24 ފެބުރުއަރީ 2021 - 12:50

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފުވެގެން އެ ބައްޔަށް ޕޮޒިޓިވްވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަން ސްޓެލްކޯ އިން ނިންމައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ސޮއިކުރައްވައި މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނީ ބައެއް މުވައްޒަފުން ގައިޑްލައިނާ ހިލާފުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ސަބަބުތަކާހުރެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކަރަންޓިން ވާން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.
ސްޓެލްކޯ އިން ބުނީ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން ނިންމީ ސްޓެލްކޯ އަކީ 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތްދޭން ޖެހޭ ކުންފުންޏަކަށްވުމުގެ ސަބަބުން މުވައްޒަފުން ޕޮޒިޓިވްވެ ކްލަސްޓާއެއް އުފެދި ހިދުމަތަށް ބުރޫ އަރައިފާނެތީ ކަމަށެވެ. ޕޮޒިޓިވްވާ މުވައްޒަފުންގެ ތެރެއިން އިހުމާލެއް ނެތި ޕޮޒިޓިވްވާ މުވައްޒަފުންނާ މެދު ފިޔަވަޅު ނާޅާނެ ކަަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މީގެ ކުރިން ވެސް ހުޅުމާލޭގައި ސްޓެލްކޯގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވެ ހިދުމަތްތަކަށް ވަނީ ބުރޫއަރައިފަ އެވެ.
ސްޓެލްކޯ އިން ވަނީ އެއްވެސް މުވައްޒަފެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެންނަ ނަމަށް ވަގުތުން ފްލޫ މެނޭޖަރަށް އަންގައި ޓެސްޓު ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިހާލަތުގައި ހުރިހާ މުވައްޒަފުން ވެސް އެޗްޕީއޭ އާއި ސްޓެލްކޯގެ ގައިޑްލައިންތަަކަށް އަމަލުކުރުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.