24 ފެބުރުއަރީ 2021 - 12:07

ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އަޅާނެ ފިޔަވަޅުތަކެއްގެ ވާހަކަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ނެތީ އެކަމުގައި ފެއިލްވެފައި ވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގެ ބޭނުންކޮށްގެން، ސަރުކާރުން ކޮރަޕްޝަނުގެ އެކި އަމަލުތައް ހިންގާފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އަމަލުތައް ހިންގި ފަރާތްތަކަށް އަދަބު ދެވިފައި ނުވާ ކަމަށާއި އެއީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ސިޔާސަތު ފެއިލްވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ދައުލަތަށް ގެއްލުނު "އެންމެ ފައިސާ ފޮއްޗެއް" ވެސް ހޯދިފައި ނުވަނީ، ސަލީމް ވިދާޅުވި ގޮތުގައި، ޚިޔާނާތުގެ އެ ފައިސާ މި ސަރުކާރުގައި ތިބި މީހުންގެ އަތުގައި ވެސް ހޭކިފައި ހުރުމުންނެވެ.
"ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުނުވުމަކީ އަމިއްލައަށް ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ފެއިލްވީކަމުގައި ދެކެން،" ސަލީމް ވިދާޅުވި އެވެ.
ކޮރަޕްޝަނުގެ ތެރެއިން ގެއްލިގައިވާ ފައިސާ ނުހޯދޭ އިރު، އެކަމަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން މިހާރު ވސް ހިންގަނީ ކީއްވެތޯ ސުވާލު އުފައްދަވައި، ކޮމިޝަން އުވާލަން ވެސް އިދިކޮޅު ލީޑަަރު ގޮވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސް އިއްވަވާ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރެވެ.