޮށްދޭން އެނގިވަޑައިގަންނަވާނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ކަމަށެވެ. ކޯލިޝަންގެ އެއްބަސްވުމަކާ ބެހޭ ގޮތުން ލަފައެއް ހޯދަން އޭޖީ އޮފީހަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެފަދަ އެއްބަސްވުމެއް، އެއްވެސް ސިފައެއްގައި އަޅުގަނޑުމެންގެ އޮފީހުގައި ރެކޯޑްކުރެވިފައެއް ވެސް ނެތް،" ރިފްއަތު ވިދާޅުވި އެވެ.
އެހެން ވިދާޅުވުމުން ޖާބިރު ވިދާޅުވީ ހަތަރު ޕާޓީގެ ތެރޭގައި ކޭކު ބަހާލާހެން ސަރުކާރު ބަހާލާފައިވާ ކަމަށެވެ. އެކަން އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އެތައް ފަހަރަކު ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ ކޯލިޝަނާ ބެހޭ ގޮތުން ރައީސް ދައްކަވާ ވާހަކަފުޅާ ގުޅޭ ގޮތުން ލަފަޔަކަށް އައްސަވާފައި ނުވާ ކަމަށެވެ.
ރިފްއަތު ވިދާޅުވީ 2008 އިން ފެށިގެން ރާއްޖޭގައި އެކި ސިފަސިފައިގައި ކޯލިޝަން ހަދައިގެން މަސައްކަތްކުރަމުން އަންނާތީ އެއީ ރާއްޖޭގެ ސިޔާސީ އާދަކާދައަކަށް ވެފައިވާ ކަމަށެވެ. ގާނޫނުއަސާސީގައި މުތުލަގަށް އެކަން މަނާކޮށްފައި ނުވާތީ ސިޔާސީ ޕާޓީތަކަށް އެ އިޚުތިޔާރު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.